Roadha Mihaaru
ފަސް ގޮނޑިއާ އެކު، ޕީއެންސީ އަށް ބޮޑު ކާމިޔާބީއެއް!

ފަސް ގޮނޑިއާ އެކު، ޕީއެންސީ އަށް ބޮޑު ކާމިޔާބީއެއް!

20 ޖުލައި 2024

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ހަ ދާއިރާއެއްގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީން ފަސް ދާއިރާއެއް ނަގައި، ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ހަ ދާއިރާއެއްގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީން ފަސް ދާއިރާއެއް ނަގައި، ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

އެ ދާއިރާތަކަށް އިދިކޮޅު އެމްޑީޕީން ވެސް ވާދަކުރިޔަސް މާ ބޮޑު ކެމްޕެއިނެއް ނެތުމާ އެކު، ކާމިޔާބު އެ ޕާޓީ އަށް އެންމެ ގޮނޑިއެއް ވެސް ނުލިބުނެވެ. ރ. ރަސްމާދޫ އަންހެން މެމްބަރުގެ ގޮނޑި ވެސް ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބޭއްވީ ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާ އާއި ރަސްމާދޫ އަންހެން މެންބަރުގެ ގޮނޑީގެ ބައި އިލެކްޝަނާއި ފ. ބިލެތްދޫ ރައީސްގެ ގޮނޑި އާއި ހުޅުމާލެ ދާއިރާ އާއި މައްޗަންގޮޅި މެދު އަދި ހެންވޭރު ހުޅަނގު ދާއިރާގެ ބައި އިލެކްޝަނެވެ.

އެ ހަ ދާއިރާގެ ތެރެއިން ރަސްމާދޫ ފިޔަވައި އެހެން ހުރިހާ ދާއިރާއެއް ޕީއެންސީން ކާމިޔާބުކުރި އެވެ.

މާލެ ސިޓީ ކައުންސިލުން ޕީއެންސީން ނެގީ ހެންވޭރު ހުޅަނގު ދާއިރާ (ފާތިމަތު ޝައުފާ ސަލީމް) އާއި ހުޅުމާލެ ދާއިރާ (އަލީ އައިމަން) އަދި މައްޗަންގޮޅި މެދުދާއިރާ (ފާތިމަތު އިޝާން އަލީ) އެވެ. ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް އަހުމަދެވެ. ބިލެއްދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ޕީއެންސީގެ އަރީހު އިސްމާއިލެވެ.

މިއަދު ޖުމްލަ ނުވަ ބައި އިލެކްޝަނެއް ބާއްވަން ނިންމާފައި އޮތެވެ. އަނެއް ތިން ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނުޖެހުނީ އިތުރު ކެންޑިޑޭޓަކު ކުރިމަތިނުލުމުންނެވެ. ވޯޓެއް ނެތި އެ ތިން ގޮނޑިއަށް އިންތިހާބުވެފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. ޅ އަތޮޅު ކައުންސިލްގެ ރައީސް - މުހައްމަދު ސަނީ

ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު - އަބްދުﷲ ސާމިހު

ޅ. ހިންނަވަރު ޑަބްލިއުޑީސީގެ މެންބަރު - ފާތިމަތު މޫސާ

ފަހަކަށް އައިސް މާލެ ސިޓީ ކައުންސިލްގެ ގޮނޑިތައް ކޮންޓްރޯލްކޮށް، ބޮޑު އަޣުލަބިއްޔަތެއް ދަަމަހައްޓަނީ ޕީޕީއެމް ނުވަތަ ޕީއެންސީންނެވެ. އެ ކައުންސިލުން މި ފަހަރު ތިން ގޮނޑި ހުސްވެ، މިއަދު ބައި އިލެކްޝަނެއް ބޭއްވީ ރައްޔިތުންގެ މަޖިލިހަށް ތިން ބޭފުޅަކު އިންތިހާބުވުމުންނެވެ.

ޕީއެންސީން ބައި އިލެކްޝަންގެ ގިނަ ގޮނޑިތައް މިއަދު ކާމިޔާބު ކުރި ނަމަވެސް މި އިންތިހާބުގައި ވޯޓުލާން ނުކުތީ ވަރަށް މަދު މީހުންނެވެ.

ހަ ދާއިރާއެއްގެ ބައި-އިލެކްޝަންގައި 13،112 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އިރު، ވޯޓުލާން ނުކުތީ 3،528 މީހުންނެވެ. އެއީ 27 ޕަސެންޓު މީހުންނެވެ.