Roadha Mihaaru
އަގު ބޮޑު، ގަނެވޭކަށް ނެތް، ލޯނެއް ނުލިބޭ؟

އަގު ބޮޑު، ގަނެވޭކަށް ނެތް، ލޯނެއް ނުލިބޭ، ހައްލަކީ ކޮބާ؟

31 ޖެނުއަރީ 2019

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިހާރު ފެންނަނީ މަތީ ފެންވަރުގެ އެތައް ސަތޭކަ އެޕާޓްމަންޓެއް ނިމެމުން ދާ ތަނެވެ. ބައެއް އިމާރާތްތަކުގެ ކޮންކްރީޓް މަސައްކަތް ކުރިއަށް އެބަ ދެ އެވެ. އެކަމަކު މިއީ ބޯހިޔާވަހިކަމަށް ޖެހިފައިވާ އާދައިގެ މީހަކަށް އަތްފޯރާ ފަށުގައި ހުރި ތަންތަނެއް ނޫނެވެ. އެއަށް ވުރެ އަގު ބޮޑެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިހާރު ފެންނަނީ މަތީ ފެންވަރުގެ އެތައް ސަތޭކަ އެޕާޓްމަންޓެއް ނިމެމުން ދާ ތަނެވެ. ބައެއް އިމާރާތްތަކުގެ ކޮންކްރީޓް މަސައްކަތް ކުރިއަށް އެބަ ދެ އެވެ. އެކަމަކު މިއީ ބޯހިޔާވަހިކަމަށް ޖެހިފައިވާ އާދައިގެ މީހަކަށް އަތްފޯރާ ފަށުގައި ހުރި ތަންތަނެއް ނޫނެވެ. އެއަށް ވުރެ އަގު ބޮޑެވެ.

ގެދޮރުގެ މައްސަލަ ހައްލުކުރަން އެންމެ ފަހުގެ ހަތަރު ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު އަމިއްލަ ގެދޮރަށް އެދިއެދި ތިބި މީހުންގެ އަދަދު ގިނަވުމުން ހައްލުކުރެވޭނެ ގޮތެއް ނުފެނި، މައްސަލަ ދަނީ ދިގުލަމުންނެވެ.

މާލޭގެ ގެއެއްގެ ހާލަތު: ގެދޮރުވެރިކުރުވުމުގެ ސިޔާސަތު ހަރުދަނާވާން ޖެހޭ --ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލޭގެ ގެއެއްގެ ހާލަތު: ގެދޮރުވެރިކުރުވުމުގެ ސިޔާސަތު ހަރުދަނާވާން ޖެހޭ --ފޮޓޯ: ނިޝާން އަލީ/ މިހާރު

ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ ބޯހިޔާވަހިކަމަށް ދިމާވާ މައްސަލަ ހައްލުކުރަން، ގެދޮރަށް ޖެހިފައިވާ މީހުންގެ އަދަދާއި އަސްލު ހާލަތު ދެނެގަތުން މުހިންމު ކަމަށެވެ.

"ގެދޮރުގެ ކަންކަން ވަރަށް ބޮޑަށް ޕޮލިޓިކަލް ޓޫލެއް ގޮތުގައި ބޭނުންކުރާތަން ފެންނަނީ. އެހެންވީމަ ހަގީގަތުގައި މީގެ ނީޑު އޮޅިފައި މިއޮތީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތްކަމުގެ މިސާލަކީ ގެދޮރަށް ހުޅުވާލާ ކޮންމެ ފަހަރަކު ފޯމު ހުށަހަޅަން އެއްވާ މީހުންގެ ދިގު ކިއޫ އެވެ. އެކަމަކު ސުހައިލް ދެކެވަޑައިގަންނަވާ ގޮތުގައި އެއަށް ވުރެ ބޮޑަށް އެ މީހުންގެ އަސްލު ހާލަތު އެނގެން ޖެހޭނެ އެވެ. އެގޮތުން އެންމެ ދަތި ހާލުގައި އުޅެނީ ކޮން ބައެއް ކަމާއި ގެދޮރަށް އޮތް ޑިމާންޑްގެ ހަގީގަތް ވެސް އެނގޭނީ އެފަދަ ދިރާސާއަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކި ފެންވަރުގެ ފްލެޓްތައް ބަރިބަރިއަށް އަޅާ އިރު މިއީ އެންމެ ފުރަތަމަ ކުރަން ޖެހޭ މަސައްކަތެވެ. އެކަމަކު އެފަދަ ދިރާސާއެއް ކުރީގެ އެއްވެސް ސަރުކާރަކުން ހަދާފައެއް ނުވެ އެވެ. އެހެންކަމުން ސަރުކާރުގެ ސޯޝަލް ހައުސިން މަޝްރޫއުތަކުގައި ދޫކުރާ ފްލެޓްތަކުގެ އަގު ހަމަޖައްސާފައި ހުންނަނީ ހަގީގަތަކަށް ވުރެ ބޮޑަށް ލަފައެއްގެ މައްޗަށެވެ.

