Roadha Mihaaru
21 އަހަރަށް ފަހު މެސީ އާއި ރޮނާލްޑޯ ބެލޮންޑިއޯ އިން ކަޓައިފި

21 އަހަރަށް ފަހު މެސީ އާއި ރޮނާލްޑޯ ބެލޮންޑިއޯ އިން ކަޓައިފި

05 ސެޕްޓެމްބަރ 2024

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރޭ ހިމެނޭ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ އަށް 2003 ގެ ފަހުން ފުރަތަމަ ފަހަރަށް ބެލޮންޑިއޯ ނޮމިނޭޝަނުން ފުރުސަތު ގެއްލިއްޖެ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރޭ ހިމެނޭ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ އަށް 2003 ގެ ފަހުން ފުރަތަމަ ފަހަރަށް ބެލޮންޑިއޯ ނޮމިނޭޝަނުން ފުރުސަތު ގެއްލިއްޖެ އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް "ފްރާންސް ފުޓްބޯލް" މަޖައްލާ އިން ދޭ މި އެވޯޑް 8 ފަހަރު ހޯދާފައިވާ މެސީ އާއި ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ އަށް މި ފަހަރު ފުރުސަތެއް ނެތްކަން އެނގުނީ މި އަހަރުގެ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ނޮމިނޭޝަންސް ރޭ އިއުލާންކުރުމުންނެވެ.

އޮކްޓޫބަރު 28 ގައި ދޭ މި އެވޯޑަށް އެންމެ ގިނައިން ނޮމިނޭޓްވީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރެއާލް މެޑްރިޑުގެ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި މި އެވޯޑް ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ޖުޑް ބެލިންހަމް އާއި ވިނީޝުއަސް ޖޫނިއާ ހިމެނެ އެވެ. ރެއާލުން ދެން ޖާގަ ލިބުނީ ފެޑެރިކޯ ވަލްވާޑޭ އާއި އެންޓޯނިއޯ ރުޑިގާ އާއި ޓޯނީ ކްރޫސް އަދި ޑެނީ ކަރްވަހާލް އަށެވެ.

ބާސެލޯނާ އިން ލިސްޓުގައި ހިމެނޭ ހަމައެކަނި ކުޅުންތެރިޔަކީ މި އަހަރުގެ ޔޫރޯ ސްޕެއިނަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އުމުރުން 17 އަހަރުގެ ލަމީން ޔަމާލް އެވެ. އޭނާއާ އެކު ސްޕެއިނަށް ކުޅުނު އެތުލެޓިކް ބިލްބާއޯގެ ނިކޯ ވިލިއަމްސް ވެސް ލިސްޓުގައި ހިމެނެ އެވެ.

މެޗަކުން ބަލިނުވެ ޖަރުމަން ލީގު ކާމިޔާބުކުރި ބެޔާ ލެވަކޫސަންގެ ތިން ކުޅުންތެރިން މި ފަހަރު އެވޯޑަށް ވާދަކުރެ އެވެ. އެއީ އެލެކްސް ގްރިމާލްޑޯ އާއި ފްލޮރިއަން ވިޓްޒް އަދި ގްރަނިޓް ސަކާ އެވެ. މިދިޔަ ސީޒަނުގައި ލެވަކޫސަންގެ މައްޗަށް ކުރި ހޯދި ހަމައެކަނި ޓީމު ކަމަށްވާ ޔުރޮޕާ ލީގުގެ ޗެމްޕިއަން އިޓަލީގެ އެޓަލާންޓާ އިން ހިމެނެނީ ނައިޖީރިއާގެ އަޑެމޮލާ ލުކްމަން އެވެ. އޭނާ އަކީ މި ފަހަރު ނޮމިނޭޓްވި އެފްރިކާ ހަމައެކަނި ކުޅުންތެރިޔާ އެވެ.

މިދިޔަ ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރުނު ޗެލްސީގައި މޮޅަށް ކުޅުނު އިނގިރޭސި ފޯވާޑް ކޯލް ޕާމާ އަށް ލިސްޓުން ފުރުސަތު ވަނީ ލިބިފަ އެވެ. ޕްރިމިއާ ލީގުގެ އެހެން ޓީމުތަކަށް ބަލާއިރު އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒަށް ވަނީ ޖާގަ ލިބިފަ އެވެ. އޭނާ އަށް ފުރުސަތު ލިބުނީ އާޖެންޓީނާ އަށް ކޮޕާ އެމެރިކާ ކާމިޔާބުކޮށްދިނުމުގައި އަދާކޮށްދިން މުހިއްމު ދައުރުގެ ސަބަބުންނެވެ.

އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީން ލިސްޓުގައި ހިމެނެނީ އާލިން ހާލަންޑާއި، ފިލް ފޮޑެން އާއި ރޮޑްރީ އާއި ރުބެން ޑިއާސް އެވެ. މީގެ ތެރެއިން ރޮޑްރީ އަކީ އެވޯޑުގެ ފޭވަރިޓެކެވެ. އޭނާ އަކީ ސްޕެއިނާ އެކު ޔޫރޯ ވެސް ކާމިޔާބުކުރި ކުޅުންތެރިއެކެވެ.

ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދި އާސެނަލްގެ ހަތަރު ކުޅުންތެރިންނަށް ލިސްޓުން ވަނީ ފުރުސަތު ލިބިފަ އެވެ. އެއީ މާޓިން އޮޑެގާޑް އާއި ޑެކްލަން ރައިސް އާއި ބުކާޔޯ ސަކާ އާއި ވިލިއަމް ސަލީބާ އެވެ.

ސްޕެއިނުން ޔޫރޯ ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި އޭރު އާރްބީ ލީޕްޒިގް އަށް ކުޅުނު ޑެނީ އޮލްމޯ ވެސް ވަނީ ނޮމިނޭޓްވެފަ އެވެ. އޭނާ މިހާރު ކުޅެނީ ބާސެލޯނާ އަށެވެ. ލިސްޓުގައި ދެން ހިމެނެނީ އިޓާލިއަން ޗެމްޕިއަން އިންޓަ މިލާނުގެ ލައުޓާރޯ މާޓިނޭޒް އާއި ހަކާން ޗަނައޮގްލޫ އެވެ. މީގެ ތެރެއިން މާޓިނޭޒް އަކީ އާޖެންޓީނާ އަށް ކޮޕާ އެމެރިކާ ކާމިޔާބުކޮށްދޭން މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ.

ބެލޮންޑިއޯގައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް ދޭ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ސްޕެއިނުގެ ޔަމާލް އާއި ފްރާންސްގެ ވަރެން ޒަޔަރް-އެމެރީ އާއި ތުރުކީގެ އާރްދާ ގުލާ އަދި އާޖެންޓީނާގެ އަލެހަންދްރޯ ގޯމޭޒް ފާހަގަކުރެވެ އެވެ.

އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ ލެވަކޫސަންގެ ޒަބީ އޮލޮންސޯ އާއި ރެއާލުގެ ކާލޯ އަންޗެލޮޓީ އާއި ސްޕެއިނުގެ ލުއިސް ޑެ ލާ ފުއެންޓޭ އާއި އެޓަލާންޓާގެ ޖިއަން ޕިއޭރޯ ގަސްޕެރީނީ އާއި ސިޓީގެ ޕެޕް ގާޑިއޯލާ އަދި އާޖެންޓީނާގެ ލިއޮނަލް ސްކަލޯނީ އެވެ.