Roadha Mihaaru
ޕޭމަންޓް ސިސްޓަމް ތިން ބޭންކާ އެކު އަންނަ މަހު ފަށަނީ

ޕޭމަންޓް ސިސްޓަމް އަންނަ މަހު ފަށަން ތިން ބޭންކާ އެކު ސޮއިކޮށްފި

10 ޖުލައި 2023

އިންސްޓެންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) ގައި ފުރަތަމަ ބައިވެރިވާ ތިން ބެންކާ އެކު މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިއަދު ސޮއިކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންސްޓެންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) ގައި ފުރަތަމަ ބައިވެރިވާ ތިން ބެންކާ އެކު މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިއަދު ސޮއިކޮށްފި އެވެ.

އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތުގައި ޕޭމަންޓް ސިސްޓަމުގެ ފުރަތަމަ މަރުހަލާގައި ބައިވެރިވާން އެއްބަސްވީ ބީއެމްއެލް އާއި އެމްއައިބީގެ އިތުރުން އެސްބީއައި އެވެ.

އާ ޕޭމަންޓް ނިޒާމު އައުމުން މޯބައިލް ފޯނު ބޭނުންކޮށްގެން ނުވަތަ އެހެން ޑިވައިސްތައް ބޭނުންކޮށްގެން ރިއަލް ޓައިމްގައި ވަގުތުން ވަގުތަށް ޕޭމަންޓް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. މި ނިޒާމާ އެކު ކޮންމެ ބޭންކެއްގައި އެކައުންޓެއް އޮތް ނަމަވެސް ނަގުދު ފައިސާ ބޭނުން ކުރަން ނުޖެހި، ފައިސާގެ މުއާމަލާތް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ގަވަރުނަރު އަލީ ހާޝިމު ވާހަކަ ދައްކަވަނީ. ތިން ބޭންކަކާއި އެކު ޕޭމަންޓް ސިސްޓަމް އަންނަ މަހު ފަށަން ވަނީ ނިންމާފައި. -- ފޮޓޯ | މިހާރު

ގަވަރުނަރު އަލީ ހާޝިމު ވާހަކަ ދައްކަވަނީ. ތިން ބޭންކަކާއި އެކު ޕޭމަންޓް ސިސްޓަމް އަންނަ މަހު ފަށަން ވަނީ ނިންމާފައި. -- ފޮޓޯ | މިހާރު

މި ސިސްޓަމުގެ ތެރެއިން އޮންލައިންކޮށް އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވަން ކޮންމެ ފަހަރު އެކައުންޓް ނަންބަރު ޖެހުމުގެ ބަދަލުގައި ހާއްސަ ކޯޑެއް ޖަހައިގެން ވެސް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ. މިސާލަކަށް އައިޑީ ކާޑު ނަންބަރު، އީމެއިލް އެޑްރެސް ނުވަތަ މޯބައިލް ނަންބަރާއި ވިޔަފާރި ރަޖިސްޓްރީ ނަންބަރު ބޭނުންކޮށްގެން ވެސް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ.

ގަވަރުނަރު އަލީ ހާޝިމު ވިދާޅުވީ، އަންނަ މަހުގެ ފަހުކޮޅު ޕޭމަންޓް ސިސްޓަމު ރަސްމީކޮށް ފެށުމަށް ނިންމާ އިރު އެ ސިސްޓަމުގައި މިހާތަނަށް ހިމެނޭނީ އެ ތިން ބޭންކު ނަމަވެސް، ކުރިއަށް އޮތްތަނުގައި އެހެން ބޭންކްތަކުން ވެސް ޕޭމަންޓް ސިސްޓަމުގެ ތެރެއަށް ވަންނާނެ ކަމަށެވެ. ޕޭމަންޓް ސިސްޓަމުގެ ތެރެއަށް ވަނުމުގެ ކުރިން ކުރަން ޖެހޭ ކަންކަން މިހަރު ވެސް އެ ބޭންކްތަކުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ދުވަސްތަކުގައި ޕޭމަންޓް ސިސްޓަމުގެ ގިނަ ޓެސްޓިން މަރުހަލާތަކެއް ކުރިއަށް ދިޔަ އެވެ. އެ މަރުހަލާގައި ފެނުނު ގިނަ މައްސަލަތަކެއް މިހާރު ހައްލުކޮށްފައިވާ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.

އެމްއެމްއޭ އިން މި ސިސްޓަމު އެކުލަވާލާފައި ވަނީ ފިންލޭންޑްގެ ޓީޓޯއެވްރީއާ ހަވާލުކޮށްގެންނެވެ.

އެމްއެމްއޭ އިން ބުނީ ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި އައިޕީއެސްގެ ޕައިލެޓް ޓެސްޓިންގެ މަސައްކަތް ފަށާނެ ކަމަށެވެ. އޭގެ ފަހުން އެ ތިން ބޭންކް މެދުވެރިކޮށް އާންމުންނަށް ޕޭމަންޓް ސިސްޓަމުގެ ހިދުމަތްތައް ތައާރަފް ކުރާނެ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.