ބިލިއަނަރު އީލޮން މަސްކުގެ އިލެކްޓްރިކް ވެހިކަލް ކުންފުނި، ޓެސްލާ އިން މިއަދު އިންޑިއާގައި އެ ކުންފުނީގެ ފުރަތަމަ ޝޯރޫމް ހުޅުވައި އެންމެ ބޮޑު އާބާދީގެ މާކެޓަށް ވަދެފި އެވެ.
ބިލިއަނަރު އީލޮން މަސްކުގެ އިލެކްޓްރިކް ވެހިކަލް ކުންފުނި، ޓެސްލާ އިން މިއަދު އިންޑިއާގައި އެ ކުންފުނީގެ ފުރަތަމަ ޝޯރޫމް ހުޅުވައި އެންމެ ބޮޑު އާބާދީގެ މާކެޓަށް ވަދެފި އެވެ.
އެމެރިކާ އާއި ޔޫރަޕްގައި ޓެސްލާ ކާރުގެ ވިޔަފާރި ދަށްވަމުންދާ ވަގުތެއްގައި މުޅި ދުނިޔޭގެ އެންމެ ބޮޑު އާބާދީ ކަމަށްވާ އިންޑިއާގައި ޓެސްލާގެ ޝޯރޫމް ހުޅުވީ އެ ގައުމުގެ ވިޔަފާރީގެ މަރުކަޒު މުމްބާއީގަ އެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެތަން ހުޅުއްވައިދެއްވީ މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު ދޭވެންދުރަ ފަޑްނާވިސް އެވެ.
އިންޑިއާގައި އަދި އެހާ އާންމު ނޫން އެކަމަކު ފުޅާވަމުން އަންނަ އިލެކްޓްރިކް ވެހިކަލް މާކެޓަށް އަމާޒުކޮށް ޓެސްލާއިން އިންޑިއާގައި ފުރަތަމަ ވިއްކަން ފަށާފައިވަނީ އެ ކުންފުނީގެ "މޮޑެލް ވައި" ގެ ކާރެވެ. އަދި މި ކުއާޓާ ނިމޭ ހިސާބުގައި އަގު ހެޔޮ ވެރިއަންޓެއްގެ ކާރު ވިއްކަން ފަށާނެ ކަމަށް ވެސް ބުންޏެވެ.
"މިއީ އިންޑިއާގައި ޓެސްލާ ތައާރަފުކުރި ފުރަތަމަ ފަހަރު. މިއީ ދުނިޔޭގެ ފެންވަރުގައި ޓެސްލާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް،" އެ ކުންފުނީގެ ސީނިއާ ރީޖަނަލް ޑިރެކްޓަރު އިޒަބެލް ފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުމްބާއީ އާއި ވެރިރަށް ނިއު ދިއްލީގައި ވަރަށް އަވަހަށް މި ކާރުތަކަށް ޗާޖިން ސްޓޭޝަންތައް ހަދާނެ ކަމަށެވެ.
އިންޑިއާގެ މުމްބާއީގައި މިއަދު ހުޅުވި އެ ގައުމުގެ ފުރަތަމަ ޓެސްލާ ޝޯރޫމް. -- ފޮޓޯ: އޭއެފްޕީ
މި ޝޯރޫމް އާންމުންނަށް ހުޅުވާލަން ހަމަޖެހިފައިވަނީ މާދަމާ ކަމަށް ވިޔަސް އެތަން ބަލަން ޝައުގުވެރިވި އާންމުންނާއި ޓެސްލާއަށް ލޯބިކުރާ އެތައް ބަޔަކު މިހާރު މުމްބާއީއަށް ކުރަމުންދާ ވިއްސާރާގައި ވެސް ކާރުތައް ބަލަން ދިޔަ އެވެ.
ޓެސްލާއިން އިންޑިއާއަށް ޝައުގުވެރިވާކަމުގެ އިޝާރާތް ދެމުން އަންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް އެގައުމުން އިލެކްޓްރިކް އުޅަނދުތަކުން ނަގާ ޓެރިފް ބޮޑުކަމުން އެކަން ނުކޮށް އޮތީ އެވެ. އަދި މަސްކް ވަނީ އިންޑިއާގެ އިމްޕޯޓް ޑިއުޓީ އާއި ޓެކްސްތައް ބޮޑުކަމުން ފާޑު ވެސް ކިޔައިފަ އެވެ.
ކާރު އުފައްދާ ބޭރުގެ ކުންފުނިތަކަށް އިލެކްޓްރިކް އުޅަނދުތަކުގެ އިމްޕޯޓް ޓެކްސް ކުޑަކުރަން އިންޑިއާގެ ޝަރުތަކީ އެތައް ސަތޭކަ މިލިއަން ޑޮލަރެއް އިންވެސްޓްކޮށް، އިންޑިއާގައި އޭގެ ކާރު އުފެއްދުމެވެ. އެކަމަކު ޓެސްލާއިން އަދި އިންޑިއާގައި ފެކްޓަރީއެއް ހަދަން ނިންމި ކަމަކަށް އިއުލާނެއް ނުކުރެ އެވެ. އެހެންވެ މިހާރު އިންޑިއާގައި ވިއްކާނީ ޗައިނާގައި އުފައްދާ ޓެސްލާ ކާރެވެ.
އެހެންވެ އިންޑިއާގައި އެ ކުންފުނީގެ މޮޑެލް ވައި ވޭރިއަންޓްތަކުގެ އޮން-ރޯޑް އަގަކީ ގާތްގަނޑަކަށް 70،000 ޑޮލަރެވެ. އެކަމަކު މިއީ އެމެރިކާގައި 7،500 ޑޮލަރުގެ ފެޑެރަލް ޓެކްސް ކްރެޑިޓަށް ފަހު 37،490 ޑޮލަރަށް ވިއްކާ ކާރެކެވެ. -- އޭއެފްޕީ
ޓެސްލާގެ އިންޑިއާގެ ހެޑްކުއާޓަރު މުމްބާއީގައި
ޓެސްލާ އަންނަ އަހަރު އިންޑިއާ އަށް
ޓެސްލާގެ ސިއްރުތަކެއް ވަގަށް ނެގި ކަމަށް ބުނެ ދައުވާ
ޓެސްލާ އަށް ތިން ބިލިއަން ޑޮލަރުގެ ފައިދާ
އީވީ އުފެއްދުމުގައި ޓެސްލާ ވައްޓާލަން ޖެނެރެލް މޮޓޯސް
އީލޮންގެ ޓެސްލާ އިންޑިއާ އަށް ގެންނަން ވިޖޭ ލޮބީކުރަނީ
އެޕަލްގެ ކާރު ޑިވިޝަންގެ ވެރިޔާ ފޯޑާ ގުޅިއްޖެ
ފެކްޓްރީ ހަދަން ރަޝިއާ އިން ޓެސްލާ އަށް ދައުވަތު
ޓެސްލާއިން ސޮފްޓްވެއާއެއް ވަގަށް ނެގުމުން ދައުވާކުރަނީ
އެޕަލް އަށް ޓެސްލާ ވިއްކާލަން އުޅުނިން: އީލޮން