Roadha Mihaaru
ޓެސްލާގެ އިންޑިއާގެ ހެޑްކުއާޓަރު މުމްބާއީގައި

ޓެސްލާގެ އިންޑިއާގެ ހެޑްކުއާޓަރު މުމްބާއީގައި ހަދަން ނިންމައިފި

26 އެޕްރީލް 2021

މަހުޖަނު އީލޮން މަސްކްގެ ކުންފުނި ޓެސްލާގެ މަސައްކަތްތައް އިންޑިއާގައި ފެށުމުގެ ގޮތުން ވާން ޖެހޭ ތައްޔާރީތައް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަހުޖަނު އީލޮން މަސްކްގެ ކުންފުނި ޓެސްލާގެ މަސައްކަތްތައް އިންޑިއާގައި ފެށުމުގެ ގޮތުން ވާން ޖެހޭ ތައްޔާރީތައް ފަށައިފި އެވެ.

އިލެކްޓިކް ކާރު އުފައްދާ އެންމެ ބޮޑު ކުންފުނީގެ މަސައްކަތަށް ހާއްސަކޮށް، އިންޑިއާގައި ހަދާ ފެކްޓަރީ ކަރުނާކާޓަކާގައި ހަދަން ނިންމާފައި އިރު، ޓެސްލާގެ އިންޑިއާގެ ހެޑްކުއާޓަރު މުމްބާއީގައި ގާއިމުކުރަން ވަނީ ނިންމައިފި އެވެ. މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން އެކަމަށްޓަކައި ޓެސްލާ އިން ވަނީ އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު މުމްބާއީގެ ލޯވާ ޕެރެލް-ވޯރްލީ އިން 40،000 އަކަފޫޓްގެ ބިމެއް ވެސް ހޯދައިފަ އެވެ.

ޓެސްލާގެ އުފެއްދުންތައް އިންޑިއާގައި އުފެއްދުމުގެ މަސައްކަތްތައް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ކުންފުނީގެ އިސް މަގާމުތަކަށް މިހާރު އަންނަނީ މުވައްޒަފުން ވެސް ހަމަޖައްސަމުންނެވެ. އެގޮތުން، ހިއުމަން ރިސޯސް މެނޭޖަރަކަށް ނަގާފައި ވަނީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ރިލަޔަންސް ރިޓެއިލްގައި ހަ އަހަރު ވަންދެން މަސައްކަތްކުރި ޑރ. ޗިތުރާ ތޯމަސް އެވެ.

ޓެސްލާގެ އިންޑިއާގެ އޮފީހުގެ އިތުރު އިސް މަގާމުތަކަށް ބަލާއިރު، އޮޕަރޭޝަންސްގެ ޕޮލިސީ އެންޑް ބިޒްނެސް ޑިވެލޮޕްމަންޓްގެ ހެޑަކީ މަނޯޖް ކްރާނާ އެވެ. ޗީފް އެކައުންޓިން އޮފިސަރަކަށް ހަމަޖައްސާފައި ވަނީ ވައިބާވް ތަނޭޖާ އެވެ.

ޓެސްލާ އިންޑިއާގެ އެޗްއާރް ހެޑް ޗިތުރާ ތޯމަސް.

ޓެސްލާ އިންޑިއާގެ އެޗްއާރް ހެޑް ޗިތުރާ ތޯމަސް.

ކުންފުނީގެ ޗާޖިން މެނޭޖަރަކަށް ނަގާފައި ވަނީ ނިޝާންތު ޕްރަަސާދެވެ.

އިންޑިއާގައި ޓެސްލާގެ މަސައްކަތްތައް ފެށުމުގެ ވާހަކަ މީގެ ތިން އަހަރު ކުރިން ފެށިގެން ވަނީ ދައްކައިފަ އެވެ. އިންޑިއާ އަކީ ކާރުގެ ވިޔަފާރި އަށް ބަލާއިރު، ދުނިޔޭގައި ހަތަރު ވަނަ އަށް އެންމެ ބޮޑު މާކެޓެވެ. މި އިންޑަސްޓްރީ އަކީ އިންޑިއާގެ ކުންފުނިތަކުގެ ނުފޫޒު ވެސް ގަދަ ދާއިރާއެކެވެ. ޓެސްލާ އަކީ މިހާރު އިލެކްޓްރިކް ކާރު އުފެއްދުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކުންފުންޏެކެވެ. އިންޑިއާ އަކީ ތިމާވެށީގެ އެކިއެކި މައްސަލަތަކާ ހުރެ އިލެކްޓްރިކް ވެހިކަލްތަކަށް ވަރަށް ބޮޑަށް ހިތްވަރު ދޭ ގައުމެކެވެ.

އިންޑިއާގެ ސަރުކާރުން އަންނަނީ އެފަދަ އުފެއްދުންތައް ނެރެން ކުންފުނިތަކަށް ބާރު ވެސް އަޅަމުންނެވެ.

ޓެސްލާ އަކީ 2003 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ.