Roadha Mihaaru

ފްރާންސާ ދެކޮޅަށް މިފަހަރު ވެސް ޔަމާލް ވިދާލައިފި

ސްޓުޓްހާޓް (ޖޫން 6) - ލަމީން ޔަމާލްގެ މޮޅު ކުޅުމާ އެކު 5-4 އިން ފްރާންސް ބަލިކޮށް، ސްޕެއިނުން ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ފްރާންސާ ދެކޮޅަށް މިފަހަރު ވެސް ޔަމާލް ވިދާލައިފި

ސްޓުޓްހާޓް (ޖޫން 6) - ލަމީން ޔަމާލްގެ މޮޅު ކުޅުމާ އެކު 5-4 އިން ފްރާންސް ބަލިކޮށް، ސްޕެއިނުން ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ފުރަތަމަ ހާފު ސްޕެއިން ނިންމާލީ ނިކޯ ވިލިއަމްސް އާއި މިކެލް މެރީނޯގެ ގޯލުތަކާ އެކު ދެ ގޯލުގެ ލީޑަކާ އެކު އެވެ. މި ދެ ގޯލު ޖަހަން ވެސް އެހީވީ މިކެލް އޮޔާޒަބާލް އެވެ. ދެވަނަ ހާފު ފެށިގެން ނުވަވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޔަމާލް ތިންވަނަ ގޯލެއް ޖަހައިދިން އިރު، މިނިޓެއް ތެރޭ ނިކޯގެ އެސިސްޓަކުން ހަތަރުވަނަ ލަނޑު ޖެހީ ޕެޑްރީ އެވެ.

ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭ ފްރާންސް އަށް ގޯލެއް ކާމިޔާބު ކޮށްދީފައި ވަނިކޮށް، 67 ވަނަ މިނިޓުގައި ޕެޑްރޯ ޕޯރޯގެ އެސިސްޓަކުން ފަސްވަނަ ގޯލު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ޔަމާލް އެވެ.

ޔަމާލްގެ ގޯލަށް ފަހު ފްރާންސް ވަނީ ފަހު 10 މިނިޓު ތެރޭ ނަތީޖާ އަނބުރާލަން މަސައްކަތް ކޮށްފަ އެވެ. ތިން ގޯލު ޖެހި ނަމަވެސް ނަތީޖާ އެއްވަރު ކުރެވޭ ގޮތެއް ނުވި އެވެ. އެމްބާޕޭގެ އެހީއާ އެކު ރަޔާން ޗާކީ ފްރާންސްގެ ދެވަނަ ލަނޑު ޖަހައިދިން އިރު، 84 ވަނަ މިނިޓުގައި އެޓީމުގެ ތިންވަނަ ލަނޑު ވަނީ ސްޕެއިން ކުޅުންތެރިއެއް އަތުން ބައިކޮޅަށެވެ. އަދި ހަތަރުވަނަ ލަނޑު ރެފްރީ ދެއްކި އިތުރު ވަގުތުގެ ފަސް މިނިޓުގެ ތެރެއިން ތިންވަނަ މިނިޓުގައި ޖަހައިދިނީ ރަންޑާލް ކޯލޯ މުއާނީ އެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލްގައި ސްޕެއިން ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ. ޕޯޗުގަލް ވަނީ 2019 ވަނަ އަހަރު ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އަދި މިއީ ސްޕެއިން، ނޭޝަންސް ލީގު ފައިނަލް ކުޅޭ ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2021 ގައި ފްރާންސް އަތުން ބަލިވި އިރު، 2023 ވަނަ އަހަރު ވަނީ ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިއާ ބަލިކޮށް ތަށި ހޯދައިފަ އެވެ.

"އެއީ ހާއްސަ މެޗެއް. ވަރުގަދަ ޓީމަކާ ދެކޮޅަށް ފައިނަލް ކުޅެން ޖެހުމަކީ އިތުރު ހިތްވަރެއް ލިބޭނެ ކަމެއް. މިކަހަލަ [ވަރުގަދަ] މެޗުތައް ކުޅެން އަހަރެން ބޭނުމީ، އޭރުން އަހަރެންގެ ހުރި ފެންވަރު ވަޒަން ކޮށްލެވޭނީ،" ފައިނަލްގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗާ ގުޅިގެން ޔަމާލް ބުންޏެވެ.

"އަހަރެން ގަޔާވޭ ހުރިހާ ކުޅުންތެރިންނާ ވެސް. ރޮނާލްޑޯ އަށް އަހަރެން ވަރަށް އިހުތިރާމް ކުރަން. މެޗުގައި އަހަރެން ބަލާނީ އަހަރެންގެ މަސައްކަތް ފުރިހަމައަށް އަދާ ކުރެވޭތޯ. އެއީ މެޗު ކާމިޔާބު ކުރުން."

ޔަމާލް ވަނީ މިދިޔަ އަހަރު އޮތް ޔޫރޯ މުބާރާތުގެ ސެމީ ފައިނަލްގައި ވެސް ފްރާންސް ބަލިކުރި މެޗުގައި ގޯލު ޖަހައިފަ އެވެ. އަދި ރޭގެ މެޗުގައި އޭނާ ގޯލެއް ޖެހުމަށް ފަހު ވަނީ ދަނޑުގެ ވަށައިގެން ހުރި ބިލްބޯޑެއް މަތީ އިށީނދެ، ރޮނާލްޑޯ ސްޓައިލްގެ ސެލެބްރޭޝަނަކުން އުފާފާޅު ކޮށްފަ އެވެ.