Roadha Mihaaru
މެސީގެ 1000 ވަނަ މެޗުގައި އާޖެންޓީނާ ކުއާޓާއަށް

މެސީގެ 1000 ވަނަ މެޗުގައި ޖެހި ލަނޑުން އާޖެންޓީނާ ކުއާޓާ އަށް

04 ޑިސެމްބަރ 2022

އައް ރައްޔާން: (ޑިސެމްބަރު 4) - ލިއޮނެލް މެސީގެ ކެރިއާގައި ކުޅުނު 1000 ވަނަ މެޗުގައި ލަނޑު ޖަހައި އޮސްޓްރޭލިއާ 2-1 ން ބަލިކޮށް، ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފި އެވެ.

އައް ރައްޔާން: (ޑިސެމްބަރު 4) - ލިއޮނެލް މެސީގެ ކެރިއާގައި ކުޅުނު 1000 ވަނަ މެޗުގައި ލަނޑު ޖަހައި އޮސްޓްރޭލިއާ 2-1 ން ބަލިކޮށް، ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފި އެވެ.

އާޖެންޓީނާގެ ކެޕްޓަން މެސީގެ ކެރިއާގައި 1000 މެޗު ހަމަ ކުރީ އާޖެންޓީނާގެ ގައުމީ ޓީމަށް އޭނާ ކުޅުނު 168 ވަނަ މެޗުގަ އެވެ. ކްލަބް ކެރިއާގައި ބާސެލޯނާ އަދި ޕީއެސްޖީގައި އޭނާ ވަނީ 833 މެޗު ކުޅެފަ އެވެ.

މެޗުގެ 35 ވަނަ މިނެޓްގައި މެސީ ލަނޑު ޖެހީ ނިކޮލަސް އޮޓަމެންޑީ ދިން ބޯޅައިންނެވެ. އޭނާ މެސީ އަށް ބޯޅަ ނަގައިދިން އިރު އޮސްޓްރޭލިއާގެ ޕެނަލްޓީ އޭރިއާގައި އެ ޓީމުގެ ގިނަ ކުޅުންތެރިން ތިއްބެވެ. އެކަމަކު މެސީ ވަނީ ކުޅުންތެރިންގެ ތެރެއިން ތިރިތިރިން ބޯޅަ ފޮނުވާލައި ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.

މެސީ ޖެހި ލަނޑަކީ ވޯލްޑް ކަޕުގައި އޭނާ ޖެހި ނުވަނަ ވަނަ ލަނޑެވެ. އެއާ އެކު އޭނާ ވަނީ އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މެރަޑޯނާ އަށް ވުރެ ގިނަ ލަނޑު ވޯލްޑް ކަޕުގައި ޖެހައިފަ އެވެ. ވޯލްޑް ކަޕުގައި އާޖެންޓީނާގެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތީ ކުރީގެ ފޯވާޑް ގެބްރިއަލް ބަޓިސްޓޫޓާ އަތުގަ އެވެ. އޭނާ ވަނީ ވޯލްޑް ކަޕުގައި 10 ލަނޑު ޖަހައިފަ އެވެ. އެ ރެކޯޑް މުގުރާލަން މެސީ އަށް މި މުބާރާޓުގައި ބޭނުން ވަނީ ދެ ލަނޑެވެ.

ދެވަނަ ހާފު މުޅިން ކޮންޓްރޯލްކޮށްގެން ކުޅުނީ އާޖެންޓީނާ އެވެ. އޮސްޓްރޭލިއާ އަށް ނުރައްކާތެރި ފުރުސަތެއް ވެސް އުފެއްދިފައެއް ނުވެ އެވެ.

އާޖެންޓީނާގެ ދެވަނަ ލަނޑު ހޫލއަން އަލްވަރޭޒް ޖެހީ ނެޗުގެ 57 ވަނަ މިނެޓްގަ އެވެ. އޮސްޓްރޭލިއާގެ ޑިފެންޑަރުން އެ ޓީމުގެ ކީޕަރު މެތިއު ރަޔަން އަށް ދިން ބޯޅަ އޭނާ އަށް ރަނގަޅަށް ފޮނުވައިނުލެވުމުން ބޯޅަ ލިބުނީ އަލްވަރޭޒް އަށެވެ. އޭނާ ވަނީ ފަސޭހަ ކަމާއެކު ބޯޅަ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.

މެޗުގެ 77 ވަނަ މިނެޓްގައި ކްރައިގް ގްޑްވިން ވަނީ އޮސްޓްރޭލިއާގެ ލަނޑު ޖަހައިފަ އެވެ. ކައުޓަ އެޓޭކުން އުފެއްދި ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ އާޖެންޓީނާގެ ގޯލްގެ ތިރީ ކަނަށް ވަނީ އާޖެންޓީނާގެ ޑިފެންޑަރެއްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮހެވެ. އެހެންވެ އާޖެންޓީނޯގެ ކީޕަރު ޑެމިއަން މާޓިނޭޒް އަށް ހުރީ ބޯޅައިގެ މިސްރާބު އޮޅިފަ އެވެ.

އޭގެ ފަހުން ވެސް ކައުންޓަ އެޓޭކު ފުރުސަތުގައި އޮސްޓްރޭލިއާގެ އަޒީޒު ބެހިޗް އަށް ވެސް ފުރުސަތެއް ލިބުނެވެ. އޭރިއާގެ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ ލަނޑަކަށް ހަދާ ނުލެވުނީ އާޖެންޓީނާގެ ޑިފެންޑަރުގެ ގައިގައި ޖެހިފައި ކޯނަރަކަށް ބޭރަށް ދިއުމުންނެވެ.

ކުއާޓ ފައިނަލުގައި އާޖެންޓީނާ އާ ދެކޮޅަށް ނުކުންނާނީ މިރޭ، އެމެރިކާ ބަލި ކުރި ނެދަލެންޑްސް އެވެ. އެ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭގަ އެވެ.