Roadha Mihaaru

މެސީ ޑިސެމްބަރުގައި އިންޑިއާ އަށް ދަނީ، މޯދީއާ ބައްދަލުކުރާނެ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީ މި އަހަރުގެ ޑިސެމްބަރު މަހު އިންޑިއާ އަށް ދަތުރެއްކޮށް، ފުޓްބޯޅައިގެ ހަރަކާތްތަކެއްގައި ބައިވެރިވެ، ބޮޑުވަޒީރު ނަރެންދުރާ މޯދީއާ ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މެސީ އިންޑިއާ އަށް ދަނީ، މޯދީއާ ބައްދަލުކުރާނެ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީ މި އަހަރުގެ ޑިސެމްބަރު މަހު އިންޑިއާ އަށް ދަތުރެއްކޮށް، ފުޓްބޯޅައިގެ ހަރަކާތްތަކެއްގައި ބައިވެރިވެ، ބޮޑުވަޒީރު ނަރެންދުރާ މޯދީއާ ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިންޑިއާގެ އިވެންޓް މެނޭޖްމަންޓް ކުންފުންޏަކުން އިންތިޒާމުކުރާ މި ދަތުރުގައި މެސީ އެންމެ ފުރަތަމަ ދާނީ، ޑިސެމްބަރު 12 ގައި އިންޑިއާގެ ފުޓްބޯޅައިގެ ހިތް ކަމަށްވާ ކަލްކަތާ އަށެވެ.

އެ ސިޓީގައި މެސީގެ ޝަރަފުގައި ބަހައްޓާ ހަނދާނީ ބިނާއެއް މެސީ ހުޅުވައިދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އީޑެން ގާޑެންސް ސްޓޭޑިއަމުގައި ބާއްވާ ގޯޓް ކަޕް އަދި ގޯޓް ކޮންސެޓުގައި އޭނާ ބައިވެރިވާނެ އެވެ. މީގެ ތެރެއިން ގޯޓް ކަޕަކީ، އިންޑިއާގެ ކުޅިވަރު ލެޖެންޑުން ކަމަށްވާ ސޯރަވް ގަންގޫލީ އާއި، ލެއަންޑާ ޕައެސް އާއި، ބައިޗުން ބުޓިއާ އަދި ފިލްމީ ތަރި ޖޯން އަބްރަހަމް ވެސް ބައިވެރިވާ ގޮތަށް ބާއްވާ ސެވަން އަ ސައިޑް މުބާރާތެކެވެ. އީޑެން ގާޑެންސް އަކީ، ބްރެޒިލްގެ ލެޖެންޑް ޕެލޭ ވެސް ކުޅެފައިވާ ތާރީހީ ސްޓޭޑިއަމެވެ.

އޭގެ ފަހުން މެސީ ދަތުރުކުރާނީ އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީގެ ފައުންޑޭޝަނުގެ ޕްރައިވެޓް އިވެންޓަކަށް އަހުމަދުއާބާދާށެވެ. އެއަށް ފަހު މުމްބާއީ އަށް ގޮސް، ވަންކެޑޭ ސްޓޭޑިއަމުގައި ބާއްވާ ގޯޓް ކަޕުގައި ބައިވެރިވާނެ އެވެ.

މެސީގެ އެންމެ ފަހު މަންޒިލަކީ ވެރިރަށް ނިއު ދިއްލީ އެވެ. މި ދަތުރުގެ އެންމެ ހާއްސަ ކަމަކީ ޑިސެމްބަރު 15 ގައި ބޮޑުވަޒީރު މޯދީއާ ބައްދަލުކުރުމެވެ. އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. އެންމެ ފަހު ހަރަކާތަކީ ފީރޯޒް ޝާހު ކޮޓްލާ ސްޓޭޑިއަމުގައި އޮންނަ ގޯޓް ކަޕެވެ.

މެސީގެ މި ދަތުރުގައި ކޮންމެ ސިޓީއެއްގައި ވެސް، ކުޑަކުދިންނަށް ހާއްސަ މާސްޓާކްލާސް ސެޝަންތަކެއް ބާއްވާނެ އެވެ. އަދި ސަޕޯޓަރުންނާ ބައްދަލުކުރާނެ އެވެ.

ކްރިކެޓަށް މަރުދޭ އިންޑިއާގައި ފަހަކަށް އައިސް ފުޓްބޯޅައިގެ ފޯރި އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އެ ގައުމުގެ ޒުވާނުންގެ މެދުގައި ޔޫރަޕުގެ ފުޓްބޯޅަ ބަލާ މިންވަރު ވަނީ އިތުރުވެފަ އެވެ. ފީފާ އިން ވެސް އަންނަނީ އިންޑިއާގެ ބިޔަ އާބާދީގެ ފައިދާ ނަގައި މާލީ ފައިދާ ހޯދަން އެ ގައުމުގައި ފުޓްބޯޅަ ދިރުވަން މަސައްކަތްކުރަމުންނެވެ.