Roadha Mihaaru

ފަވަރަ އާއި އިންޑިއާގެ ޔޫޕީއައި ގުޅާލަނީ، އަންނަ އަހަރު ދިވެހިންނަށް އިންޑިއާގައި ހިދުމަތް ލިބޭނެ

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފަސޭހަ އަދި ރައްކާތެރި ގޮތުގައި ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ފަވަރަ އާއި އިންޑިއާގެ ޔޫޕީއައި ގުޅާލަނީ

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފަސޭހަ އަދި ރައްކާތެރި ގޮތުގައި ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ޔޫޕީއައި އަކީ އިންޑިއާގައި މިހާރު ފައިސާގެ މުއާމަލާތްތައް ކުރުމަށް އެންމެ އާންމުކޮށް ބޭނުންކުރާ އެ ގައުމުގެ ރަސްމީ ޑިޖިޓަލް ޕޭމަންޓް ސިސްޓަމެވެ. އެންމެ ބޮޑެތި ވިޔަފާރިތަކުން ފެށިގެން ޓެކްސީތަކާއި މަގުމަތީގެ ތަރުކާރީ ފިހާރަތަކުގައި ވެސް ފައިސާގެ މުއާމަލާތަށް ޔޫޕީއައި ބޭނުންކުރެ އެވެ.

މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުމާ ބެހޭ ގޮތުން އެމްއެމްއޭ އިން ނެރުނު ބަޔާނުގައި ބުނީ މި އެއްބަސްވުމާ އެކު، ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް މަގު ފަހިވާނެ ކަމަށެވެ.

"މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަ އާއި ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅުވާލެވިގެންދާނެ އެވެ. މިއާ އެކު ދެ ގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ފަސޭހަކާމާ އެކު ފައިސާ ފޮނުވާ ލިބިގަތުމުގެ ހިދުމަތް ގާއިމުވެ، ރައްކާތެރިކަމާ އެކު ހެޔޮ އަގުގައި ޕޭމަންޓް މުއާމަލާތްތައް ވަގުތުން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ." އެމްއެމްއޭގެ ބަޔާނުގައިވެ އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވާއިރު ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ވަނީ އެ ބޭންކުގައި އިންޑިއާ ރުޕީސް އެކައުންޓް ހުޅުވޭ ގޮތް ވެސް ހަދައިފަ އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މިއީ އެމްއެމްއޭ އިން ކުރިޔަށް އޮތް ތިން އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް، ބައިނަލްއަގުވާމީ ނެޓްވޯކްތަކާ ގުޅާލައި ރާއްޖެއިން ބޭރަށް ފައިސާގެ މުއާމަލާތް ކުރެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް ރާވާފައިވާ މަސައްކަތުގެ ބައެކެވެ. މަގްސަދަކީ ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ބައިނަލްއަގުވާމީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިކޮށް، މާލީ ބައިވެރިވުން އިތުރު ކުރުމާއި ހަމަހަމަ ގޮތެއްގައި މާލީ ހިދުމަތްތައް ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުން ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.

ފަވަރަ އާއި ޔޫޕީއައި ގުޅާލައި ހިދުމަތްތައް ތައާރަފް ކުރުމަށް ރާވާފައިވަނީ އެމްއެމްއޭ އިން ބުނި ގޮތުގައި ދެމަރުހަލާއަކަށް ބަހާލައިގެންނެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަ އާއި ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅުވާލެވިގެންދާނެ އެވެ. މިއާ އެކު ދެ ގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ފަސޭހަކާމާ އެކު ފައިސާ ފޮނުވާ ލިބިގަތުމުގެ ހިދުމަތް ގާއިމުވެ، ރައްކާތެރިކަމާ އެކު ހެޔޮ އަގުގައި ޕޭމަންޓް މުއާމަލާތްތައް ވަގުތުން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ." އެމްއެމްއޭ

ފުރަތަމަ މަރުހަލާގައި ރާއްޖެ އާއި އިންޑިއާގެ ދޭދޭ ފަރުދުންގެ މެދުގައި ވަގުތުން ވަގުތަށް ފައިސާގެ މުއާމަލާތްތަށް ކުރެވޭނެ އިންތިޒާމް އަންނަ އަހަރުގެ ކުރީކޮޅު ހަމަޖައްސާނެ އެވެ. އަދި ދެވަނަ މަރުހަލާގައި، ފަރުދުން ކުރާ ވިޔަފާރި މުއާމަލާތްތަކުގައި (މާޗަންޓް ޕޭމަންޓްސް) ފަސޭހަކަމާ އެކު ކިއުއާރު ކޯޑް މެދުވެރިކޮށް ޕޭމަންޓްސް ހެދޭނެ މަގު ފަހިވާނެ އެވެ.

