Roadha Mihaaru

ފަވަރަ މެދުވެރިކޮށް މިދިޔަ އަހަރުގެ ނިޔަލަށް 23 ބިލިއަން ރުފިޔާގެ މުއާމަލާތް

އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" މެދުވެރިކޮށް، މިދިޔަ އަހަރުގެ ނިޔަލަށް 23 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފަވަރަ މެދުވެރިކޮށް 23 ބިލިއަން ރުފިޔާގެ މުއާމަލާތް

އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" މެދުވެރިކޮށް، މިދިޔަ އަހަރުގެ ނިޔަލަށް 23 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭއިން ނެރެފައިވާ މިދިޔަ އަހަރުގެ ޕޭމަންޓް ބުލެޓިންގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ފަވަރަގެ ހިދުމަތް ތައާރަފްކުރި ފަހުން، މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ 7.7 މިލިއަން މުއާމަލާތް ހިންގާފައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނީ އެ މުއާމަލާތްތަކުގެ ޖުމްލަ އަގު 23.7 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

ފަވަރަ ރިކުއެސްޓުން މެދުވެރިކޮށް، ފައިސާ ލިބެންވާ ފަރާތުން ފައިސާ ދައްކަންޖެހޭ ފަރާތަށް ޕޭމަންޓް ރިކުއެސްޓެއް ފޮނުވޭނެ އެވެ. މި ހިދުމަތުން ވަކިވަކި ފަރުދުންނަށް އަދި ވިޔަފާރިތަކަށް ވެސް އެކި ކަސްޓަމަރުންނަށް ފައިސާއަށް އެދި ރިކުއެސްޓު ފޮނުވެ އެވެ. އަދި ވިޔަފާރިތަކަށް ވެސް ކަސްޓަމަރުންގެ އަތުން ފައިސާ ބަލައިގަތުގުމުގައި ފަސޭހަތަކެއް ލިބޭނެ އެވެ.

ރާއްޖޭގައި ބޭނުންކުރާ އެހެން އޮންލައިން ޕޭމަންޓް ސިސްޓަމްތަކާ ހިލާފަށް، އޮޅިގެން ގޯސް އެކައުންޓަކަށް ފައިސާ ފޮނުވޭ ހާލަތްތަކުގައި، އެ މުއާމަލާތް ކެންސަލް ކުރުމަށް "ފަވަރަ ރިކޯލް"ގެ ހިދުމަތް ވެސް ހިމެނެ އެވެ.

މިގޮތުން، މިދިޔަ އަހަރު 304 މުއާމަލާތުން އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ މި ހިދުމަތް މެދުވެރިކޮށް ރިކޯލް ކޮށްފައިވާކަމަށް އެމްއެމްއޭއިން ބުންޏެވެ.

ފަވަރައިން 50،000ރ. އާ ހަމައަށް ފައިސާ ޖަމާކޮށް، ފަވަރަ ރިކުއެސްޓް މެދުވެރިކޮށް 5،000ރ. އާ ހަމައަށް ފައިސާ ފޮނުވަން ރިކުއެސްޓް ކުރެވޭ ގޮތަށް މި ހިދުމަތް ފެށިޔަސް، އެ އަދަދުތައް ވަނީ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން 200،000ރ. އާއި 10،000ރ. އަށް އިތުރުކޮށްފަ އެވެ.

ފަވަރަގެ ހިދުމަތް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ފަވަރަ އައިޑީ ތައާރަފްވުމާއެކު ކަސްޓަމަރުންނަށް މިހާރު ފޯނު ނަންބަރު، އީމެއިލް އެޑްރެސް ނުވަތަ އައިޑީ ނަންބަރު ޖަހައި، ބޭންކު އެކައުންޓުތަކާ ލިންކު ކުރެވޭނެ އެވެ.

އެމްއެމްއޭއިން ބުނީ މި ހިދުމަތުގައި ރަޖިސްޓްރީ ކުރި މީހުންގެ އަދަދު 80 ޕަސެންޓަށް ވުރެ އިތުރުވެ، 2023 އާ އަޅާބަލާއިރު، މިދިޔަ އަހަރު އެކަނި 17،000 އަށް ވުރެ ގިނަ ފަވަރަ އައިޑީ ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އޯގަސްޓް 2023 ގައި ތިން ބޭންކަކާ އެކު ތައާރަފުކުރި ފަވަރަގެ ހިދުމަތް 2024 ގެ ނިޔަލަށް ފަސް ބޭންކަށް ވަނީ ފުޅާކޮށްފަ އެވެ.