Roadha Mihaaru
ފަވަރަ: އެއް އަހަރުން 15 ބިލިއަންގެ މުއާމަލާތް

ފަވަރަ: އެއް އަހަރުން 15 ބިލިއަން ރުފިޔާގެ ޓްރާންސެކްޝަން

27 އޯގަސްޓް 2024

އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އަށް އެއް އަހަރުވީ އިރު އެ މުއްދަތުގައި 15 ބިލިއަން ރުފިޔާގެ ޓްރާންސެކްޝަން ހިންގައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އަށް އެއް އަހަރުވީ އިރު އެ މުއްދަތުގައި 15 ބިލިއަން ރުފިޔާގެ ޓްރާންސެކްޝަން ހިންގައިފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނީ، ފަވަރަ ޓްރާންސްފާ މެދުވެރިކޮށް ފަސް މިލިއަން ޓްރާންސެކްޝަން ހަދާފައިވާ ކަމަށެވެ. އަދި ފަވަރަ ރިކުއެސްޓު މެދުވެރިކޮށް 16 މިލިއަން ރުފިޔާގެ ހަތް ހާސް މުއާމަލާތް ހިންގާފައިވާ ކަމަށް ވެސް ބުންޏެވެ.

ފަވަރައިން 50،000ރ. އާ ހަމައަށް ފައިސާ ޖަމާކުރެވޭ އިރު ފަވަރަ ރިކުއެސްޓް މެދުވެރިކޮށް 5،000ރ. އާ ހަމައަށް ފައިސާ ފޮނުވަން ރިކުއެސްޓް ކުރެވޭނެ އެވެ.

ފަވަރަ ރިކުއެސްޓުން މެދުވެރިކޮށް ފައިސާ ލިބެންވާ ފަރާތުން ފައިސާ ދައްކަންޖެހޭ ފަރާތަށް ޕޭމަންޓް ރިކުއެސްޓެއް ފޮނުވޭނެ އެވެ. މި ހިދުމަތުން ވަކިވަކި ފަރުދުންނަށް އަދި ވިޔަފާރިތަކަށް ވެސް އެކި ކަސްޓަމަރުންނަށް ފައިސާއަށް އެދި ރިކުއެސްޓު ފޮނުވެ އެވެ. އަދި ވިޔަފާރިތަކަށް ވެސް ކަސްޓަމަރުންގެ އަތުން ފައިސާ ބަލައިގަތުގުމުގައި ފަސޭހަތަކެއް ލިބޭނެ އެވެ.

ފަވަރަ ހިދުމަތް މިހާރު ފަސް ބޭންކަކުން ދެ އެވެ.

އަހަރުގެ ހުރިހާ ދުވަހެއްގައި، 24 ގަޑިއިރު މެދުނުކެނޑި ޕޭމަންޓް ޚިދުމަތްދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ސިސްޓަމުން ކޮންމެ ބޭންކެއްގައި އެކައުންޓު އޮތް ކަމަށް ވިޔަސް، އެއް އެކައުންޓުން އަނެއް އެކައުންޓަށް ކުރާ މުއާމާލާތްތަކުގެ ފައިސާ ވަގުތުން ވަގުތަށް ކަސްޓަމަރުންނަށް ލިބެ އެވެ.