Roadha Mihaaru
އާޖެންޓީނާގެ މޮޅުގެ ފަހަތުގައި "ސިހުރުވެރިން" ތަކެއް؟

އާޖެންޓީނާ މޮޅުވުމުގެ ފަހަތުގައި "ސިހުރުވެރިން"ތަކެއް؟

18 ޑިސެމްބަރ 2022

ރާއްޖޭގެ ގިނަބަޔަކު ވެސް ސަޕޯޓުކުރަމުން އަންނަ އާޖެންޓީނާގެ ޓީމުން މިފަހަރުގެ ވޯލްޑް ކަޕުގައި ތަފާތު ކުޅުމެއް އަންނަނީ ދައްކަމުންނެވެ. މިރޭ ވޯލްޑްކަޕް ފައިނަލްގައި އާޖެންޓީނާ އާއި ފްރާންސް ބައްދަލުކުރާ މެޗުގެ ނަތީޖާ އަށް އެންމެން ވެސް ތިބީ ކެތްމަދުވެފަ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ރާއްޖޭގެ ގިނަބަޔަކު ވެސް ސަޕޯޓުކުރަމުން އަންނަ އާޖެންޓީނާގެ ޓީމުން މިފަހަރުގެ ވޯލްޑް ކަޕުގައި ތަފާތު ކުޅުމެއް އަންނަނީ ދައްކަމުންނެވެ. މިރޭ ވޯލްޑްކަޕް ފައިނަލްގައި އާޖެންޓީނާ އާއި ފްރާންސް ބައްދަލުކުރާ މެޗުގެ ނަތީޖާ އަށް އެންމެން ވެސް ތިބީ ކެތްމަދުވެފަ އެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސައުދީ އަތުން 2-1 އިން ބަލިވި ނަމަވެސް، ފައިނަލް މެޗާ ހަމަޔަށް އައީ އެހެން ހުރިހާ މެޗަކުން މޮޅުވަމުންނެވެ. ޓީމުގެ ކެޕްޓަން، އަދި އެ ޓީމާއި މުޅި ގައުމު އެ މީހަކަށް ފަހުރުވެރިވާ ލިއޮނަލް މެސީގެ މޮޅުކުޅުމާއި، ގިނަ ގޯލްތައް މި މުބާރާތުގައި ފެނިގެންދިޔަ އެވެ.

ޖެސިކާ ފެނާންޑްޒް: މަގާލީއާއެކު މެސީ އަދި އާޖެންޓީނާގެ ދިފާއުގައި ނިކުތް ސިހުރުވެރިއެއް --ފޮޓޯ: ނިއުޔޯކް ޓައިމްސް

ޖެސިކާ ފެނާންޑްޒް: މަގާލީއާއެކު މެސީ އަދި އާޖެންޓީނާގެ ދިފާއުގައި ނިކުތް ސިހުރުވެރިއެއް --ފޮޓޯ: ނިއުޔޯކް ޓައިމްސް

ނިއުޔޯކް ޓައިމްސްގައި ލިޔެފައި އޮތް އާޓިކަލެއްގައި ވާގޮތުން، އާޖެންޓީނާ އާއި ސައުދީ މެޗަށްފަހު ދެއްކި ތަފާތު މޮޅު ކުޅުމުގެ ފަހަތުގައި ވަނީ އެ ގައުމުގެ 100 އަށް ވުރެ ގިނަ ސިހުރުވެރި އަންހެނުންތަކެކެވެ. އެ މީހުން އެ މީހުން އަމިއްލަ ނަފްސަށް ނިސްބަތް ކުރަނީ "ބްރޫޖަސް" ނުވަތަ "ވިޗުން" ގެ ގޮތުގައި އެވެ.

