Roadha Mihaaru

ކްލަބް ވޯލްޑް ކަޕްގެ ފެށުން: މެސީއަށް މާ ބޮޑު ކަމެއް ނުވި، ޓީމު ސަލާމަތްކުރީ ކީޕަރު

މަޔާމީ (ޖޫން 15) - މުޅިން އާ ފޯމެޓަށް 32 ޓީމާ އެކު މިއަދު ފީފާ ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ލިއޮނެލް މެސީ ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މަޔާމީ އާއި މިސްރުގެ ޗެމްޕިއަން އަލް އަހްލީއާ ވާދަކޮށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެއްޖެ އެވެ.

މެސީއަށް މާބޮޑު ކަމެއް ނުވި، ޓީމު ސަލާމަތްކުރީ ކީޕަރު

މަޔާމީ (ޖޫން 15) - މުޅިން އާ ފޯމެޓަށް 32 ޓީމާ އެކު މިއަދު ފީފާ ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ލިއޮނެލް މެސީ ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މަޔާމީ އާއި މިސްރުގެ ޗެމްޕިއަން އަލް އަހްލީއާ ވާދަކޮށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެއްޖެ އެވެ.

މަޔާމީގެ ހާޑްރޮކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އަހްލީގެ މިސްރު ފޯވާޑް ޓްރެޒެގޭ ފޮނުވާލި ޕެނަލްޓީއެއް، އިންޓަ މަޔާމީގެ ގޯލްކީޕަރު އޮސްކާ އުސްތާރީ ވަނީ މަތަކޮށްފަ އެވެ.

މެސީ މި މެޗުގައި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ގޯލްކީޕަރު މުހައްމަދު އެލްޝަނާވީ ވަނީ ހުށިޔާރުކަމާއެކު ހަމަލާތައް މަތަކޮށްފަ އެވެ. އަދި ފަހު ވަގުތު މެސީ ފޮނުވާލި ހަމަލާއެއް ވަނީ ޑިފްލެކްޓް ވެގެން ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒު ވެފަ އެވެ.

އިންޓަ މަޔާމީ ގުރޫޕް ސްޓޭޖުގައި ދެން ނުކުންނާނީ ޕޯޗުގަލްގެ ޕޯޓޯއާ ދެކޮޅަށެވެ. އެއަށް ފަހު އޮތީ ބްރެޒިލްގެ ޕަލްމެއިރާސް އެވެ.

ކްލަބް ވޯލްޑް ކަޕްގެ މެޗެއް ދެން އޮންނާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރެވެ. ބައްދަލުކުރާނީ ޖަރުމަނުގެ ބެޔާން މިއުނިކާއި އޮސްޓްރޭލިއާގެ އޮކްލޭންޑް ސިޓީ އެވެ. އެއަށް ފަހު މިރޭ 12 ޖަހާއިރު ޕީއެސްޖީ އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލު ކުރާނެ އެވެ.

މިރޭ މެންދަމު 3 ޖަހާއިރު ޕޯޓޯ އާއި ޕަލްމެއިރާސް ބައްދަލު ކުރާ މެޗަށް ފަހު، ފަތިހު 5 ޖަހާއިރު ބައްދަލުކުރާނީ ބްރެޒިލްގެ ބޮޓަފޮގޯ އާއި އެމެރިކާގެ ސީޓްލް ސައުންޑްސް އެވެ.

އެމެރިކާގައި ކުރިއަށްދާ މި މުބާރާތަކީ 32 ކްލަބް ހިމަނައިގެން ފީފާ އިން ބާއްވާ މުބާރާތެކެވެ.