Roadha Mihaaru

ކްލަބް ވޯލްޑް ކަޕްގެ ދަނޑުތަކުގެ ވިނަގަނޑު ކަމަކު ނުދޭ: ވެންގާ

ކްލަބް ވޯލްޑް ކަޕް ކުޅޭ ދަނޑުތަކުގެ ވިނަގަނޑު ކަމުނުދާކަމަށް ފީފާގެ ފުޓްބޯޅަ ޑިވްލޮޕްމެންޓްގެ ވެރިޔާ އާސެން ވެންގާ ބުނެފި އެވެ.

ކްލަބް ވޯލްޑް ކަޕްގެ ދަނޑުތައް ކަމަކު ނުދޭ: ވެންގާ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

30 ޖޫން 2025

ކްލަބް ވޯލްޑް ކަޕް ކުޅޭ ދަނޑުތަކުގެ ވިނަގަނޑު ކަމުނުދާކަމަށް ފީފާގެ ފުޓްބޯޅަ ޑިވްލޮޕްމެންޓްގެ ވެރިޔާ އާސެން ވެންގާ ބުނެފި އެވެ.

އެމެރިކާގައި ކުރިއަށްދާ މުބާރާތުގައި ދަނޑުތަކުގެ ފެންވަރާ މެދު ކަންބޮޑުވުން ފާޅު ކުރީ ޔޫރަޕް ޓީމުތަކުގެ ކުޅުންތެރިންނާއި ކޯޗުންނެވެ.

ވިނަގަނޑު ހިކިފައި އޮންނަ ކަމަށާއި ކޫލިން ބްރޭކާއި ހާފް ޓައިމްގައި ވިނަގަނޑަށް ފެންޖަހަނީ ބަރު ވެހިކަލެއް ވިނަގަނޑު މައްޗަށް އަރުވައިގެން ކަން ކޯޗުންނާއި ކުޅުންތެރިން ފާހަގަ ކުރި އެވެ. .

ވެބްގާ ބުނީ އޮލާންޑޯ ސިޓީގެ ސްޓޭޑިއަމްގެ ވިނަގަނޑަށް ފައިބައި އޭނާ އަމިއްލަ އަށް ހާލަތު ބެލި ކަމަށެވެ.

"ޔޫރަޕްގެ ޓީމުތަކުން ބޭނުންކުރާ ދަނޑުތަކުގެ ވިނަގަނޑާ އަޅާބަލާއިރު ދަނޑުގެ ވިނަގަނޑުގެ ފެންވަރު ދަށް،" އާސެނަލްގެ ކުރީގެ ކޯޗު ބުންޏެވެ.

"އެކަމަކު އަންނަ އަހަރުގެ ވޯލްޑް ކަޕަށް އެކަން ހައްލު ކުރާނެ."

އަންނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނީ އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯ ގުޅިގެންނެވެ.

ދަނޑުގެ ވިނަގަނޑާ މެދު ކަންބޮޑުވުން ފާޅުކުރި އެއް ކޯޗަކީ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އެވެ.

މުބާރާތުގައި އެ ޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެންރީކޭ ބުނީ ދަނޑުގެ ވިނަގަނޑުގައި ޖެހިފައި ބޯޅަ ދަނީ މުސޮޅެއް ފުންމައިގަންނަހެން ކަމަށެވެ.

"އަހަރެމެން ކުޅުނު ދަނޑުގައި އަސްލު އޮންނަނީ އާޓިފިޝަލް ޓާފެއް. އޭގެ މަތިން އޮތީ ވިނަގަނޑު އަޅާފައި. މާނައަކީ އެ ވިނަގަނޑަށް ފެންޖާހާނީ ވަކިން ފެންޖަހާ އެއްޗެއް ދަނޑަށް އަރުވައިގެންނޭ. އެއީ އަހަރެމެން އާދަވެފައިވާ ގޮތެއް ނޫން،" މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ޕީއެސްޖީ އަށް ހޯދައި ދިން ކޯޗު ބުންޏެވެ.

"ފީފާއިން މިކަން ސީރިއަސްކޮށް ނަގަންޖެހޭ. ހަމައެކަނި ސްޓޭޑިއަމްގައި އޮންނަ ވިނަގަނޑެއް ނޫން. ޕްރެކްޓިސް ކުރާ ވިނަގަނޑުތަކުގެ މައްސަލަ ވެސް ހައްލުކުރަން ޖެހޭ. މި މުބާރަތަކީ ދުނިޔޭގެ އެންމެ މޮޅު ކްލަބް މުބާރާތް ކަމަށް ބުނަންޏާ ޖެހޭނެ ދަނޑުތަކުގެ ފެންވަރުވެސް ދުނިޔޭގެ ފެންވަރުގައި ހުންނަން. އެންބީއޭ [އެމެރިކާގެ ބާސްކެޓްބޯޅަ ލީގު] މެޗު ކުޅޭ ކޯޓުގައި ލޯވަޅު ހުންނާނެކަމަށް އަހަރެން ހިޔާލަކަށް ނާދޭ."