Roadha Mihaaru

ޗެލްސީ އަށް ދެން އަންނަ ވޯލްޑް ކަޕުން އޮޓޮމެޓިކް ޖާގައެއް ލިބިދާނެ

ފީފާ އިން 2029 ވަނަ އަހަރު ބާއްވާ ކްލަބް ވޯލްޑް ކަޕުން، މިއަހަރުގެ ޗެމްޕިއަން ޗެލްސީ އަށް އޮޓަމެޓިކް ޖާގައެއް ދޭން ވިސްނާކަމަށް ރިޕޯޓް ކޮށްފި އެވެ.

ޗެލްސީ އަށް ވޯލްޑް ކަޕުން އޮޓޮމެޓިކް ޖާގައެއް ލިބިދާނެ

ފީފާ އިން 2029 ވަނަ އަހަރު ބާއްވާ ކްލަބް ވޯލްޑް ކަޕުން، މިއަހަރުގެ ޗެމްޕިއަން ޗެލްސީ އަށް އޮޓަމެޓިކް ޖާގައެއް ދޭން ވިސްނާކަމަށް ރިޕޯޓް ކޮށްފި އެވެ.

ފީފާ ވަނީ މިއަހަރު މުޅިން އަލަށް ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާ ގޮތަށް އާ ފޯމެޓެއްގައި ކްލަބް ވޯލްޑް ކަޕް ބާއްވަން ފަށައިފަ އެވެ. މިއަހަރުގެ ޗެމްޕިއަންކަން ހޯދީ ޗެލްސީ އެވެ. ނަމަވެސް މުބާރާތް ފެށީ، ޗެމްޕިއަން ޓީމަށް ކުރިއަށް އޮންނަ މުބާރާތުން އޮޓަމެޓިކް ޖާގައެއް ދިނުމުގެ އުސޫލެއް ނުހިމަނަ އެވެ.

ނަމަވެސް ކުރިއަށް އޮތްތަނުގައި، މިއަހަރުގެ މުބާރާތުން ނުފެނުނު ބާސެލޯނާ އާއި ލިވަޕޫލް ފަދަ ކްލަބްތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކޮލިފިކޭޝަންގެ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމާމެދު ފީފާ އިން ވިސްނާ ކަމަށް އިނގިރޭސި ވިލާތުގެ ދި ޓައިމްސް އިން ވަނީ ރިޕޯޓް ކޮށްފަ އެވެ.

ފީފާ 2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ބާއްވަމުން އައި ފީފާ ކްލަބް ވޯލްޑް ކަޕްގެ ބަދަލުގައި، މިހާރު އެ މުބާރާތް ބާއްވަމުން އަންނަނީ ފީފާ އިންޓަ ކޮންޓިނެންޓަލް ކަޕްގެ ނަމުގަ އެވެ. އިތުރު ތިން ސެކަންޑަރީ ޓްރޮފީތަކަކާ އެކު ކުރިން ވެސް ބާއްވަމުން އައި ފޯމެޓަށް މިދިޔަ އަހަރު ބޭއްވި ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 2023/2024 ޗެމްޕިއަންސް ލީގު ހޯދި ސްޕެއިންގެ ރެއާލް މެޑްރިޑެވެ. މިއަހަރުގެ މުބާރާތް ތާވަލް ކޮށްފައި ވަނީ ޑިސެމްބަރަށެވެ.

މިއަހަރު 32 ޓީމާ އެކު ކްލަބް ވޯލްޑް ކަޕް ބާއްވަން ފަށާފައި ވާއިރު، ޔޫރަޕްގެ ކްލަބްތަކަށް 12 ޖާގަ އޮވެ އެވެ. އެއީ 2025، 2026، 2027 އަދި 2028ގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ އިތުރުން ހަތަރު އަހަރުގެ ޔޫއެފާ ރޭންކިންތަކަށް ބަލައިގެން ދޭ އިތުރު އަށް ޖާގަ އެވެ.

ނިމުނު ސީޒަންގެ ޗެމްޕިއަނުންގެ ގޮތުގައި ފްރާންސްގެ ޕީއެސްޖީއަށް ވަނީ ޖާގަ ޔަގީން ވެފަ އެވެ. އަދި ކޮންމެ ގައުމަކުން މުބާރާތަށް ކޮލިފައި ވާނީ ދެ ކްލަބެވެ.

ޕީއެސްޖީގެ އިތުރުން، ތިން ކްލަބެއް ވަނީ 2029 ވަނަ އަހަރުގެ މުބާރާތުން ޖާގަ ޔަގީން ކޮށްފަ އެވެ. އެއީ އޭޝިއާގެ ޗެމްޕިއަން ސައުދީ އަރަބިއްޔާގެ އަލް ހިލާލް، އެފްރިކާ ބައްރުގެ ޗެމްޕިއަން މިސްރުގެ ޕިރަމިޑްސް އަދި އުތުރު އެމެރިކާ ސަރަހައްދުގެ ޗެމްޕިއަން މެކްސިކޯގެ ކްރޫޒް އަޒުލް އެވެ.