"ފުރަތަމަ މެޗުގެ ކުޅުމަށް ބަލައިފަ އަހަންނަށް ހީވި ހާއްސަކޮށް މެސީގެ ކުޅުމުގައި ކަމެއް ގޯސް ހެން. އަހަންނަށް ހީވީ އެއީ އެސްފީނާގެ ކަމެއް ހެން،" ވިޗެއް ކަމަށް ދައުވާކުރާ އާޖެންޓީނާގެ މަގާލީ މާޓިނެޒް، ނިއުޔޯކް ޓައިމްސް އަށް ކިޔައިދިނެވެ.

މެސީ: މަގާލީ ބުނާގޮތުން ސައުދީ މެޗުގައި އޭނާ އަށް ހުރީ އެއްސީނާ ޖެހިފައި

މެސީ: މަގާލީ ބުނާގޮތުން ސައުދީ މެޗުގައި އޭނާ އަށް ހުރީ އެއްސީނާ ޖެހިފައި

އެހެންވެ، އެކަން ޔަގީން ކުރުމަށް މެސީއަށް ސަމާލުކަންދީގެން ކިޔެވެލިތައް ކިޔަވަމުން، ފެން އަޅާފައިހުރި ތައްޓެއްގެ ވަށައިގެން އޭނާ ތެޔޮހާކާލި އެވެ. މަގާލީ ބުނިގޮތުގައި، އެ ތެޔޮތައް ވަށައިގެން ހުރިގޮތަށް ހުރި ނަމަ، މެސީ އަށް އެސްފީނާއެއް ނުޖެހެ އެވެ. އެކަމަކު، ތެޔޮތައް ފެންގަނޑުގެ މެދަށް އައިނަމަ، އޭނާ އަށް ހުރީ އެސްފީނާ ޖެހިފަ އެވެ.

"ތެޔޮތައް މެދަށް އައި ދަގަތްފާނެއް ގޮތަަށް" މަގާލީ ކިޔައިދިނެވެ. "އަހަންނަށް އިނގޭ އަހަންނަށް އެކަންޏަކުން މެސީ އެ އެސްފީނާ އިން ސަލާމަތް ނުކުރެވޭނެ ކަން".

މަގާލީ މާޓިނެޒް: މެސީއަށް އެސްފީނާ ޖެހިފައި ހުރިކަން ހޯދައި، އެހެން އެންމެނަށް ގޮވާލި ސިހުރުވެރިޔާ --ފޮޓޯ: ނިއުޔޯކް ޓައިމްސް

މަގާލީ މާޓިނެޒް: މެސީއަށް އެސްފީނާ ޖެހިފައި ހުރިކަން ހޯދައި، އެހެން އެންމެނަށް ގޮވާލި ސިހުރުވެރިޔާ --ފޮޓޯ: ނިއުޔޯކް ޓައިމްސް

އެ ހޯދުމާއެކު މަގާލީ އަވަސްވެގަތީ އޭނާގެ އެކުވެރި ސިހުރުވެރިންނަށް އެ ހަބަރުދީ އެހީ އަށް އެދުމަށެވެ.

"އެއްސީނާއަށް ފަރުވާދޭ އެކުވެރިންނޭ، މެސީ އަށް ވަރަށް އަސަރުކޮށްފި، ތި އެންމެންގެ އެހީ ބޭނުން،" މިފަދައިން އޭނާ ޓްވިޓާގައި ލިޔުނެވެ.

ނިޔޯކް ޓައިމްސްގެ ރިޕޯޓްގައި ބުނީ އެތައް ހާސް ބަޔަކު އެ ޓްވީޓު ޝެއާކޮށް، ގިނަ އަދަދެއްގެ ސިހުރުވެރި އަންހެނުން މަގާލީއާ އެކު އެ ގައުމުގެ "ގޯލްޑެން ބޯއީ" ދިފާއު ކުރުމުގެ މަސައްކަތް ފެށި ކަމަށެވެ. އޭގެ ފަހުން އާޖެންޓީނާ އެއްވެސް މެޗަކުން އަދި ބައްޔެއް ނުވެ އެވެ.

