Roadha Mihaaru
ރަން މެޑައްޔާ އެކު ފުޓްބޯޅައިގެ ރަސްކަން ސްޕެއިން އަށް

އޮލިމްޕިކްސްގެ ރަން މެޑައްޔާ އެކު ފުޓްބޯޅައިގެ ރަސްކަން ސްޕެއިން އަށް

10 އޯގަސްޓް 2024

ޕެރިސް (އޮގްސްޓް 10) - ބަދަލު ކުޅުންތެރިޔާ ސާޖިއޯ ކަމޭޔޯ އިތުރު ވަގުތުގައި ޖެހި ގޯލުތަކާ އެކު 5-3 އިން ފްރާންސް ބަލިކޮށް ސްޕެއިން، މިއަހަރުގެ އޮލިމްޕިކް ފުޓްބޯޅަ މުބާރާތުން ރަން މެޑަލް ހޯދައިފި އެވެ.

ޕެރިސް (އޮގްސްޓް 10) - ބަދަލު ކުޅުންތެރިޔާ ސާޖިއޯ ކަމޭޔޯ އިތުރު ވަގުތުގައި ޖެހި ގޯލުތަކާ އެކު 5-3 އިން ފްރާންސް ބަލިކޮށް ސްޕެއިން، މިއަހަރުގެ އޮލިމްޕިކް ފުޓްބޯޅަ މުބާރާތުން ރަން މެޑަލް ހޯދައިފި އެވެ.

ކަމޭޔޯ ސްޕެއިން މޮޅު ކޮށްދޭން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 100 ވަނަ މިނިޓުގަ އެވެ. މި ގޯލާ އެކު ސްޕެއިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. އަދި ފަހު ލަނޑު ޖެހީ 120 މިނިޓުގެ ކުޅުން ހަމަވެގެން ދެއްކި އިތުރުވަގުތުގަ އެވެ.

ޕީއެސްޖީގެ ޕާކް ޑި ޕްރިންސެސް ގައި ރޭ ކުޅުނު ފައިނަލްގެ 11 ވަނަ މިނިޓުގައި ފްރާންސް ލީޑު ނެގީ އެންޒޯ މިލޮޓް ޖަހައިދިން ގޯލުންނެވެ.

ނަމަވެސް 18 ވަނަ މިނިޓުގައި ސްޕެއިން އަށް ނަތީޖާ އެއްވަރުކޮށްދީ، 25 ވަނަ މިނިޓުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ވެސް ފާމިން ލޮޕޭޒް އެވެ. އަދި ތިން މިނިޓު ފަހުން އެލެކްސް ބީނާ ވަނީ ސްޕެއިން އަށް ލީޑު ފުޅާ ވެސް ކޮށްދީފަ އެވެ.

ލޮޕޭޒް އާއި ބީނާ އަކީ ސްޕެއިންގެ އޮލިމްޕިކް ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން، މިދިޔަ މަހު ސީނިއާ ޓީމާ އެކު ޔޫރޯ މުބާރާތް ކާމިޔާބު ކުރި ސްކޮޑުގައި ހިމެނުނު ހަމައެކަނި ކުޅުންތެރިންނެވެ.

ފްރާންސް އިން ކުރި މަސައްކަތުން އެޓީމަށް އުންމީދެއް ލިބުނީ 79 ވަނަ މިނިޓުގައި މަގްނެސް އަކްލިއޫޝޭ ކާމިޔާބު ކޮށްދިން ގޯލުންނެވެ. އަދި 90 މިނިޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޕެނަލްޓީން ނަތީޖާ އެއްވަރު ކޮށްދިނީ ޖިއާން ފިލިޕޭ މަޓޭޓާ އެވެ.

މަޓޭޓާ ވަނީ މުބާރާތުގައި ފަސް ގޯލު ހަމަކޮށްފަ އެވެ. ރޭ ޖެހި ދެ ގޯލާ އެކު ހަ ގޯލު ހަމަކޮށްގެން ލޮޕޭޒް އޮތީ ލަނޑު ލިސްޓުގެ ދެވަނައިގަ އެވެ. ލަނޑު ލިސްޓުގެ އެންމެ ކުރި ހޯދީ، ބްރޯންޒް މެޑަލް ހޯދި މޮރޮކޯގެ ސުފިއާން ރަހީމީ އެވެ. އޭނާ ވަނީ މުބާރާތުގައި މޮރޮކޯ ކުޅުނު ހަ މެޗުން ޖުމްލަ އަށް ގޯލު ޖަހައިފަ އެވެ.

މިއީ ސްޕެއިން އިން އޮލިމްޕިކްސް މުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ރަން މެޑަލް ހޯދާފައި ވަނީ އަމިއްލަ ފަސްގަނޑުގައި ބޭއްވި ބާސެލޯނާ 1992ގަ އަހަރެވެ.

މިއަހަރުގެ އޮލިމްޕިކްސް ފުޓްބޯޅައިގެ އަންހެން އިވެންޓުގައި ސްޕެއިން އަށް ލިބުނީ ހަތަރުވަނަ އެވެ. އެޓީމު ވަނީ ތިންވަނަ ހޮވި މެޗުގައި ޖަރުމަން އަތުން 1-0 އިން ބަލިވެފަ އެވެ. މިރޭ ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ ބްރެޒިލް އާއި އެމެރިކާ އެވެ.