Roadha Mihaaru
ކޮވިޑާ އެކު މެސީ އަށް ސިއްހީ ބޮޑެތި މައްސަލަތަކެއް

ކޮވިޑް ޖެހިގެން މެސީ އަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވި

31 މެއި 2022

ލެޒަމާ، ސްޕެއިން (މެއި 31) - ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވި ފަހުން، އޭނާ އަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވި ކަމަށް ޕީއެސްޖީގެ ފޯވާޑް ލިއޮނެލް މެސީ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލެޒަމާ، ސްޕެއިން (މެއި 31) - ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވި ފަހުން، އޭނާ އަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވި ކަމަށް ޕީއެސްޖީގެ ފޯވާޑް ލިއޮނެލް މެސީ ބުނެފި އެވެ.

ޖެނުއަރީ މަހު ކޮވިޑަށް ޕޮޒިޓިވްވެ ރަނގަޅުވި ފަހުން އެ ބަލީގެ އެއްވެސް އަލާމާތެއް ނެތްކަން ޓެސްޓްތަކުން ދެއްކި ނަމަވެސް، އޭގެ ފަހުން ކުރިމަތިވި އުނދަގޫތަކުން އަރައިގަންނަން އިތުރު މުއްދަތެއް ހޭދަވި ކަމަށް މެސީ ބުންޏެވެ.

"އެބަލި އަހަރެންގެ ހަށިގަނޑުން ބޭރުވި. އެކަމަކު އޭގެފަހުން އެހެން އުނދަގޫތަކެއް ތަހައްމަލުކުރަން ޖެހުނު. އަހަރެންގެ ފުއްޕާމެއަށް އަސަރުކުރި. އަހަރެން އެނބުރި ޓީމާ ގުޅުނިން. އެކަމަކު ދޮޅު މަހެއް ވަންދެން އަހަރެން ހުރިން ފުއްޕާމެއަށް ކުރި އަސަރުތަކާއެކު އޭގެ ވޭނުގައި. ދުވެ ހަދަން ވެސް އަހަންނަށް އުނދަގޫވި. ސަބަބަކީ އަހަރެންގެ ފުއްޕާމެއަށް އަސަރުކޮށްފައި ހުރީމަ،" ހަގު އުމުރުގައި ހެދި ބޮޑުވުމުގެ ސިއްހީ މައްސަލަތަކާ ވެސް ކުރިމަތިލާން ޖެހުނު މެސީ ކިޔައި ދިނެވެ.

އޭނާ އިތުރަށް ބުނީ އެ އުނދަގޫތަކުގެ ތެރޭގައި އުޅެމުން އަވަހަށް ކުޅުމުގެ ތެރެއަށް އެނބުރި ނުކުތުމުން އޭގެ ވޭންތައް އިތުރަށް ގޯސްވި ކަމަށެވެ.

"އަހަރެން އަމިއްލަ އަށް ބޭނުންވީ އެހާ އަވަހަށް ކުޅުމުގެ ތެރެއަށް އެނބުރި އަންނަން،" މެސީ ބުންޏެވެ.

"އަހަރެން އެނބުރި ދިޔައީ ހަގީގަތުގައި އެނބުރި އަންނަން ޖެހޭ ވަރަށް ވުރެ ކުރިން. މާ އަވަހަށް ދިޔައީމަ އެކަން ގޯސްވެ އަހަރެންގެ ކުރިއެރުން އިތުރަށް ފަހަތަށް ޖައްސާލި. އަހަރެން ބޭނުންވީ އިތުރަށް ލަސްނުކޮށް ފިޓްވެގެން ޓީމަށް އެހީވާން. އަހަރެން ބޭނުންވީ ދުވަން. ޓްރެއިނިން ހަދަން. އަހަރެން ބޭނުންވީ ކުރިއަށް ދާން. އެކަމަކު އާހިރުގައި އެކަން ގޯސްވީ. އަހަރެންގެ ކުޅުން މަޑުޖެހުނު."

މެސީ ބުނީ އެ އުމުރުގައި، ކުއްލިއަކަށް ކްލަބް ބަދަލުކުރަން ޖެހުމުން ވެސް އެ ޓީމަށް ހޭނެން އުނދަގޫވި ކަމަށެވެ. ބާސެލޯނާގެ ކުރީގެ ކެޕްޓަން، ނިމިދިޔަ ސީޒަންގައި ޕީއެސްޖީ އަށް ބަދަލުވީ ފައިނޭންޝިއަލް ފެއާޕްލޭގައި ބުނާ އަދަދުތަކަށް ވުރެ ބާސާގެ މޫސަރަ ބިލް ބޮޑުވާނެތީ، އޭނާ އަށް އެ ކްލަބްގައި ހުރެވެން ނެތުމުންނެވެ.

އާޖެންޓީނާގެ ޓީވައިސީ ސްޕޯޓްސް އަށް ދިން އިންޓަވިއުގައި މެސީ ބުނީ، އޭނާ އުންމީދުކުރީ މިދިޔަ ސީޒަންގައި ވެސް ބާސާގައި މަޑުކުރުމަށެވެ. އެކަމަކު އެ ހާލަތުގައި ވީގޮތުން ކުއްލިއަކަށް ކްލަބް ބަދަލުކުރަން ޖެހުމުން ވަރަށް ބޮޑެތި އުނދަހޫތަކެއްް ހުރި ކަމަށް އޭނާ ބުންޏެވެ.

