Roadha Mihaaru
މެސީ ކްލަބް ކެރިއަރުގައި 700 ގޯލް ހަމަކޮށްފި

މެސީ ކްލަބް ކެރިއަރުގައި 700 ގޯލް ހަމަކޮށްފި

27 ފެބުރުއަރީ 2023

މާސޭ (ފެބްރުއަރީ 27) - ޕީއެސްޖީން ރޭ ރަށުން ބޭރުގައި 3-0 އިން މާސޭ ބަލިކުރި މެޗުގައި ގޯލު ޖަހައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ކްލަބް ކެރިއަރުގައި 700 ވަނަ ގޯލު ހަމަކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މާސޭ (ފެބްރުއަރީ 27) - ޕީއެސްޖީން ރޭ ރަށުން ބޭރުގައި 3-0 އިން މާސޭ ބަލިކުރި މެޗުގައި ގޯލު ޖަހައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ކްލަބް ކެރިއަރުގައި 700 ވަނަ ގޯލު ހަމަކޮށްފި އެވެ.

ރޭ ކުޅުނު ފްރާންސް ލީގު މެޗުގެ 25 ވަނަ މިނިޓުގައި މެސީ ހުސް ކޮށްލާފައި ދިން ބޯޅައަކުން ލަނޑު ޖަހައި ކުރި ހޯދައިދިނީ ކިލިއަން އެމްބާޕޭ އެވެ. މެސީ ލަނޑު ޖެހީ އޭގެ ހަތަރު މިނިޓު ފަހުން އެމްބާޕޭ ތަނަވަސްކުރި ފުރުސަތަކުންނެވެ. ޕީއެސްޖީގެ ތިން ވަނަ ލަނޑު ވެސް އެމްބާޕޭ ޖެހީ މެސީ ދިން ބޯޅައަކުންނެވެ.

މެސީގެ ލަނޑަކީ އޭނާ ޕީއެސްޖީ އަށް ޖަހައިދިން 28 ވަނަ ގޯލެވެ. އަދި ބާސެލޯނާގައި ޖެހި 672 ގޯލާ އެކު ކުލަބް ކެރިއަރުގައި 840 މެޗުން 700 ގޯލު ހަމަވީ އެވެ. މެސީ އަށް ވުރެ ކުރިން މި އަދަދަށް ގޯލު ޖަހައިފައި ވަނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ ވަނީ މިދިޔަ ނޮވެމްބަރު މަހު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލި އިރު 701 ގޯލު ހަމަކޮށްފަ އެވެ. ސައުދީ އަރަބިއްޔާގެ އައް ނަސްރަށް ބަދަލުވެ، ރޮނާލްޑޯގެ މިހާރުގެ ޖުމްލަ އަކީ 709 ގޯލެވެ. އެއީ 955 މެޗު ކުޅެގެންނެވެ.

މެސީގެ ގޯލަށް ފަހު އެމްބާޕޭ (ކ)، މެސީ އާއެކު އުފާފާޅު ކުރަނީ، އެމްބާޕޭ ވެސް ވަނީ ޕީއެސްޖީގެ އެންމެ ގިނަ ގޯލު ޖަހާފައިވާ ކަވާނީގެ ރެކޯޑާ ހަމަކޮށްފައި. -- ފޮޓޯ: އޭއެފްޕީ

މެސީގެ ގޯލަށް ފަހު އެމްބާޕޭ (ކ)، މެސީ އާއެކު އުފާފާޅު ކުރަނީ، އެމްބާޕޭ ވެސް ވަނީ ޕީއެސްޖީގެ އެންމެ ގިނަ ގޯލު ޖަހާފައިވާ ކަވާނީގެ ރެކޯޑާ ހަމަކޮށްފައި. -- ފޮޓޯ: އޭއެފްޕީ

އެމްބާޕޭ އަށް ގޯލު ޖަހަން މެސީ ރޭގެ މެޗުގައި ތަނަވަސްކުރި ދެ ފުރުސަތާ އެކު މެސީ ކްލަބް ކެރިއަރުގައި ވަނީ 299 ގޯލު އެސިސްޓް ކޮށްފަ އެވެ. ރޮނާލްޑޯ ވަނީ ކްލަބް ކެރިއަރުގައި މިހާތަނަށް 203 ގޯލު އެސިސްޓް ކޮށްފަ އެވެ.

ރޭގެ މެޗުގައި އެމްބާޕޭ ޖެހި ދެ ވަނަ ގޯލާ އެކު އޭނާ ވަނީ ޕީއެސްޖީގެ ރެކޯޑަކާ އަރާ ހަމަކޮށްފަ އެވެ. އެމްބާޕޭގެ ދެ ވަނަ ގޯލަކީ އޭނާ ޕީއެސްޖީއަށް ޖަހައިދިން 200 ވަނަ ގޯލެވެ. މިއާ އެކު އޭނާ ވަނީ ޕީއެސްޖީގެ އޯލް-ޓައިމް ޓޮޕް ސްކޯރާ ލިސްޓުގެ އެއް ވަނައިގައި އޮތް އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުރުގުއޭގެ އެޑިންސަން ކަވާނީއާ އެއްވަރު ކޮށްފަ އެވެ. އެމްބާޕޭ މި އަދަދު ހަމަކުރީ 246 މެޗު ކުޅެގެންނެވެ. ކަވާނީ މި އަދަދު ހަމަކުރީ 2020 ވަނަ އަހަރާ ހަމައަށް 301 މެޗު ކުޅެގެންނެވެ.

މި މޮޅާ އެކު ޕީއެސްޖީ ވަނީ 25 މެޗުން 60 ޕޮއިންޓް ހަމަކޮށް ލީގު އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މާސޭ ދެ ވަނައިގައި އޮތީ 52 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް މޮނާކޯ އާއި ހަތަރު ވަނައިގައި އޮތް ލެންސް ވަނީ 50 ޕޮއިންޓް ހޯދައިފަ އެވެ.

ޕީއެސްޖީ އަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ލީގުގައި ނޯންޓްސް އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗެވެ. އެއަށް ފަހު މާޗު އަށް ވަނަ ދުވަހުގެ ރޭ ޖަރުމަނުގައި ބެޔާން މިއުނިކާ ދެކޮޅަށް ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެ ވަނަ ލެގުގައި ކުޅޭނެ އެވެ.