މި ޚިދުމަތުގައި ކޮންމެ ގައުމަކުން ވެސް ބޭނުންކުރާނީ އެ ގައުމެއްގެ އަމިއްލަ ފައިސާ އެވެ. މާނަ އަކީ، ދިވެހިން އިންޑިއާގައި ހަރަދުކުރުމަށް އެމެރިކާ ޑޮލަރު ހޯދަން ނުޖެހި އިންޑިއާ ރުޕީސް އިން މުއާމަލާތްކުރެވުމެވެ. އަދި އިންޑިއާ މީހުންނަށް ރާއްޖޭގައި ދިވެހި ރުފިޔާއިން މުއަމާލާތުކުރެވޭނެ ގޮތް ހަމަޖެހުމެވެ.

އެންއައިޕީއެލް އިން ސިންގަޕޫރު، ސްރީ ލަންކާ އަދި ނޭޕާލް ފަދަ ގައުމުތަކުން މިހާރު ވެސް ޔޫޕީއައި މެދުވެރިކޮށް މިފަދަ ޕޭމަންޓް ހިދުމަތްތައް ވަނީ ތައާރަފްކޮށްފަ އެވެ.

އެމްއެމްއޭ އިން އަންނަނީ ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް ކުރާ މަސައްކަތް އަވަސްކުރުމަށް "ޕޭމަންޓް މޯލްޑިވްސް" ގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މި ކުންފުނި ވެގެންދާނީ މަރުކަޒީ ބޭންކުން ބުނި ގޮތުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިޖާދީ ޕޭމަންޓް ހިދުމަތްތައް ތައާރަފުކޮށް، މި މަސައްކަތް ވިލަރެސްކުރާ ފަރާތަށެވެ. ގައުމީ ޕޭމަންޓް ސިސްޓަމް ވަކި ކުންފުންޏެއްގެ ދަށުން ޒަމާނާ އެއްގޮތަށް ތަރައްގީކުރުމުގެ މި މޮޑެލްއަކީ ކެނެޑާ، ޖޯޑަން، އިންޑިއާ، ތައިލޭންޑް އަދި ސައުދީ އަރަބިޔާ ފަދަ އެތައް ގައުމެއްގައި ކާމިޔާބުކަމާ އެކު ތަންފީޒުކޮށްފައިވާ މޮޑެލް އެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ރާއްޖޭގެ ޕޭމަންޓް ސިނާއަތް ކުރިއެރުވުމަށް އެމްއެމްއޭ އިން ކުރާ މަސައްކަތްތަކުގައި ނެޝަނަލް ކިއުއާރު ކޯޑް ސްޓޭންޑަޑެއް އެކުލަވާލުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ މި ސްޓޭންޑަޑް އެކުލަވާލުމުގެ މަގްސަދަކީ ބޭންކްތަކާއި ޕޭމަންޓް ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ބޭނުންކުރާ ކިއުއާރު ކޯޑުތަކަކީ އެއް ހަމައެއްގެ މައްޗަށް ހެދިފައިވާ އިންޓައޮޕަރަބަލް ކިއުއާރު ކޯޑު ތަކަކަކަށް ހެދުމެވެ. މިހެން ހެދުމުން ބޭނުންކުރަން ފަސޭހަ އީޖާދީ ހިދުމަތްތައް ތައާރަފް ކުރުމަށް މަގު ފަހިވެގެންދާނެ އެވެ. އަދި ފަވަރަ މެދުވެރިކޮށް ހަދާ ޕޭމަންޓްތައް އިތުރުކުރުމަށް މަގުފަހިވެ، ދެ ގައުމުގެ ދެމެދުގައި ކުރާ ބައިނަލްއަގުވާމީ މުއާމަލާތްތައް ވެސް ފަސޭހައިން ކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.