"އެއީ ވަރަށް އުނދަގޫ ބަދަލެއް. އެބަދަލާ އެކު ހޭނެން ފަސޭހައެއް ނުވި. މުޅި އުމުރު އެއްތަނެއްގައި ހޭދަކުރުމަށް ފަހު ކުއްލިއަކަށް ބަދަލެއް ގެންނަން ޖެހުނީމަ އަހަރެންގެ މިހާރު އުމުރަށް ބަލާއިރު ހޭނެން އުނދަގޫވި،" އަންނަ މަހު 35 އަހަރު ފުރޭ މެސީ ބުންޏެވެ.

"ކްލަބް ބަދަލު ކުރަން ބޭނުންވާނަމަ ޒުވާން އުމުރުގައި އެކަން ކުރަން ޖެހޭނެ. އެކަމަކު އަހަރެންގެ ހާލަތުގައި އަހަރެން ހުރީ ކްލަބް ބަދަލުކުރަން ބޭނުންވެގެނެއް ނޫން. އަދި އެކަމަކަށް ހިޔާލެއް ވެސް ނުކުރަން. އަދި އެހެން ވާނެ ކަމަކަށް ހިއެއް ވެސް ނުކުރަން."

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ގައުމީ ޓީމުގެ ޕްރެކްޓިހުގައި: އޭނާ ބުނީ ޗެމްޕިއަންސް ލީގު ހޯދިޔަސް، މިސީޒަންގައި އެންމެ ވަރުގަދަ ޓީމަކީ ރެއާލް މެޑްރިޑް ނޫން ކަމަށް. --- ފޮޓޯ: ގެޓީ އިމޭޖަސް

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ގައުމީ ޓީމުގެ ޕްރެކްޓިހުގައި: އޭނާ ބުނީ ޗެމްޕިއަންސް ލީގު ހޯދިޔަސް، މިސީޒަންގައި އެންމެ ވަރުގަދަ ޓީމަކީ ރެއާލް މެޑްރިޑް ނޫން ކަމަށް. --- ފޮޓޯ: ގެޓީ އިމޭޖަސް

ޗެމްޕިއަންސް ލީގުގައި މި ސީޒަންގައި ވެސް ޕީއެސްޖީ އަށް ނާކާމިޔާބާ ކުރިމަތިވި ނަމަވެސް، ޑޮމެސްޓިކް ސީޒަންގައި އެޓީމުން ވަނީ ކާމިޔާބު ހޯދައިފަ އެވެ. ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަތުން ބަލިވުން، މެސީ ސިފަކުރީ ޕީއެސްޖީގެ ހުއްޓުމެއްގެ ގޮތުގަ އެވެ. ރެއާލް އިން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިޔަސް، އެޓީމަކީ މި ސީޒަންގައި ޔޫރަޕުގެ އެންމެ ވަރުގަދަ ޓީމު ކަމަކަށް މެސީ ގަބޫލެއް ނުކުރެ އެވެ.

"ރެއާލް މެޑްރިޑަކީ ޔޫރަޕްގެ ޗެމްޕިއަން. އެ މުބާރާތުގައި އެޓީމު އަބަދުވެސް ވަރަށް ވަރުގަދަ އަށް ވާދަކުރާނެ. އެކަމަކު އެއީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އެންމެ ވަރުގަދަ ޓީމެއް ނޫން،" ބާސާއާ އެކު ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދި މެސީ ބުންޏެވެ.

"ޗެމްޕިއަންސް ލީގުގައި ޓީމުން ބޭނުންކުރާ ހާލަތްތަކާއި، މުހިއްމު ވަގުތުތަކާއި، ނަފްސާނީ ގޮތުންވާ ތައްޔާރީތައް ހުރޭ. ކުޑަކުޑަ ގޯހެއް ހެދިގެން ޓީމު މުބާރާތުން ވަކިވެގެންދާން ޖެހޭ. އަދި އެ ހާލަތްތަކަށް އެންމެ ރަނގަޅަށް ތައްޔާރުވާ ޓީމުގެ ނިމުމަކަށް ވާނީ މޮޅުވުން."

ރެއާލްއަކީ އެންމެ މޮޅު ޓީމު ކަމަށް މެސީ އެއްބަސް ނުވި ނަމަވެސް، ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިފަހަރު ހައްގު ކުޅުންތެރިޔަކީ ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާ ކަމަށް މެސީ ބުންޏެވެ.

އާޖެންޓީނާގެ ގައުމީ ޓީމާ އެކު މެސީ ތައްޔާރުވަމުން ދަނީ، މާދަމާ ރޭ، އިޓަލީއާ ދެކޮޅަށް ވެމްބްލީގައި ކުޅޭ މެޗަށެވެ. އެ މެޗުގެ ތައްޔާރީތަކަށް އާޖެންޓީނާ ވަނީ، އެތުލެޓިކް ކްލަބް ބިލްބާއޯގެ ޓްރޭނިން ސެންޓަރުގައި ކޭމްޕްކޮށްފަ އެވެ.

ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަން ދެ ޓީމު ކުޅޭ މެޗު، ފީފާ އިން ބަލައިފައި ވަނީ އިންޓަނޭޝަނަލް މުބާރާތެއްގެ ގޮތުގަ އެވެ. އެންމެ ފަހުގެ ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިން މެސީ ބުނީ ގައުމީ ޓީމާ އެކު އިންޓަނޭޝަނަލް ކޮންމެ ތައްޓަކަށް އޭނާ ތައްޔާރުވާނެ ކަމަށެވެ.