Roadha Mihaaru
މެސީގެ ނުކުޅޭތީ ޗައިނާއިން އާޖެންޓީނާގެ މެޗު ކެންސަލް

ހޮންކޮންގައި މެސީ ކުޅެފައިނުވާތީ ޗައިނާއިން އާޖެންޓީނާގެ މެޗުތައް ކެންސަލްކޮށްފި

11 ފެބުރުއަރީ 2024

ބެއިޖިން (ފެބްރުއަރީ 11) - ހޮންކޮންގައި އިންޓަ މަޔާމީ ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެފައި ނުވާތީ، އަންނަ މަހު ޗައިނާގައި އާޖެންޓީނާ ކުޅެން ހަމަޖައްސާފައިވާ މެޗުތައް ކެންސަލްކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބެއިޖިން (ފެބްރުއަރީ 11) - ހޮންކޮންގައި އިންޓަ މަޔާމީ ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެފައި ނުވާތީ، އަންނަ މަހު ޗައިނާގައި އާޖެންޓީނާ ކުޅެން ހަމަޖައްސާފައިވާ މެޗުތައް ކެންސަލްކޮށްފި އެވެ.

އަންނަ މަހު، ނައިޖީރިއާ އަދި އައިވަރީ ކޯސްޓާ ދެކޮޅަށް އާޖެންޓީނާގެ ކުޅޭ ދެ މެޗު ޗައިނާގެ ހުއަންގްޒޫ އާއި ބެއިޖިންގައި ކުޅެން އޮތީ ހަމަޖައްސާފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ގައުމުގައި ފުޓްބޯޅައިގެ ފޯރި އިތުރުކުރުމަށް ކުޅެން ހަމަޖައްސާފައިވާ މެޗުތައް ކެންސަލް ކުރި މައިގަނޑު ސަބަބަކީ، އެ މެޗުގައި މެސީ ކުޅޭނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށް ދި އެތުލެޓިކް ނޫހުން ބުންޏެވެ.

ހުއަންގްޒޫ ސްޕޯޓްސް ބިއުރޯއިން ނެރުނު ބަޔާނުގައި ބުނީ ވިޔަފާރީގެ އިވެންޓެއްގެ ގޮތުގައި އާޖެންޓީނާގެ މެޗެއް ހުއަންގްޒޫގައި ކުޅުމަށް، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭނާ އެކު އެއްބަސްވި ކަމަށެވެ.

"ނަމަވެސް އޭރު ކަނޑައެޅި ޝަރުތުތައް ފުރިހަމަވާން ނެތުމުން އެ މެޗު ކެންސަލް ކުރަން ނިންމައިފިން،" އެ ބިއުރޯއިން ނެރުނު ބަޔާނުގައި ވެ އެވެ.

މަޔާމީން، މިދިޔަ ހަފުތާގައި ހޮންކޮންގައި ކުޅުނު މެޗުގައި މެސީ ކުޅެފައި ނުވުމުން އެގައުމުގެ ސަރުކާރުން ވަނީ މެޗު އިންތިޒާމު ކުރީ ފަރާތުން އާންމުންނަށް ޖަވާބުދާރީވާން ގޮވާލައިފަ އެވެ.

މި މަހުގެ ތިންވަނަ ދުވަހު ހޮންކޮންގައި ކުޅުނު މެޗުގައި މެސީ ނުކުޅުނީ އަނިޔާގައި ހުރުމުން ކަމަށް އިންޓަ މަޔާމީގެ ކޯޗު ޓާޓާ މާޓިޏޭޒް ބުންޏެވެ.

އެކަމަކު އޭގެ ތިން ދުވަސް ފަހުން ޖަޕާނުގައި ވިސްލް ކޯބްއާ ދެކޮޅަށް ކުޅުނު މެޗު މެސީ ކުޅެފައި ވުމުން ހޮންކޮންގެ ސަރުކާރުން މައްސަލަ ފެންމަތި ކުރީ އެ ގައުމުގައި އޭނާ ނުކުޅޭން ނިންމިނިންމުމުގައި މަގުބޫލު ސަބަބެއް ނެތްކަން ފާހަގަ ކުރުމަށް ފަހު އެވެ. އެ މެޗުގެ 30 މިނެޓްގައި މެސީ ވަނީ ކުޅެފަ އެވެ.

"އެކަމަކު އޭގެ ތިން ދުވަސް ފަހުން މެސީ އަށް ޖަޕާނުގައި އެކްޓިވްކޮށް މިނިވަންކަމާ އެކު ކުޅެވޭ... ސަރުކާރުން އުއްމީދު ކުރަނީ އިންތިޒާމްކުރި ފަރާތްތަކާއި ޓީމުތަކުން އެކަށީގެންވާ ތަފްސީލުތަކެއް ދޭނެ ކަމަށް،" ހޮންކޮން ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.