Roadha Mihaaru
ސައިބާބުލީ ކުރި ކަމުގެ ތުހުމަތު އިލޯން މަސްކާއި ޖޭކޭ ރޯލިން އަށް

އޮލިމްޕިކްސް ރަން މެޑަލް ހޯދި އީމާން އަށް ސައިބާބުލީ ކުރި ކަމުގެ ތުހުމަތު އިލޯން މަސްކާއި ޖޭކޭ ރޯލިން އަށް

16 އޯގަސްޓް 2024

މި އަހަރުގެ އޮލިމްޕިކްސް މުބާރާތުގައި ރަން މެޑަލް ހޯދި އަލްޖީރިއާގެ އަންހެން ބޮކްސިން ތެޅުންތެރިޔާ އީމާން ޚެލީފް އަށް ސޯޝަލްމީޑީއާގައި ސައިބާބުލީ ކުރި ކަމުގެ ތުހުމަތު، އެކްސްގެ ވެރިޔާ އިލޯން މަސްކް އާއި މަޝްހޫރު ހެރީ ޕޮޓާ ވާހަކަ ލިޔުނު ޖޭކޭ ރޯލިން އަށް ކޮށްފި އެވެ.

މި އަހަރުގެ އޮލިމްޕިކްސް މުބާރާތުގައި ރަން މެޑަލް ހޯދި އަލްޖީރިއާގެ އަންހެން ބޮކްސިން ތެޅުންތެރިޔާ އީމާން ޚެލީފް އަށް ސޯޝަލްމީޑީއާގައި ސައިބާބުލީ ކުރި ކަމުގެ ތުހުމަތު، އެކްސްގެ ވެރިޔާ އިލޯން މަސްކް އާއި މަޝްހޫރު ހެރީ ޕޮޓާ ވާހަކަ ލިޔުނު ޖޭކޭ ރޯލިން އަށް ކޮށްފި އެވެ.

މުޅި ގޭމްސް ގައި ވެސް އީމާންގެ ޖިންސާ މެދު ސުވާލު އުފައްދައި، އޮލިމްޕިކްސް އިން ޑިސްކޮލިފައިކުރަން ގޮވާލައި އެތައް ފުރައްސާރައެއް ކުރިމަތިކުރުވާފައި ވަނިކޮށް އީމާން ވަނީ އަންހެނުންގެ 66 ކިލޯ ކެޓަގަރީން ރަން މެޑަލް ހޯދައިފަ އެވެ.

އީމާން އަށް ސޯޝަލް މީޑިއާގައި ކުރިމަތިވި ފުރައްސާރައާ ގުޅިގެން ފްރާންސްގެ ކޯޓަށް މައްސަލަ ހުށަހަޅާފައި ވާއިރު، އޭގެ ތެރޭގައި މަސްކާއި ރޯލިންގެ ނަން ވެސް ހިމެނޭނެ ކަމަށް އޭނާގެ ވަކީލު ވަނީ އެމެރިކާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ.

މީގެ އިތުރުން އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރި ޓްވީޓަކާ ގުޅިގެން އޭނާގެ މައްސަލަ ވެސް ތަހުގީގު ކުރާނެ ކަމަށް ވަކީލު ބުންޏެވެ.

ފްރާންސް އިން މިހާރު ވަނީ މި މައްސަލައިގެ ތަހުގީގު ފަށައިފަ އެވެ.

ނަމަވެސް ފްރާންސް އިން ބޭރުގައި ހުރެ ކުރާ ކަމަކުން، ގައުމުން ބޭރު ރައްޔިތުންނާ ދެކޮޅަށް ފްރާންސްގެ ޖިނާއީ ގާނޫނު ނުހިންގޭނެތީ، އެމެރިކާއަށް ނިސްބަތްވާ މަސްކް އާއި އެމެރިކާގެ ރޯލިން އަށް ވެސް އަދަބެއް އައިސްދާނެ ކަމަށް ނުބެލެވޭ ކަމަށް، ފްރާންސްގެ މަގުބޫލު ގާނޫނީ ބްލޮގަރެއް ވަނީ އެކްސްގައި ހާމަކޮށްފަ އެވެ.

އީމާންގެ އިތުރުން ޓައިވާނުގެ ލިން ޔޫ ޓިންގް ވެސް ޖިންސު ކަށަވަރު ކުރުމުގެ ޓެސްޓުން ފެއިލްވެފައިވާކަމަށް ބުނެ މިދިޔަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕުން ޑިސްކޮލިފައިކޮށް ބައިނަލްއަގުވާމީ ބޮކްސިން އެސޯސިއޭޝަން (އައިބީއޭ) އިން ދެ ކުޅުންތެރިން ބާކީ ކުރި އެވެ.

ނަމަވެސް ބައިނަލްއަގުވާމީ އޮލިމްޕިކްސް ކޮމިޓީ (އައިއޯސީ) އިން ވަނީ އައިބީއޭ ބޭން ކޮށް، އޮލިމްޕިކްސްގައި ބޮކްސިން ތެޅުންތެރިން ދިފާއުކޮށްފަ އެވެ.

އޮލިމްޕިކްސްގައި އީމާންގެ މައްސަލައަށް ބޮޑު ސަމާލުކަމެއް ލިބުނީ، އިޓަލީގެ ބޮކްސިން ތެޅުންތެރިޔާ އަންޖެލާ ކަރިނީ، އޭނާއާ ވާދަކުރި މެޗުގެ އެންމެ 46 ސިކުންތުތެރޭ ދޫކޮށްލި ހިސާބުންނެވެ.