ޕަރިސީ: އާޖެންޓީނާގައި ސިހުރުވެރިއެއް ކަމަށް ދައުވާކުރާ 24 އަހަރުގެ އަންހެނެއް --ފޮޓޯ: ނިއުޔޯކް ޓައިމްސް

ޕަރިސީ: އާޖެންޓީނާގައި ސިހުރުވެރިއެއް ކަމަށް ދައުވާކުރާ 24 އަހަރުގެ އަންހެނެއް --ފޮޓޯ: ނިއުޔޯކް ޓައިމްސް

ފާއިތުވި ހަފްތާތަކުގައި އާޖެންޓީނާގެ އެތައް ސަތޭކަ، "ވިޗުން" ކަމަށް ދައުވާ ކުރާ އަންހެނުންތަކެއް މެސީ އަދި ޓީމުގެ ދިފާއުގައި ނިކުތެވެ. އެެ މީހުން މަސައްކަތް ކުރީ "އާޖެންޓީނާ އެސޯސިއޭޝަން އޮފް ވިޗެސް" ގެ ނަމުގައި ހުޅުވި ވަޓްސްއެޕް ގްރޫޕެއްގައި ކަމަށް ނިއުޔޯކް ޓައިމްސްގައި ބުނެފައިވެ އެވެ.

"ދަނޑުގައި ކުޅުންތެރިން ވާދަކުރާއިރު، ގޭގައި ތިބެގެން އެ މީހުން ބަލަހައްޓަނީ އަހަރަމެން (ވިޗުން)" މެސީގެ އުފަން ސިޓީ ރޮސާރިއޯގެ އަންހެނަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްގައި ލިޔެފައިވެ އެވެ.

އާޖެންޓީނާގެ ސިހުރުވެރިންތައް ގްރޫޕް ހަދައިގެން އެ މީހުންގެ ޓީމާއި މެސީ ދިފާއުގައި --ފޮޓޯ: ނިއުޔޯކް ޓައިމްސް

އާޖެންޓީނާގެ ސިހުރުވެރިންތައް ގްރޫޕް ހަދައިގެން އެ މީހުންގެ ޓީމާއި މެސީ ދިފާއުގައި --ފޮޓޯ: ނިއުޔޯކް ޓައިމްސް

އެ މީހުންގެ ތެރެއިން ގިނަބަޔަކު އާޖެންޓީނާ ދިފާއުގައި ސިހުރު ހަދާޢިރު، އަނެއް ބަޔަކު ފްރާންސް ޓީމާ ދެކޮޅަށް ސިހުރު ހަދަ އެވެ. އެކަމާ މަގާލީ މެން ކަންބޮޑުވެ އެވެ. އޭގެ ނޭދެވޭ އަސަރު އާޖެންޓީނާ އަށް ކޮށްފާނެ ކަމަށް ބުންޏެވެ.

ސިހުރާއި، ފަންޑިތައިގެ އިތުރުން އެސްފީނާ އަށް ފަރުވާދޭ އެ މީހުންގެ ތެރެއިން އެއްބަޔަކު ބުނާގޮތުން، އެ މީހުން އުފަންވެފައިވަނީ ހާއްސަ ބާރުތަކަކާ އެކު އެވެ. އަނެއްބަޔަކު ބުނަނީ އެ މީހުން އެ ކަން ކުރަން ދަސްކުރީ ކަމަށެވެ.

އާޖެންޓީނާ ވޯލްޑްކަޕްގެ ފައިނަލްގައި މިރޭ ކުޅޭއިރު، އެ ޓީމުން އެންމެ ފަހުން ތަށި އުފުލާލިތާ މިހާރު 36 އަހަރު ވެދާނެ އެވެ. މެސީ އަދި ޓީމުގެ ސަޕޯޓަރުންގެ އެންމެ ބޮޑު ހުވަފެނަކީ، މެސީގެ އެންމެ ފަހު ވޯލްޑްކަޕްގައި އޭނާގެ ހުވަފެން ހަގީގަތަކަށް ހަދާ، މިފަހަރުގެ ތަށި އާޖެންޓީނާ އުފުލާލުމެވެ.