Roadha Mihaaru
މޮޅެތި ކުޅުންތެރިން ޕޯޗުގަލްގައި، މެޗު މޮޅުވީ ސްޕޭން

މޮޅެތި ކުޅުންތެރިން ތިބީ ޕޯޗުގަލްގައި، މެޗު ކާމިޔާބު ކުރި ސްޕެއިން

28 ސެޕްