Roadha Mihaaru

ހަ ޕޮއިންޓުން ނުފުދުނު، އެތުލެޓިކޯ މުބާރާތުން ކަޓައިފި

ޕަސަޑޭނާ (ޖޫން 24) - އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ގުރޫޕް ބީގައި ވާދަކުރި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން 1-0 އިން ބްރެޒިލްގެ ބޮޓަފޮގޯ ބަލިކޮށް، ޖުމްލަ ހަ ޕޮއިންޓު ހޯދި ނަމަވެސް މުބާރާތުން ކަޓައިފި އެވެ.

ހަ ޕޮއިންޓުން ނުފުދުނު، އެތުލެޓިކޯ މުބާރާތުން ކަޓައިފި

ޕަސަޑޭނާ (ޖޫން 24) - އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ގުރޫޕް ބީގައި ވާދަކުރި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން 1-0 އިން ބްރެޒިލްގެ ބޮޓަފޮގޯ ބަލިކޮށް، ޖުމްލަ ހަ ޕޮއިންޓު ހޯދި ނަމަވެސް މުބާރާތުން ކަޓައިފި އެވެ.

މެޗުގެ 87 ވަނަ މިނިޓުގައި އެތުލެޓިކޯ މެޑްރިޑްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެންޓޮއިން ގްރީޒްމަން އެވެ.

މި ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ނޮކައުޓް ބުރުގެ ޖާގަ ހޯދީ ޕީއެސްޖީ އެވެ. ޕީއެސްޖީ ވަނީ 2-0 އިން އެމެރިކާގެ ސީޓްލް ސައުންޑާސް ބަލިކޮށްފަ އެވެ. ޕީއެސްޖީގެ ގޯލުތައް ޖަހައިދީފައި ވަނީ ކިވިޗާ ކްވަރަޓްސްކޭލިއާ އާއި އަޝްރަފް ހަކީމީ އެވެ.

އެތުލެޓިކޯ މެޑްރިޑާއި ޕީއެސްޖީގެ އިތުރުން ބޮޓަފޮގޯ އަށް ވެސް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ގޯލުގެ ތަފާތުން ގުރޫޕްގެ ދެ ވަނަ ލިބުނީ ބޮޓަފޮގޯއަށެވެ. ނޮކްއައުޓް ބުރުން ފުރުސަތު ހޯދަން އެތުލެޓިކޯ އަށް ބޭނުންވީ ތިން ގޯލު ނުވަތަ އެއަށް ވުރެ ގިނަ ގޯލު ޖަހައިގެން މޮޅުވާށެވެ.

ޕީއެސްޖީން ފައިދާ ފަސް ގޯލާ އެކު ގުރޫޕް ސްޓޭޖު ނިންމާލި އިރު ބޮޓަފޮގޯ ނިންމާލީ ފައިދާ އެއް ގޯލާ އެކު އެވެ. އެތުލެޓިކޯ ނިންމާލަން ޖެހުނީ، ޖެހި ގޯލަށް ވުރެ އިތުރު އެއް ގޯލު ބައިކޮޅަށް ވަދެގެންނެވެ. އެތުލެޓިކޯ ކޮޅަށް ވަން ހުރިހާ ގޯލެއް ވެސް ވަދެފައި ވަނީ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

"މުބާރާތުގައި ކުރިއަށް ނުދެވޭތީ ވަރަށް ދެރަވެފައި މިތިބީ. ހަ ޕޮއިންޓް ލިބުނީމަ ގޯހެއް ނޫން، އެކަމަކު އަހަރެމެން ހަލާކުވީ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުން،" ފުރަތަމަ މެޗުގައި 4-0 އިން ޕީއެސްޖީ އަތުން ބަލިވި ނަތީޖާގެ ހިތިކަން ހާމަކުރަމުން އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުންޏެވެ.

"މިއަދުގެ މެޗުގައި ވެސް ލީޑު ނަގަން ފުރުސަތު ލިބުނު، ޕެނަލްޓީއަކަށް އެޕީލް ކޮށްގެން އެ ވެސް ލިބޭގޮތެއް ނުވި. އެކަމަކު އަހަރެމެން މިތިބީ ހިމޭނުން، އަހަރެމެންނަށް އެނގޭ އިތުރަށް މަސައްކަތް ކުރަންވީ ކަންކަން."

ފުރަތަމަ ހާފުގައި އެލެކްޒެންޑާ ސޯލޮތަށް ފައުލް ކޮށްގެން ޕެނަލްޓީއެއް ނުލިބުނު މައްސަލައިގައި ސިމިއޯނީ އިތުރަށް ވާހަކަ ދައްކައިފައެއް ނުވެ އެވެ. އޭނާ ބުނީ އިދިކޮޅަށް މަރުހަބާ ކިޔާ ކަމަށާއި އިދިކޮޅު ޑިފެންސުން މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ.

މިއާ އެކު 2024/2025 ފުޓްބޯޅަ ސީޒަން އެތުލެޓިކޯ މެޑްރިޑަށް މިވަނީ ނިމިފަ އެވެ. ސިމިއޯނީ އިތުރަށް ބުނީ، މާ ދިގު ގިނަ ހަފްތާތަކެއްގެ ބްރޭކެއް ކުޅުންތެރިންނަށް ދިނުމުގެ ވިސްނުމެއް ނެތް ކަމަށާއި، ނަމަވެސް އަލުން ޓްރޭނިންތައް ފެށުމުގެ ކުރިން ދެ ކުޅުންތެރިއެއް ޓީމަށް ސޮއި ކުރުވާނެ ކަމަށެވެ.