Roadha Mihaaru
ޕީއެސްޖީއާ ވާދަކުރާ އޯލްސްޓާ ޓީމުގެ ކެޕްޓަނަކީ ރޮނާލްޑޯ

ޕީއެސްޖީއާ ވާދަކުރާ އޯލްސްޓާ ޓީމުގެ ކެޕްޓަނަކީ ރޮނާލްޑޯ

17 ޖެނުއަރީ 2023

ރިޔާދު (ޖެނުއަރީ 16) - ބުރާސްފަތި ދުވަހުގެ ރޭ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ކުޅުމަށް ހަމަޖެހިފައިވާ ރިޔާދު ސީޒަން ކަޕް މެޗުގައި ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ނުކުންނަ އަލް ނަސްރާއި އަލް ހިލާލްގެ އޯލްސްޓާ ޓީމުގެ ކެޕްޓަނަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ހަމަޖައްސައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރިޔާދު (ޖެނުއަރީ 16) - ބުރާސްފަތި ދުވަހުގެ ރޭ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ކުޅުމަށް ހަމަޖެހިފައިވާ ރިޔާދު ސީޒަން ކަޕް މެޗުގައި ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ނުކުންނަ އަލް ނަސްރާއި އަލް ހިލާލްގެ އޯލްސްޓާ ޓީމުގެ ކެޕްޓަނަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ހަމަޖައްސައިފި އެވެ.

އޯލްސްޓާ ޓީމުގެ ކެޕްޓަނަކީ ދާދި ފަހުން އަލް ނަސްރަށް ބަދަލުވި ރޮނާލްޑޯ ކަން، ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ ޗެއާމަން ތުރުކީ އަލް ޝެއިޚް ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯ ކްލިޕެއްގައި ޔަގީން ކޮށްދީފަ އެވެ.

ރޮނާލްޑޯ ޔޫރަޕްގެ ކްލަބް ފުޓްބޯޅަ ދޫކޮށްލިތާ މާ ގިނަ ދުވަހެއް ނުވެ، ފުޓުބޯޅަ ސަޕޯޓަރުންނަށް އަނެއްކާ ވެސް މިވަނީ ރޮނާލްޑޯ އާއި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ ކުރިމަތިލުމެއް ބަލައިލުމުގެ ފުރުސަތު ފަހިވެފަ އެވެ.

ހާއްސަ ފުރުސަތުތަކަކާ އެކު މި މެޗަށް "ބިޔޯންޑް އިމޭޖިނޭޝަން ޓިކެޓް" ނަމުގައި ރަން ޓިކެޓެއް ވެސް ވިއްކަން ވަނީ ހަމަޖެހިފަ އެވެ. ބިޑު ކޮށްގެން ގަންނަން ޖެހޭ މި ޓިކެޓުގެ އަގު ފެށުނީ ދެ މިލިއަން ސައުދީ ރިޔާލް (532،000 އެއްހާ ޔޫއެސް ޑޮލަރު) އިންނެވެ.

މި ޓިކެޓަށް ބިޑް ކުރުމުގެ ފުރުސަތު މާދަމާއާ ހަމައަށް ވަނީ ހުޅުވިފަ އެވެ. މިހާތަނަށް ބިޑް ލީޑް ކުރަމުން އަންނަނީ 10 މިލިއަން ރިޔާލް (2.66 މިލިއަން ޑޮލަރު) ގެ ބިޑެއް ހުށަހަޅާފައިވާ ސައުދީ އަރަބިއްޔާގެ ވިޔަފާރިވެރިއެކެވެ.

ރަން ޓިކެޓް ކާމިޔާބުކުރާ ފަރާތަކަށް ލިބޭ ހާއްސަ ފުރުސަތުތަކުގެ ތެރޭގައި، ޗެއާމަން ތުރުކީ އަލް ޝެއިޚް އާއެކު މެޗު ފެށުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވުމާއި، ރޮނާލްޑޯ އާއި މެސީ އަދި އެމްބާޕޭގެ އިތުރުން ނޭމާއާ ބައްދަލު ކޮށްލައި، މެންދުރުގެ ކެއުމުގައި ވެސް ބައިވެރިވުމެވެ.

މީގެ އިތުރުން ދެ ޓީމުގެ ޗޭންޖިން ރޫމް ބަލައިލުމާއި، އިނާމުދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ، މޮޅުވާ ޓީމާ އެކު ގުރޫޕް ފޮޓޯއެއް ނަގަން ވެސް ފުރުސަތު ލިބޭނެ އެވެ.