Roadha Mihaaru
މެސީ ސަސްޕެންޑް ކޮށްގެން ޕީއެސްޖީ މޮޅުވެއްޖެ

މެސީ ސަސްޕެންޑް ކުރުމަށްފަހު ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ

08 މެއި 2023

ޓްރޯޔެސް (މެއި 8) - ލިއޮނެލް މެސީ ސަސްޕެންޑް ކުރުމަށް ފަހު ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެޓީމު މޮޅުވެއްޖެ އެވެ.

ޓްރޯޔެސް (މެއި 8) - ލިއޮނެލް މެސީ ސަސްޕެންޑް ކުރުމަށް ފަހު ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެޓީމު މޮޅުވެއްޖެ އެވެ.

ޕީއެސްޖީ މޮޅުވީ ރަށުން ބޭރުގައި ރެލިގޭޝަން ޒޯނުގައި، ސަލާމަތް ވެވޭނެ ކަމުގެ މާ ބޮޑު އުންމީދެއް ނެތި އޮތް ޓްރޯޔެސް އާ ވާދަކޮށް 3-1 އިންނެވެ.

ޕީއެސްޖީ އަށް ލީޑު ނަގައިދިނީ މެޗުގެ އަށްވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ އެވެ. އެމްބާޕޭގެ ގޯލުން ލީޑު ހޯދައި ފުރަތަމަ ހާފު ނިންމާލިއިރު ލީޑު ފުޅާ ކުރީ 59 ވަނަ މިނިޓުގައި ވިޓީނިއާ ޖަހައިދިން ގޯލުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ވަނިކޮށް އެޓީމުގެ ޒާވިއާ ޝާވަލެރިން ފަރަގު ކުޑަ ކޮށްދިން ނަމަވެސް ތިން މިނިޓު ތެރޭ ފަބިއަން ރުއިޒް ވަނީ ޕީއެސްޖީއަށް ތިންވަނަ ގޯލެއް ޖަހައިދީފަ އެވެ.

ޕީއެސްޖީން މި މެޗަށް ނުކުތުމުގެ ކުރިން ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ. ލީގުގައި ބާކީ އޮތް ހަތަރު މެޗުން ލީގު ކަށަވަރު ކުރަން ޕީއެސްޖީއަށް ބޭނުން ވަނީ ހަތް ޕޮއިންޓެވެ. އެޓީމުން އަންނަނީ ރެކޯޑް 11 ވަނަ ފަހަރަށް ލީގު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ފްރާންސް ލީގުގައި ޕީއެސްޖީ އެއްވަނައިގައި އޮތީ، ދެވަނައިގައި އޮތް ލެންސް އަށް ވުރެ ހަ ޕޮއިންޓް ކުރީގަ އެވެ. ޕީއެސްޖީއަށް ވަނީ 34 މެޗުން 78 ޕޮއިންޓް ލިބިފަ އެވެ. ލެންސް އަށްވުރެ ދެ ޕޮއިންތް މަދުން ލީގުގެ ތިންވަނައިގައި އޮތީ މާސޭ އެވެ.

މެސީ ސަސްޕެންޑް ކޮށްފައި ވަީ އަމިއްލަ ދަނޑުގައި ލޮރިއެންޓް އާ ދެކޮޅަށް ކުޅެ ބަލިވި މެޗަށް ފަހު އޭނާ ކްލަބުގެ ހުއްދަ ނުލިބި ކޮމާޝަލް ދަތުރެއްގައި ސައުދީ އަރަބިއްޔާ އަށް ދިޔަ މައްސަލައިގަ އެވެ. ދެ ހަފްތާއަށް މެސީ ސަސްޕެންޑް ކޮށްފައި ވާއިރު ލީގުގައި ދެން އެންމެ އަވަހަށް އަމިއްލަ ދަނޑުގައި އަޖޭސިއޯ އާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އޭނާ ނުކުޅޭނެ އެވެ.