Roadha Mihaaru
މެސީ ރެކޯޑާއެކު ތަށިހޯދިރޭ ރޮނާލްޑޯއަށް ތަށި ގެއްލިއްޖެ

މެސީ ރެކޯޑާ އެކު، ތަށި ހޯދި ރޭ ރޮނާލްޑޯ އަށް ތަށި ގެއްލިއްޖެ

28 މެއި 2023

ރިޔާދު (މެއި 28) - ޕީއެސްޖީއާ އެކު ފްރެންޗް ލީގު ތަށި ހޯދައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ރެކޯޑް ހެދި ރޭ، އައް ނަސްރަށް ކުޅޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ސައުދީ ޕްރޯ ލީގުގެ ތަށި ގެއްލިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރިޔާދު (މެއި 28) - ޕީއެސްޖީއާ އެކު ފްރެންޗް ލީގު ތަށި ހޯދައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ރެކޯޑް ހެދި ރޭ، އައް ނަސްރަށް ކުޅޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ސައުދީ ޕްރޯ ލީގުގެ ތަށި ގެއްލިއްޖެ އެވެ.

މެސީ ވަނީ ރޭ ޕީއެސްޖީއާ އެކު ލީގު ކާމިޔާބުކޮށް، ޑެނީ އަލްވޭސް އާ އެއްވަރަށް ކެރިއަރުގައި 43 ތަށި ހަމަކޮށް، ފުޓްބޯޅައިގެ ތާރީހުގައި އެންމެ ގިނަ ތަށި ހާސިލްކުރި ކުޅުންތެރިޔާ އަށް ވެފަ އެވެ.

ލީގުގައި ސްޓްރާސްބޯގާ ދެކޮޅަށް 1-1 އިން އެއްވަރު ކޮށްލައިގެން ޕީއެސްޖީ އިން ރެކޯޑް 11 ވަނަ ފަހަރަށް ލީގު ކާމިޔާބު ކުރި މެޗުގައި ޕީއެސްޖީގެ ހަމައެކަނި ގޯލް ޖެހީ ވެސް މެސީ އެވެ. މިއާ އެކު، އޭނާ ވަނީ ޔޫރަޕްގެ ގަދަ ފަސް ލީގުގައި އެންމެ ގިނަ ގޯލް ޖަހައިގެން ރޮނާލްޑޯ ހަދާފައިވާ ރެކޯޑް މުގުރާލައިފަ އެވެ.

ޔޫރަޕްގެ ގަދަ ފަސް ލީގު ތެރޭގައި ހިމެނެނީ ފްރާންސާއި އިންގްލެންޑާއި ސްޕެއިން އަދި ޖަރުމަނާއި އިޓަލީގެ އެއްވަނަ ޑިވިޝަނެވެ. ރޭ ޕީއެސްޖީ އަށް ލީޑު ހޯދައިދޭން މެސީ ޖެހި ގޯލަކީ އޭނާގެ ކެރިއަރުގައި ކާމިޔާބު ކުރި 496 ވަނަ ގޯލެވެ. ޕީއެސްޖީ އަށް މިހާތަނަށް 22 ގޯލް ޖަހައިދީފައި ވާއިރު އޭނާ ވަނީ ބާސެލޯނާ އަށް ލީގުގައި 474 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.

ސްޓްރާސްބޯގާ ދެކޮޅަށް މެސީ ޖެހި ރެކޯޑް 496 ވަނަ ގޯލާ އެކު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސްޓްރާސްބޯގާ ދެކޮޅަށް މެސީ ޖެހި ރެކޯޑް 496 ވަނަ ގޯލާ އެކު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މީގެ ކުރިން މި ރެކޯޑް އޮތް ރޮނާލްޑޯ، މިދިޔަ އަހަރުގެ ޑިޗެމްބަރު މަހު ސައުދީ ލީގަށް ބަދަލު ވުމުގެ ކުރިން އޭނާ ވަނީ 495 ގޯލް ޖަހައިފަ އެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑަށް ޖަހައިދިން 103 ގޯލާއި ރެއާލް މެޑްރިޑަށް ޖަހައިދިން 311 ގޯލުގެ އިތުރުން ޔުވެންޓަސް އަށް ޖަހައިދިން 81 ގޯލެވެ. އޭނާގެ ކެރިއަރު ފެށި ޕޯޗުގަލްގެ ސްޕޯޓިން އަށް ތިން ގޯލު ޖަހައިދީފައި ވިއަސް އެ ލީގަކީ ޔޫރަޕްގެ ގަދަ ފަސް ލީގު ތެރޭގައި ހިމެނޭ ލީގެއް ނޫނެވެ.

ޔުނައިޓެޑް ދޫކޮށް ސައުދީ ލީގަށް ރޮނާލްޑޯ ބަދަލުވެ، އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 14 ގޯލު ޖަހައިދީފަ އެވެ. ނަމަވެސް އެ ޓީމަށް ލީގު ނިންމާލަން ޖެހިފައި ވަނީ ލީގުގެ ދެވަނައިގަ އެވެ.

