Roadha Mihaaru
ޕީއެސްޖީން މެސީއަށް މަރުހަބާ ކީއިރު އެމްބާޕޭ ޗުއްޓީގައި

ޕީއެސްޖީން މެސީ އަށް މަރުހަބާ ކީއިރު އެމްބާޕޭ ހުރީ ޗުއްޓީގައި

05 ޖެނުއަރީ 2023

ޕެރިސް (ޖެނުއަރީ 5) - ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު ޗުއްޓީގައި ހުރި އާޖެންޓީނާގެ ލިއޮނެލް މެސީ އެނބުރި ޕީއެސްޖީއާ ގުޅުމުން، ކުލަބުގެ ޓްރެއިނިން ދަނޑުން އޭނާ އަށް ގާޑް އޮފް އޮނާއަކުން މަރުހަބާ ކިޔައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (ޖެނުއަރީ 5) - ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު ޗުއްޓީގައި ހުރި އާޖެންޓީނާގެ ލިއޮނެލް މެސީ އެނބުރި ޕީއެސްޖީއާ ގުޅުމުން، ކުލަބުގެ ޓްރެއިނިން ދަނޑުން އޭނާ އަށް ގާޑް އޮފް އޮނާއަކުން މަރުހަބާ ކިޔައިފި އެވެ.

އަދި ހާއްސަ ކާމިޔާބީ ފާހަގަކޮށް ކްލަބުގެ ފަރާތުން އޭނާ އަށް ވަނީ ހަނދާނީ ފިލައެއް ވެސް ދީފަ އެވެ.

ވޯލްޑް ކަޕް ފައިނަލުން ފްރާންސް އަތުން ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ މޮޅުވި މެޗުގައި މެސީ ދެ ގޯލް ޖެހި އެވެ. އެކަމަކު އެ މެޗުގައި ހެޓްރިކް ހަދައި މުބާރާތުގެ ރަންބޫޓު ކާމިޔާބުކުރީ މެސީއާ އެކު ޕީއެސްޖީ އަށް ކުޅޭ ކީލިއަން އެމްބާޕޭ އެވެ.

ޕީއެސްޖީ އިން މެސީ އަށް ދިން ރަމްޒީ އެވޯޑާ އެކު.-- ފޮޓޯ: ޕީއެސްޖީ

ޕީއެސްޖީ އިން މެސީ އަށް ދިން ރަމްޒީ އެވޯޑާ އެކު.-- ފޮޓޯ: ޕީއެސްޖީ

މެސީ ޓީމާ ގުޅުނު އިރު އެމްބާޕޭ އާއި ވޯލްޑް ކަޕުގައި މޮރޮކޯ ޓީމުގައި ވިދާލި އަޝްރަފް ހަކީމީ ތިބީ ޗުއްޓީގަ އެވެ. އެމްބާޕޭ ނެތަސް. ދާދި ފަހުން ޕީއެސްޖީގެ ސީނިއާ ޓީމާ އެކު ފަރިތަކުރަން ފެށި އެމްބާޕޭގެ ކޮއްކޮ އީތަން ވަނީ ގާޑް އޮފް އޮނާ ގައި ބައިވެރިވެފަ އެވެ.

ވޯލްޑް ކަޕަށް ފަހު ތިން ވަރަކަށް ދުވަސް ފަހުން އެމްބާޕޭ އާއި ހަކީމީ ޓީމާ ގުޅުނެވެ. އަދި ވޯލްޑް ކަޕަށް ފަހު ޕީއެސްޖީ މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް ދެ ކުޅުންތެރިން ކުޅުނެވެ. އެކަމަކު ފަހުން އެ ދެ ކުޅުންތެރިންނަށް ޗުއްޓީއެއް ދިނީ އެވެ.

ކުރިން ވެސް ރާވާފައި އޮތީ ދެ މެޗަށް ފަހު އެ ދެ ކުޅުންތެރިންނަށް ޗުއްޓީއެއް ދޭން ކަމަށް ޕީއެސްޖީން ބުނެފައިވެ އެވެ.

ޕީއެސްޖީ މެޗެއްގައި ލަނޑެއް ޖެހުމަށް ފަހު އެމްބާޕޭ، މެސީ އާއެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީ މެޗެއްގައި ލަނޑެއް ޖެހުމަށް ފަހު އެމްބާޕޭ، މެސީ އާއެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެސީ ވަނީ އޭނާ އަށް ކީ މަރުހަބާ އަށް، އިންސްޓަގްރަމްގައި ޝުކުރުއަދާކޮށްފަ އެވެ. މިހާރު ހުރީ ޕީއެސްޖީއާ އެކު މި ސީޒަނުގެ ޓާގެޓްތައް ހާސިލް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަން ތައްޔާރަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އާޖެންޓީނާގެ އުފާފާޅުކުރުންތަކުގެ ތެރޭގައި އެ ޓީމުގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒްގެ ވަނީ އެމްބާޕޭ އަށް ފުރައްސާރަކޮށްފަ އެވެ. ޕީއެސްޖީގެ ކޯޗު ކްރިސްޓަފާ ގަލްޓިއޭ ބުނީ އޭގެ ސަބަބުން މެސީ އާއި އެމްބާޕޭގެ ގުޅުމަށް އަސަރު ނުކުރާނެ ކަމަށެވެ. ގޯލްކީޕަރު ކުރި ކަމެއްގެ ސަބަބުން ދެ ކުޅުންތެރިންގެ ގުޅުމަށް ހީނަރުކަމެއް އަންނާނެ ކަމަށް އޭނާ ނުދެކޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެންނަށް މުހިއްމީ ކުޅުންތެރިންގެ ގުޅުން. ބަލިވިޔަސް އެމްބާޕޭގެ އެޓިޓިއުޑް ވަރަށް ރަނގަޅު. އޭނާ ހުރީ މާޔޫސްވެފައި އެކަމަކު ވެސް އޭނާ ވަނީ މެސީ އަށް މަރުހަބާ ކިޔައިފައި،" ގަލްޓިއޭ ބުންޏެވެ.