ސުހެއިލް ވިދާޅުވީ މިހާރަށް ވުރެ ވެސް އަގު ހެޔޮކޮށް ފްލެޓްތައް ވިއްކިދާނެ ކަމަށެވެ. ނަމަވެސް އެފަދަ މަޝްރޫއުތައް ހިންގަން ބޮޑެތި އުނދަގޫތައް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.

"މިހާރު ހިލަވެހި ނުލިބިގެން، ލޭބާ ކޯޓާ ނުލިބިގެން މަސައްކަތް ޑިލޭވޭ. އެހެންވެ ކޮންޓްރެކްޓަރުން ވެސް އިތުރު ސޭފްޓީ [އަގު] މަސައްކަތަށް އެބަ ލާ،" އޭނާ ވިދާޅުވި އެވެ.

އާމްދަނީއާ ނުބައްދަލު އަގުތަކެއް!

އިގުތިސާދީ ދާއިރާގެ ބޭފުޅެއް ކަމަށްވާ އަދި އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމުގައި ހުންނެވި މަރިޔަމް ވިސާމް ވިދަޅުވީ ގެދޮރުގެ މައްސަލައަށް ރަނގަޅު ހައްލެއް ނުހޯދޭ އެންމެ ބޮޑު އެއް ސަބަބަކީ ބޯހިޔާވަހިކަމާ ގުޅޭ ދިރާސާތައް ކޮށްފައިނުވުން ކަމަށެވެ. އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރައްޔިތުންގެ އާމްދަނީ މިންކުރެވެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގެދޮރު ލިބެން މިހުންނަނީ އާންމު ރައްޔިތުންގެ އާމްދަނީއާ ނުބައްދަލު އަގުތަކެއްގައި. ސިވިލް ސާވިސް އެންމެ ބޮޑު މުސާރައެއް ވެސް މި އުޅެނީ 10،000ރ. އާއި 15،000ރ. އާ ދެމެދު. އެކަމަކު ކޮންމެ މަހަކު 8،000ރ. ދިރިއުޅޭ ތަނަށް ހޭދަކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ވިސާމް ވިދާޅުވި ގޮތުގައި ކޮންމެ މީހެއްގެ މުސާރައިގެ ގާތްގަނޑަކަށް 80 ޕަސެންޓް، ދިރިއުޅޭ ތަނަކަށް ހަރަދު ކުރަން ޖެހުމަކީ ބޮޑު މައްސަލައެކެވެ. އެހެންކަމުން ގެދޮރު ގަތުމަށްޓަކައި ލޯނު ލިބެނީ ވެސް މަދު ބަޔަކަށެވެ. ވިސާމް ގަބޫލުކުރައްވާ ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަން ގައުމީ ފެންވަރުގެ ޕްލޭނެއް ހަދަން ޖެހެ އެވެ.

ހުޅުމާލެއިން ގޯތި ވިއްކަން ކުރީ ސަރުކާރުން ހުޅުވާލުމުން އާންމުން ރޭގަނޑު ކިއޫ ހަދައިގެން: ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑު ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ހުޅުމާލެއިން ގޯތި ވިއްކަން ކުރީ ސަރުކާރުން ހުޅުވާލުމުން އާންމުން ރޭގަނޑު ކިއޫ ހަދައިގެން: ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑު ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސޯޝަލް ހައުސިން އަކީ ކުޑަ އަގުގައި ސަރުކާރުން ފޯރުކޮށްދޭ ގެދޮރުވެރިކަމެވެ. ހަމަ އެއާ އެކު އަމިއްލަ ފަރާތްތަކުން އަންނަނީ ހުޅުމާލޭގައި މެދު ފަންތި އާއި އެންމެ މަތީ ފެންވަރުގެ އެޕާޓްމަންޓްތައް އަޅަމުންނެވެ. އެކަމަކު މެދު ފަންތީގެ މީހުންނަށް އަމާޒުކޮށް ހަދާ އެޕާޓްމަންޓްތައް ވެސް މަހަކު 25،000ރ. އާމްދަނީއެއް ލިބޭ މީހާއަށް ވެސް ގަނެވޭވަރެއް ނުވާނެ އެވެ. އާންމު ގޮތެއްގައި ދެ ކޮޓަރީގެ އެޕާޓްމެންޓެއް 2.5 މިލިއަން ރުފިޔާ އާއި 3 މިލިއަނާ ދެމެދުގެ އަގުތަކެއްގައި އުޅޭ އިރު، އެޑްވާންސްކޮށް 20 ޕަސެންޓް ދައްކަން ވެސް އެއް ފަހަރާ ބައި މިލިއަނެއްހާ ރުފިޔާ ހޯދަން ޖެހެ އެވެ. އަދި އަގުގެ އަނެއް ބައި ބޭންކް ލޯނަކުން ހަމަޖައްސާ އިރު، މަހު އާމްދަނީ ގާތްގަނޑަކަށް 50،000ރ ގައި ނޫޅޭ ނަމަ އެއީ ކުޅަދާނަ ކަމެއް ނޫނެވެ.

