Roadha Mihaaru
50 މިލިއަން ރުފިޔާގެ ކްރެޑިޓް ގެރެންޓީ ސްކީމެއް

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން 50 މިލިއަން ރުފިޔާގެ ކްރެޑިޓް ގެރެންޓީ ސްކީމެއް ތައާރަފްކޮށްފި

07 އޯގަސްޓް 2016

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި އަދި އެއްވެސް ރަހުނަކާ ނުލައި ލޯނު ލިބޭ ސްކީމެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ތައާރަފްކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި އަދި އެއްވެސް ރަހުނަކާ ނުލައި ލޯނު ލިބޭ ސްކީމެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ތައާރަފްކޮށްފި އެވެ.

އެމްއެމްއޭ އިން ގެރެންޓީ ދީގެން ހިންގާ 50 މިލިއަން ރުފިޔާގެ ސްކީމްގެ ދަށުން 100،000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރަން ވަނީ ނިންމައިފަ އެވެ. މި ސްކީމްގައި މި ވަގުތު ބައިވެރިވެފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނެވެ.

މަރުކަޒީ ބޭންކުގައި ބޭއްވި ރަސްމިއްޔާތެއްގައި ކްރެޑިޓް ގެރެންޓީ ސްކީމްގައި ބައިވެރިވުމުގެ އެއްބަސްވުމުގައި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު ޑރ. އަޒީމާ އާދަމް އެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އެންޑްރޫ ހީލީ އެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަރީސް ހާރޫން އެވެ.

އެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ޔުނިޓްގެ ހެޑް އިބްރާހިމް ނާސިރު ވިދާޅުވީ އެ ސްކީމް ތައާރަފްކުރީ ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހު ކަމަށެވެ. އަދި އެ ސްކީމްގައި އިތުރު ބޭންކުތައް ވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސްކީމްގައި އަޅުގަނޑުމެން މި ކަނޑައެޅީ 50 މިލިއަން ރުފިޔާ. މީގައި އަޅުގަނޑުމެން މިދެނީ 90 ޕަސެންޓް ގެރެންޓީ،" ނާސިރު ވިދާޅުވި އެވެ.

މި ސްކީމްގެ ދަށުން ބީއެމްއެލް އިން ވަނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބިޒްނަސް ޑިވެލޮޕްމަންޓް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފަ އެވެ.

ކްރެޑިޓް ގެރެންޓީ ސްކީމްގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ގަވަރުނަރު އަޒީމާ އާއި ބީއެމްއެލް ސީއީއޯ އެންޑްރޫ ހީލީ ސަލާމް ކުރައްވަނީ. ފޮޓޯ: ނިޝާން އަލީ

ކްރެޑިޓް ގެރެންޓީ ސްކީމްގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ގަވަރުނަރު އަޒީމާ އާއި ބީއެމްއެލް ސީއީއޯ އެންޑްރޫ ހީލީ ސަލާމް ކުރައްވަނީ. ފޮޓޯ: ނިޝާން އަލީ

ވިޔަފާރި ފުޅާކުރުމަށާއި، އެސެޓް އިތުރުކުރުމަށާއި ވިޔަފާރި ހިންގަން ބޭނުންވާ ފައިސާ ހޯދުމަށް ވެސް މި ލޯނު ސްކީމަށް ހުށަހެޅޭނެ އެވެ. ލޯނުގެ އިންޓަރެސްޓް ރޭޓަކީ ނުވަ ޕަސެންޓެވެ. ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭއިރު ގްރޭސް ޕީރިއަޑްގެ ގޮތުގައި ހަ މަސް ދުވަސް ދެ އެވެ.

އެ ސްކީމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެމްއައިބީގެ ހެޑް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒް މުހައްމަދު ޝަފާއު ވިދާޅުވީ ސްކީމްގެ ދަށުން އެ ބޭންކުން ވެސް ފައިނޭންސް ކޮށްދޭނީ 100،000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ހަމަޔަށެވެ.

އެ ސްކީމްގެ ދަށުން އެމްއައިބީގެ ފަރާތުން ފައިނޭންސްކޮށް ދޭން ނިންމާފައި ވަނީ އެ ބޭންކުން ތައާރަފްކޮށްފައިވާ މުރާބަހާ ޖެނެރަލް އެސެޓްސް އަށާއި ވެސެލް ފައިނޭންސިންގެ ތެރެއިންނެވެ. އެގޮތުން އެމްއައިބީން ވެސް ފައިނޭންސްކޮށްދެނީ ނުވަ ޕަސެންޓް ޕްރޮފިޓާ އެކު ފަސް އަހަރު ދުވަހުން އަނބުރާ ދައްކާ ގޮތަށް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

"އެމްއައިބީން މި ސްކީމްގެ ދަށުން ފައިސާއެއް ދުލެއް ނުކުރާނަން. ހަމައެކަނި އެސެޓެއް ގަނެދޭނީ،" ޝަފާއު ވިދާޅުވި އެވެ.