18 ނޮވެމްބަރ 2020
މެޑްރިޑް (ނޮވެމްބަރު 18) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޖަރުމަން 6-0 އިން ލަދުވެތި ގޮތަކަށް ބަލިކޮށް ސްޕެއިން މުބާރާތުގެ ފައިނަލް ބުރު (ސެމީ ފައިނަލް) އިން ފުރުސަތު ހޯދައިފި އެވެ.
މެޑްރިޑް (ނޮވެމްބަރު 18) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޖަރުމަން 6-0 އިން ލަދުވެތި ގޮތަކަށް ބަލިކޮށް ސްޕެއިން މުބާރާތުގެ ފައިނަލް ބުރު (ސެމީ ފައިނަލް) އިން ފުރުސަތު ހޯދައިފި އެވެ.
ސްޕެއިން އަކީ ފައިނަލް ބުރުން ފުރުސަތު ހޯދި ދެ ވަނަ ޓީމެވެ. މީގެ ކުރިން ފްރާންސް ވަނީ ފައިނަލް ބުރުން ފުރުސަތު ހޯދައިފަ އެވެ. ދެން އިން ދެ ޖާގަ އަށް ވާދަކުރަނީ ނެދަލެންޑްސް އާއި އިޓަލީ އަދި ބެލްޖިއަމް އާއި ޑެންމާކްގެ އެވެ.
ރޭގެ މެޗަށް ނުކުތްއިރު ޖަރުމަނަށް އެއްވަރުކޮށްލައިގެން ވެސް ފައިނަލް ބުރުން ފުރުސަތު ކަށަވަރުކުރެވެން އޮތެވެ. އެކަމަކު މޮޅުވާން މަޖުބޫރު މެޗެއްގައި އެނގި ތިބެ ސްޕެއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ގްރޫޕް އޭ4 ގެ އެއް ވަނަ ސްޕެއިނަށް ލިބުނީ ހަ މެޗުން 11 ޕޮއިންޓާ އެކު އެވެ. ޖަރުމަނު ދެ ވަނައިގައި އޮތީ ހަ މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕްގެ ތިން ވަނައިގައި އޮތް ޔޫކްރޭނާއި ހަތަރު ވަނައިގައި އޮތް ސްވިޒަލެންޑް ރޭ ކުޅެން އޮތް މެޗު ވަނީ ސްވިޒަލެންޑުގައި ކޮވިޑް-19ގެ ހާލަތު އޮތްގޮތުން ކެންސަލްކޮށްފަ އެވެ.
ސްޕެއިން މޮޅުކޮށްދިނުމުގައި ރޭ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ އުމުރުން 20 އަހަރުގެ ފެރާން ޓޮރޭޒް އަށެވެ. އޭނާ ވަނީ ޖަރުމަނު ކޮޅަށް ހެޓްރިކެއް ހަދައިފަ އެވެ. މިއީ 2001 ވަނަ އަހަރު މައިކަލް އޮވެން ޖަރުމަނު ކޮޅަށް ހެޓްރިކެއް ހެދި ފަހުން އެ ޓީމު ކޮޅަށް އެއް ކުޅުންތެރިއަކު ތިން ގޯލު ޖެހި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އަނިޔާގެ ސަބަބުން ސްޕެއިންގެ ސާޖިއޯ ކަނަލޭސް އާއި ސާޖިއޯ ރާމޮސް ވަނީ ބަދަލުކޮށްފަ އެވެ. އެރިކް ގާސިއާ އާއި ފަބިއަން ރުއީޒް ކުޅެން އެރިއިރު، މީގެ ތެރެއިން ފަބިއަން ވަނީ ސްޕެއިންގެ ގޯލުތަކުގައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.
މެޗުގައި ސްޕެއިން އިން ލީޑުނެގީ ފަބިއަން ނަގައިދިން ކޯނަރަކަކުން 17 ވަނަ މިނިޓްގައި އަލްވާރޯ މޮރާޓާ ބޮލުން ޖެހި ގޯލަކުންނެވެ. މެޗުގެ 33 ވަނަ މިނިޓްގައި ފެރާން ވަނީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުންހިފައި ސްޕެއިނަށް ލީޑުފުޅާކޮށްދީފަ އެވެ. އޭގެ ކުރިން ފެރާން ޖެހި ބޯޅައެއް ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްޕެއިނަށް ތިން ވަނަ ގޯލެއް ޖަހައިދިނީ ކޯނަރަކުން ހުރަސްވި ބޯޅައެއް ރޮޑްރީ ބޮލުންނެވެ.
ރޭގެ މެޗުގައި ހެޓްރިކް ހެދި ފެރާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ހޯސޭ ގާޔާ ދިން ބޯޅައަކުން ފެރާން ވަނީ މެޗުގެ 55 ވަނަ މިނިޓްގައި ސްޕެއިނަށް ހަތަރު ވަނަ ގޯލެއް ޖަހައިދީފަ އެވެ. ފެރާން އޭނާގެ ހެޓްރިކް ފުރިހަމަކުރި ގޯލު ޖެހީ މެޗުގެ 71 ވަނަ މިނިޓްގައި ފަބިއަން ދިން ބޯޅައަކުންނެވެ. ސްޕެއިންގެ ފަހު ގޯލު މެޗުގެ 89 ވަނަ މިނިޓްގައި ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިކޭލް އޮޔާޒަބަލް އެވެ. މިއީ ވެސް ރޭ މޮޅު ކުޅުމެއް ދެއްކި ގާޔާ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ގޯލެކެވެ.
