Roadha Mihaaru

ފަސޭހައިން އިންޓަ މަޔާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާއަށް

އެޓްލާންޓާ (ޖޫން 29) - އިންޓަ މަޔާމީގެ މައްޗަށް 4-0 އިން ފަސޭހަ މޮޅެއް ހޯދައި ޕީއެސްޖީ، ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ފަސޭހައިން އިންޓަ މަޔާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާއަށް

އެޓްލާންޓާ (ޖޫން 29) - އިންޓަ މަޔާމީގެ މައްޗަށް 4-0 އިން ފަސޭހަ މޮޅެއް ހޯދައި ޕީއެސްޖީ، ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ލުއިސް އެންރީކޭ ކޯޗު ކޮށްދޭ ޕީއެސްޖީން ހުރިހާ ގޯލެއް ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ޔާއޯ ނެވޭސް ދެ ގޯލު ޖެހި އިރު، އަޝްރަފް ހަކީމީ ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ. ޑިޒަޔާ ޑޫއޭ ނަގައިދިން ހުރަހަކުން އަނެއް ލަނޑު ވަނީ އިދިކޮޅު ކުޅުންތެރިއެއް އަތުން ބައިކޮޅަށެވެ.

ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީން ދެވަނަ ހާފުގައި ޓެމްޕޯ ދަށް ކޮށްލުމާ އެކު ވެސް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ ކެޕްޓަންކަމުގައި ކުޅުނު އިންޓަ މަޔާމީއަށް ގޯލު ޖަހާނެ މާ ރަނގަޅު ފުރުސަތެއް ނުހޯދުނެވެ. މިއާ އެކު، އެ ޓީމަށް ވަނީ މިހާހިސާބުން ފީފާ ކްލަބް ވޯލްޑް ކަޕް މުބާރާތް ނިމިފަ އެވެ.

މެސީ އަށް މެޗުގައި ޕީއެސްޖީގެ ގޯލަށް ނުރައްކާ ކުރެވުނީ ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

"އަހަރެމެންނަށް އެނގޭ ކުރިން ވެސް، މިރޭ އުނދަގޫ ވާނެކަން ދުނިޔޭގައި ވެސް އޮތް އެންމެ މޮޅު އެއް ކްލަބާ ދެކޮޅަށް،" މެޗަށް ފަހު އިންޓަ މަޔާމީގެ ކޯޗު ހަވިއޭ މަޝަރާނޯ ބުންޏެވެ.

ކުރިން ޕީއެސްޖީއަށް ވެސް ކުޅެފައިވާ މެސީގެ އިންޓަ މަޔާމީއަށް ކްލަބް ވޯލްޑް ކަޕުން ފުރުސަތު ލިބުނީ، ހޯސްޓްގެ ގޮތުގަ އެވެ. މި ފުރުސަތު އެ ކްލަބަށް ދިނީ މިދިޔަ އަހަރުގެ ސަޕޯޓާސް ޝީލްޑް ކާމިޔާބު ކޮށްފައިވާތީ އެވެ.

އެމެރިކާގެ އެއްވަނަ ޑިވިޝަން ދެ ބަޔަކަށް ބަހާލާފައި ވާއިރު، ސަޕޯޓާސް ޝީލްޑް ލިބެނީ ދެ ބައިން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ ކްލަބަކަށެވެ. އިންޓަ މަޔާމީ ވަނީ މިދިޔަ ސީޒަންގެ އީސްޓާން ކޮންފަރެންސްގައި، ވެސްޓާން ކޮންފަރެންސްގެ އެއްވަނަ ހޯދި އެލްއޭ އެފްސީއަށްވުރެ 10 ޕޮއިންޓް އިތުރަށް ހޯދައިފަ އެވެ.