ވިސާމް ވިދާޅުވީ މެދު ފަންތީގެ ނަމުގައި އަމިއްލަ ފަރާތްތަކުން ފްލެޓް ވިއްކާ އިރު އެއީ ހަގީގަތުގައި ވެސް ދިވެހިންގެ މެދު ފަންތީގެ ދިރިއުޅުމަށް ހޭދަކުރެވޭ މިންވަރުތޯ ދެނެގަންނަން ޖެހޭ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތު ބަދަލުކޮށްގެން ބޭންކްތައް ޝައުގުވެރިކުރެވިދާނެ؟

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ ގެދޮރުގެ މައްސަލައިގައި ދެ ކަމެއް ފާހަގަކުރެއްވޭ ކަމަށެވެ. އެއީ ގެދޮރުގެ އަގު ބޮޑުވުމާއި އަމިއްލަ ގޯތި ހަދަން ބޭނުންވާ ފައިސާ ނެތް މީހުން، މި ދެ ބަ އެވެ. އެހެންކަމުން އާންމުންނަށް ގަނެވޭނެ ނުވަތަ ގެދޮރު އިމާރާތް ކުރުމަށްޓަކައި ސަބްސިޑައިޒް ކޮށްގެން ނަމަވެސް އުސޫލެއް ސަރުކާރުން އެކުލަވާލަން ޖެހޭ ކަމަށް ގަވަރުނަރު ގަބޫލުކުރައްވަ އެވެ.

ގެދޮރުގެ މައްސަލައަށް ހައްލެއް ހޯދަން މާލީ ގޮތުން ބޭނުންވާ ފައިސާ ފޯރުކޮށްދެނީ ބޭންކްތަކުންނެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިސްލާމިކް ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓު އުޅެނީ 10 ޕަސެންޓާއި 12 ޕަސެންޓާ ދެމެދުގަ އެވެ.

މީގެ އިތުރުން އެފޯޑަބަލް ހައުސިންގެ ނަމުގައި ބީއެމްއެލުން 2.2 މިލިއަން ރުފިޔާއަށް ވުރެ ދަށުން ލޯނު ނަގާ ނަމަ ހަ ޕަސެންޓް އިންޓްރެސްޓްގައި ލިބުމުގެ ފުރުސަތު އޮވެ އެވެ. ނަމަވެސް މެދު ފަންތިއަށް އަމާޒުކޮށް ހަދާ ދެ ކޮޓަރީގެ އެޕާޓްމެންޓެއް ވެސް ހުޅުމާލޭގައި ލިބެނީ އެއަށް ވުރެ މަތީ އަގުތަކެއްގަ އެވެ.

ރާއްޖޭގެ ބޭންކެއްގައި މަސައްކަތް ކުރާ އިސް ވެރިޔަކު، ނަން ނުޖަހާ ގޮތަށް، ކިޔައިދެއްވި ގޮތުގައި ބޭންކުތަކުން ލޯނު ދޫކުރަން ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ބައެއް ކަންކަން އަވަސް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެޗްޑީސީ އާއި ހައުސިން މިނިސްޓްރީ އާއި ކޯޓު މަރުހަލާގެ ތެރެއިން ނިންމަން ޖެހޭ ކަންކަން ނުނިމި ދިގުދެމިގެން ދިއުމަކީ ލޯނު ދޭ ބޭންކަކުން ނަގާ ބޮޑު ރިސްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރުވެސް 2013 ވަނަ އަހަރު ލޯނުދިން ބައެއް ފަރާތްތަކުގެ މޯގޭޖު ޕްރޮސެސް ކޯޓުތަކުން ނުނިމި އެބަ ހުރި،" އޭނާ ވިދާޅުވި އެވެ.