މިއީ 1931 ވަނަ އަހަރު އޮސްޓްރިއާ އަތުން 6-0 އިން ބަލިވި ފަހުން ޖަރުމަނު އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި ފުރަތަމަ ފަހަރެވެ. ފާއިތުވި 89 އަހަރު ތެރޭގައި ޖަރުމަނަށް ކުރިމަތިވި އެންމެ ހިތްދަތި ނަތިޖާގެ ގޮތުގައި ސިފަކޮށް ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ބުނީ އެއްވެސް ކަމެއް މި މެޗުގައި ރަނގަޅަށް ނުދާ ކަމަށާއި މީގެ ޒިންމާ ނަަގައި ހާލަތު ބަދަލުކުރަން މަސައްކަތްކުރާނެ ކަމަށެވެ. އޭނާގެ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބައޮތް ކަމަށާއި މިދިޔަ 14 އަހަރު ތެރޭގައި ޓީމަށްޓަކައި ކުރެވުނު ބުރަ މަސައްކަތްތައް އަދިވެސް ތަކުރާރުކުރަން ހުރީ ތައްޔާރަށް ކަމަށް އޭނާ ބުންޏެވެ.
ސްވިޑެން ކޮޅަށް ޖިރޫޑް (ކ) ބޮލުން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
ނޭޝަންސް ލީގުގެ ފައިނަލް ބުރުން ފުރުސަތު ހޯދާފައިވާ ފްރާންސް ރޭ ވަނީ އަމިއްލަ ދަނޑުގައި 4-2 އިން ސްވިޑެން ބަލިކޮށްފަ އެވެ. މި މެޗުގައި ފްރާންސްގެ ގޯލުތައް ޖެހީ އޮލިވިއޭ ޖިރޫޑް ދެ ގޯލާއި ބެންޖަމިން ޕަވާޑްގެ އިތުރުން ކިންގްސްލީ ކޯމަން އެވެ. ޖިރޫޑް މި މެޗުގައި ޖެހި ދެ ގޯލާ އެކު އޭނާ ވަނީ ގައުމީ ޓީމަށް 44 ގޯލު ހަމަކޮށްފަ އެވެ. މިއީ ފްރާންސަށް އެންމެ ގިނަ ގޯލު ޖަހައިދިން ތިއެރީ އޮންރީގެ ރެކޯޑަށް ވުރެން ހަތް ގޯލު މަދު އަދަދެކެވެ.
ސްވިޑެންގެ ދެ ގޯލު ޖެހީ ވިކްޓޯ ކްލައެސަން އާއި އޭނާގެ ބަދަލުގައި ކުޅެން އެރި ކުއެއިސަން އެވެ.
ނޭޝަންސް ލީގުގެ އެންމެ ފުރަތަމަ މުބާރާތުގެ ތަށި ހޯދި ޕޯޗުގަލް އިން މި ފަހަރުގެ މުބާރާތް ނިންމާލީ ފްރާންސް ފަހަތުން ގްރޫޕް އޭ3 ގެ ދެ ވަނައިގައި އޮވެ އެވެ. އެ ޓީމު ރޭ ވަނީ 3-2 އިން 10 ކުޅުންތެރިންނާ އެކު މެޗު ނިންމާލި ކްރޮއޭޝިއާ ބަލިކޮށްފަ އެވެ.
މަޓެއޯ ކޮވަސިޗް ކްރޮއޭޝިއާ އަށް ލީޑުނަގައިދީފައިވަނިކޮށް ދެ ވަނަ ހާފް ފެށިގެން ހަ މިނިޓް ތެރޭ އެ ޓީމުގެ މާކޯ ރޮގަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. އޭގެ މިނިޓެއް ފަހުން ރުބެން ޑިއާޒް ވަނީ ޕޯޗުގަލް އަށް އެއްވަރުކޮށްދީފަ އެވެ. މެޗުގެ 60 ވަނަ މިނިޓްގައި ޔާއޯ ފެލިކްސް ޕޯޗުގަލަށް ލީޑުނަަގައިދީފައިވަނިކޮށް އޭގެ ފަސް މިނިޓް ފަހުން ކޮވަސިޗް ވަނީ ލަނޑެއް ޖަހައި ކްރޮއޭޝިއާ އަށް އެއްވަރުކޮށްދީފަ އެވެ. ޕޯޗުގަލް މޮޅުވި ގޯލު ޑިއާޒް ޖެހީ މެޗުގެ ފަހު މިނިޓްގަ އެވެ.
ސްޕެއިން އެއްވަރުވިއިރު، ފްރާންސް ފައިނަލް ބުރަށް
ޕޯޗުގަލް އާއި ސްޕެއިން ނޭޝަންސް ލީގުގައި ހަމަޖެހިލައިފި
ސްކޮޓްލެންޑް އަތުން ޕޯޗުގަލް ސަލާމަތްކޮށްދިނީ ރޮނާލްޑޯ
މޮޅެތި ކުޅުންތެރިން ޕޯޗުގަލްގައި، މެޗު މޮޅުވީ ސްޕޭން
ސްވިޒަލެންޑުން ސްޕެއިން ބަލިކޮށްފި، ޕޯޗުގަލް ކުރީގައި
ފްރާންސުން ޕޯޗުގަލްގެ ފަހަތުގައި ވިއްދާފައި
ސްޕެއިން ބަލިވިއިރު، ޖަރުމަނާއި ސްވިޒަލެންޑް އެއްވަރު
ޕޯޗުގަލް-ސްޕެއިން އެއްވަރުވެ، އިޓަލީ އާއި ފްރާންސަށް ބޮޑު މޮޅެއް
ފާޓީ އަށް ރެކޯޑެއް، ޖަރުމަނަށް އިތުރު އިންތިޒާރެއް
އިންގްލެންޑާއި ފްރާންސް އަދި ޕޯޗުގަލަށް މޮޅެއް