Roadha Mihaaru
ސައުދީގައި ރޮނާލްޑޯގެ ފުރަތަމަމެޗު ޕީއެސްޖީއާ ދެކޮޅަށް؟

ސައުދީގައި ރޮނާލްޑޯގެ ފުރަތަމަ މެޗު ޕީއެސްޖީއާ ދެކޮޅަށް؟

09 ޖެނުއަރީ 2023

ރިޔާދު (ޖެނުއަރީ 9) - އަންނަ ހަފްތާގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދު ގައި ޕީއެސްޖީން ކުޅޭ މެޗުގައި އެ ގައުމުގެ އަލް ނަސްރު އަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރިޔާދު (ޖެނުއަރީ 9) - އަންނަ ހަފްތާގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދު ގައި ޕީއެސްޖީން ކުޅޭ މެޗުގައި އެ ގައުމުގެ އަލް ނަސްރު އަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

ޖެނުއަރީ 19 ވަނަ ދުވަހުގެ ރޭ، ރިޔާދުގެ ވާދަވެރި ދެ ކުލަބް ކަމަށްވާ އަލް ނަސްރު އާއި އަލް ހިލާލް އިން ހޮވާލެވޭ ޓީމަކާ ދެކޮޅަށް ޕީއެސްޖީ ކުޅެން ހަމަޖެހިފައިވާ މެޗަކީ އަހަރުގެ ކުރީކޮޅު ރިޔާދުގައި ކުރިއަށް ގެންދާ ރިޔާދު ފެސްޓިވަލްގެ ތެރެއިން ހިމެނޭ ރަހުމަތްތެރިކަމުގެ މެޗެކެވެ.

ޕީއެސްޖީގެ ނުރައްކާތެރި ތިން ފޯވާޑުން ކަމަށްވާ ލިއޮނެލް މެސީ އާއި ކިލިއަން އެމްބާޕޭ އަދި ނޭމާ ވެސް އެ މެޗުގައި ކުޅޭނެ ކަމަށް ބެލެވެ އެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ރޮނާލްޑޯ ނަސްރަށް ބަދަލުވެ، އެ ކްލަބްގެ ފަރިތަކުރުންތަކުގައި މިހާރު ދަނީ ބައިވެރި ވަމުންނެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ، އަލް ނަސްރުގެ ފަރިތަކުރުންތަކުގައި.-- ފޮޓޯ: އޭއެފްޕީ

ކްރިސްޓިއާނޯ ރޮނާލްޑޯ، އަލް ނަސްރުގެ ފަރިތަކުރުންތަކުގައި.-- ފޮޓޯ: އޭއެފްޕީ

އަލް ނަސްރު އާއި އަލް ހިލާލް ކުޅޭ މެޗުތައް މަޝްހޫރު ވެފައި ވަނީ ރިޔާދު ޑާބީ ނުވަތަ ކެޕިޓަލް ޑާބީ ގެ ނަމުންނެވެ. ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގައި މި ދެޓީމުން ހޮވާލެވޭ ކުޅުންތެރިންކޮޅަށް އިރުޝާދުދޭނީ، ކުރިން ޕީއެސްޖީ އަށާއި އާޖެންޓީނާގެ ގައުމީ ޓީމަށް ވެސް ކުޅުނު ކޯޗު މާސެލޯ ގަލާޑޯ އެވެ.

ކިންގް ފަހްދު އިންޓަނޭޝަނަލް ސްޓޭޑިއަމް ގައި ކުޅެން ހަމަޖެހިފައިވާ، ރިޔާދު ސީޒަން ކަޕް ގެ ނަމުން ނަން ދެވިފައިވާ މި މެޗުގެ ޓިކެޓް އޮންލައިންކޮށް ގަންނަން މިލިއަނަކަށް ވުރެ ގިނަ މީހުން ރިކުއެސްޓް ކުރި އެވެ. ނަމަވެސް 68،000 އެއްހާ މީހުންގެ ޖާގައިގެ މި ދަނޑަށް ވަންނަން ސަޕޯޓަރުންނަށް ވިއްކާ ޓިކެޓްތައް މިހާރު ވެސް ހުސްވެއްޖެ އެވެ.

ޕީއެސްޖީ އިން މި މެޗު ކުޅެން އެއް ދުވަސް ކުރިން ރިޔާދަށް ދަތުރުކުރާނެ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ. މި މެޗުގެ ކުރިން ފްރާންސް ލީގުގައި ޕީއެސްޖީ ދެ މެޗެއް ކުޅޭނެ އެވެ. އަދި މެޗަށް ފަހު ތިން ދުވަސްތެރޭ ފްރާންސް ކަޕްގެ މެޗެއް ޕީއެސްޖީ އަށް އެބަ އޮތެވެ.

ރޮނާލްޑޯ އަލް ނަސްރު އަށް ބަދަލުވެ އޭނާ އަށް އަދި އެއްވެސް މެޗެއް ކުޅެވޭ ގޮތެއް ނުވެ އެވެ. އެއީ އޭނާ ސަސްޕެންޝަނެއްގައި ހުރުމުންނެވެ. އާ ޓީމާއެކު ރޮނާލްޑޯ އަށް އެންމެ އަވަހަށް ވެސް ރަސްމީ މެޗެއް ކުޅެވޭނީ ރިޔާދު ސީޒަން ކަޕް މެޗަށް ފަހު، ޖެނުއަރީ 22 ވަނަ ދުވަހުގެ ރޭ އަލް ނަސްރުގެ ދަނޑުގައި އަލް އިއްތިފާގާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ.

ސައުދީ ޕްރޮފެޝަނަލް ލީގުގެ ޓީމެއްގައި އެންމެ ގިނަވެގެން ޓީމެއްގައި ރަޖިސްޓްރީ ކުރެވެނީ ބިދޭސީ އަށް ކުޅުންތެރިންނެވެ. ރޮނާލްޑޯ އެޓީމަށް ސޮއި ކުރި އިރު ވެސް އަލް ނަސްރު ގައި ބިދޭސީ އަށް ކުޅުންތެރިން ރަޖިސްޓްރީ ކޮށްފައި ތިއްބެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯގެ ރަޖިސްޓްރޭޝަން ނަސްރުން ފުރިހަމަ ކުރީ ކެމަރޫން ގައުމީ ޓީމުގެ ފޯވާޑް އަދި ކެޕްޓަން ވިންސެންޓް އަބޫބަކުރު ބޭރު ކުރުމަށް ފަހު އެވެ.

ޓީމުން ބޭރު ކުރިއަސް އަބޫބަކުރުގެ ކޮންޓްރެކްޓް ކުލަބުން އުވާނުލާ ކަމަށާއި، ކޮންޓްރެކްޓުގެ ކަންކަން ހަމަޖެހެންދެން މިހާރު އޭނާ ފަރިތަކުރަމުން އަންނަނީ ޓީމާ ވަކިން ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.