Roadha Mihaaru
މެސީގެ ވާހަކަތައް އަލް ހަލީފީ ދޮގުކޮށްފި

ވޯލްޑް ކަޕްގެ އަގުވަޒަންނުކުރި މައްސަލާގައި މެސީގެ ވާހަކަތައް އަލް ހަލީފީ ދޮގުކޮށްފި

26 ސެޕްޓެމްބަރ 2023

ޕެރިސް (ސެޕްޓެމްބަރު 26) - މިދިޔަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއިން ހޯދުމުން، ޕީއެސްޖީން އަގުވަޒަން ނުކުރިކަމަށް ބުނެ ލިއޮނެލް މެސީ ދެއްކި ވާހަކަތައް އެ ކްލަބްގެ ރައީސް ނާސިރު އަލް ހަލީފީ ދޮގުކޮށްފި އެވެ.

ޕެރިސް (ސެޕްޓެމްބަރު 26) - މިދިޔަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއިން ހޯދުމުން، ޕީއެސްޖީން އަގުވަޒަން ނުކުރިކަމަށް ބުނެ ލިއޮނެލް މެސީ ދެއްކި ވާހަކަތައް އެ ކްލަބްގެ ރައީސް ނާސިރު އަލް ހަލީފީ ދޮގުކޮށްފި އެވެ.

ގަތަރުގައި ބޭއްވި މުބާރާތުގެ ފައިނަލުގައި މެސީ ވަނީ އޭގެ ކުރީގެ ޗެމްޕިއަން ފްރާންސް ކޮޅަށް ދެ ލަނޑު ޖަަހައިފަ އެވެ. އަދި ޕެނަލްޓީޝޫޓް އައުޓްގައި ވެސް އޭނާގެ ޕެނަލްޓީ ވެސް މެސީ ވައްދާލި އެވެ.

މިދިޔަ ސީޒަނަށްފަހު ޕީއެސްޖީގެ ކޮންޓްރެކްޓް ހަމަވުމުން އެ ޓީމު ދޫކޮށްލި މެސީ، 36، ބުނީ އާޖެންޓީނާގެ ވޯލްޑް ކަޕް ސްކޮޑްގައި ހިމެނުނު 25 ކުޅުންތެރިންގެ ތެރެއިން ކްލަބުގެ އަގުވަޒަންކުރުމުގެ ފުރުސަތު ނުލިބުނީ ހަމައެަކނި އޭނާ އަށް ކަމަށެވެ.

"އަހަންނަށް ގަބޫލުކުރެވޭ އެއީ ކީއްވެގެންކަން... އެ މީހުންނަށް [ފްރާންސަށް] ތަށި ދިފާއު ނުކުރެވުނީ އަހަރެމެން [އާޖޭންޓީނާ] ގެ ސަބަބުން،" އީއެސްޕީއެން އަށް މެސީ ބުންޏެވެ.

އެކަމަކު އަލް ހަލީފީ ވިދާޅުވީ މެސީ ވޯލްޑް ކަޕް ހޯދުމުން ކްލަބްގެ އެތޭރަގައި އޭނާ އަގުވަޒަން ކުރި ކަމަށެވެ. އޭނާ އަށް ހާއްސަ ވީޑީއޯއެއް ވެސް ކްލަބްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކޮށްފައިވާނެ ކަމަށް ވެސް ހަލީފީ ވިދާޅުވި އެވެ.

"އިހުތިރާމާ އެކު ބުނަން. އަހަރެމެންނަކީ ފްރާންސްގެ ކްލަބެއް. ސްޓޭޑިއަމްގައި އުފާފާޅުކުރުމަކީ ހަމަ ޔަގީނުން ވެސް ނާޒުކު ކަމެކަށް ވާނެ. އޭނާ ބަލިކުރި ގައުމު ފްރާންސް ޓީމުގައި ތިބި އޭނާ އާ އަމިއްލަ ކްލަބްގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވެސް އިހުތިރާމް ކުރަން ޖެހޭނެ," އަލް ހަލީފީ ވިދާޅުވި އެވެ.

ޕީއެސްޖީގެ ކޮންޓްރެކްޓް އާ ކުރަން މެސީ ބޭނުން ނުވީ ވެސް އެ ކްލަބާ މެދު ހިޔާލުތަފާތުވުންތަކެއް އުފެދިގެން ކަމަށް މީޑިއާތަކުން ބުންޏެވެ. ހިލޭ ޓްރާންސްފާގައި އޭނާ ބަދަލުވީ އެމެރިކާގެ އިންޓަ މަޔާމީ އަށެވެ.