އެޕާޓްމެންޓްގެ ރަޖިސްޓްރީ ޕްރޮސެސްގެ ކަންކަން ނުނިމި އެހާ ދުވަސް ވާ ނަމަ، ލޯނު ނަގާ ފަރާތުން ލޯނު ނުދެއްކި ނަމަވެސް ބޭންކަށް އެޅޭނެ ފިޔަވަޅެއް ނޯވެ އެވެ. މިފަދަ މައްސަލަތަކާ އެކު ބޭންކުތަކުން ވެސް ހައުސިން ލޯނު ދޭން ޖެހިލުންވާ ގޮތް ދިމާވެ އެވެ.

ހުޅުމާލޭގައި ސަރުކާރުން އަލަށް އެޅި ފްލެޓްތައް: ސަރުކާރުގެ ސިޔާސަތު ބަދަލުކުރަން ޖެހޭ -- މިހާރު ފޮޓޯ: ހުސެން ވަހީދު

ހުޅުމާލޭގައި ސަރުކާރުން އަލަށް އެޅި ފްލެޓްތައް: ސަރުކާރުގެ ސިޔާސަތު ބަދަލުކުރަން ޖެހޭ -- މިހާރު ފޮޓޯ: ހުސެން ވަހީދު

ބޯހިޔާވަހިކަމަށް ބޭންކްތަކުން ކުރާ ހޭދަ ބޮޑުކޮށް، އާންމުންނަށް ލުއިކޮށްދޭން ބޭނުން ނަމަ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ބަދަލުގެނެވިދާނެ އެވެ. މިސާލަކަށް މިހާރު ވެސް ދައުލަތަށް އެންމެ ބޮޑު ޓެކްސްއެއް ނަގަނީ ބޭންކުތަކުންނެވެ. ބޭންކުތަކުގެ ފައިދާ އިން 25 ޕަސެންޓް ޓެކްސްގެ ގޮތުގައި ދައްކަން ޖެހެ އެވެ. މިހާ ބޮޑު ޓެކްސެއް ދައްކަން ޖެހުމުން، ހައުސިން ކަހަލަ މުހިންމު ދާއިރާތަކަށް ކުޑަ އިންޓަރެސްޓަކާ އެކު ހޭދަކުރުން ފަދަ ކަންކަން ކުރުމުގައި ބޭންކްތައް ފަހަތަށް ޖެހެވޭ ގޮތް ވެ އެވެ. އެހެންކަމުން ސަރުކާރުން ބައެއް ކަންކަން ފަސޭހަކޮށްދީގެން އާންމުންނަށް ބޭންކްތަކުން ދޫކުރާ ލޯނުތަކުގެ ޝަރުތުތައް ލުއިކުރެވިދާނެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ބޭންކްތަކުގެ ޝައުގުވެރިކަން ބޯހިޔާވަހިކަމުގެ ދާއިރާއަށް ބޮޑުކުރެވިދާނެ އެވެ.

ގެދޮރަށް ޖެހިފައިވާ އެންމެންނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ގާބިލްކަމެއް ނެތެވެ. މެދު ފަންތީގެ އާމްދަނީ އާއި އެޕާޓްމަންޓް ލިބެން ހުންނަ އަގާ ދިމައެއް ނުވެ އެވެ. މަހަކު 30،000ރ ލިބުނަސް، ގެދޮރު ލޯނަށް ޝަރުތު ހަމައެއް ނުވެ އެވެ. މި ހުންނަނީ އަބަދު ދައްކަމުން އަންނަ އެކަމަކު ހައްލެއް ނެތް މައްސަލަތަކެވެ.

ގެދޮރުގެ މައްސަލައަށް އަވަސް ހައްލުތަކެއް ހޯދަން ބަރަވެލި ސްޕީޑުގައި ކަންކަން ކޮށްގެން ވާކަށް ނެތެވެ. މިހާރުން މިހާރަށް ކުރެވޭނެ އެތައް ކަމެއް އެބަ ހުއްޓެވެ. އާންމު މީހާގެ މުޅި އުމުރު އަމިއްލަ ބޯހިޔާވަހިކަމެއް ނެތި ދުއްވާލަން ޖެހުމަކީ، ރާއްޖޭގެ ކުރިއެރުމަށް ބަލާއިރު، އިޖުތިމާއީ ގޮތުން ވަރަށް ބޮޑު ބޭއިންސާފެކެވެ.