ރޮނާލްޑޯގެ ކުޅޭ އައް ނަސްރަށް ލީގު ހޯދުމުގެ ފުރުސަތު ގެއްލުނީ ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި އަލް އިއްތިފާގާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރު ވުމުންނެވެ.

ސައުދީ ޕްރޯ ލީގުގައި ކޮންމެ ޓީމަކަށް އެއް މެޗު ބާކީ އޮތްއިރު ނަސްރަށް ލިބިފައި ވަނީ 64 ޕޮއިންޓެވެ. އެއްވަނައިގައި އޮތް އަލް އިއްތިހާދުން ވަނީ ރޭ އަލް ފައިހާ އާ ވާދަކޮށް 3-0 އިން މޮޅުވެ، 69 ޕޮއިންޓް ހަމަކޮށް ލީގުގެ ޗެމްޕިއަންކަން ޔަގީން ކޮށްފަ އެވެ.

ނަސްރުން ސައުދީ ޕްރޯ ލީގުގައި ރޭ އިއްތިފާގާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ.-- ފޮޓޯ: އޭއެފްޕީ

ނަސްރުން ސައުދީ ޕްރޯ ލީގުގައި ރޭ އިއްތިފާގާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ.-- ފޮޓޯ: އޭއެފްޕީ

މިއީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ތަށްޓެއް ނުހޯދައި ޖެހިޖެހިގެން ދެ ސީޒަން ނިންމާލި ފުރަތަމަ ފަހަރެވެ. ޔުވެންޓަސް ދކޮށް މިދިޔަ ސީޒަންގައި ޔުނައިޓެޑަށް ބަދަލުވެ، ހުސް އަތާ ސީޒަން ނިންމާލި އިރު، މި ސީޒަންގައި އޭނާ ޔުނައިތެޑް ދޫކޮށްލީ ކްލަބްގެ ކޯޗު އެރިކް ޓެން ހަގް އާ މައްސަލަ ޖެހިގެންނެވެ. ނަމަވެސް ޔުނައިޓެޑުން ވަނީ މި ސީޒަންގައި އިނގިރޭސި ލީގް ކަޕް ކާމިޔާބުކޮށް، އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ އެފްއޭ ކަޕް ފައިނަލުން ވެސް ފުރުސަތު ހޯދައިފަ އެވެ.

ނަސްރާ އެކު ވެސް ރޮނާލްޑޯ އަށް މި ސީޒަންގައި ތިން ތަށި ހޯދުމުގެ ފުރުސަތު އޮތެވެ. އެކަމަކު ސައުދީ ސުޕަ ކަޕާއި ސައުދީ ކިންގް ކަޕުން ވެސް ރޮނާލްޑޯއާ އެކު އެޓީމު ކެޓީ ސެމީ ފައިނަލުންނެވެ. ރޮނާލްޑޯ ނަސްރަށް ބަދަލުވި އިރު ވެސް އެ ޓީމު އޮތީ ލީގުގެ އެއްވަނައިގަ އެވެ. ނަމަވެސް އެ ޓީމު ދެވަނައަށް ވެއްޓުނީ މާޗު މަހު، އިއްތިހާދު އަތުން ބަލިވެގެންނެވެ.

މި ސީޒަން ހުސްއަތާ ނިންމާލި ނަމަވެސް ނަސްރާއި ރޮނާލްޑޯ އަށް ވެސް އޮތް ހިތްހަމަ ޖެހުމަކީ، ލީގުގެ ދެވަނަ ޓީމުގެ ގޮތުގައި އަންނަ ސީޒަނުގެ އޭއެފްސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭތީ އެވެ.

އާ ފޯމެޓާ އެކު، އަންނަ ސީޒަންގައި ފަށައި ޗެމްޕިއަންސް ލީގުގައި، ސައުދީ އަރަބިއްޔާގެ ހަތަރު ޓީމަށް ފުރުސަތު އޮތް ނަމަވެސް ލީގުގެ ދެވަނަ ޓީމަށް އެންމެ ފުރަތަމަ ފުރުސަތެއް ނެތެވެ.

މިދިޔަ ސީޒަންގެ ލީގު ޗެމްޕިއަން އަލް ހިލާލް އާއި މި ސީޒަންގެ ލީގު ޗެމްޕިއަނުންގެ އިތުރުން މިދިޔަ ސީޒަންގެ ކިންގް ކަޕް ޗެމްޕިއަނުން އަލް ފައިހާ އަށް ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ފުރުސަތު އޮތްއިރު، މި ސީޒަންގެ ކިންގް ކަޕްގެ ޗެމްޕިއަނުންނަށް އޮތީ ކޮލިފައިން ޕްލޭއޮފްގެ ޖާގަ އެވެ.

އެކަމަކު، ހިލާލުން މި ސީޒަންގެ ކިންގް ކަޕް ކާމިޔާބު ކުރުމާ އެކު ޕްލޭއޮފްގެ ޖާގަ ލިހާރު ލިބިފައި ވަނީ ރޮނާލްޑޯ ކެޕްޓަންކަން ކުރާ އައް ނަސްރަށެވެ.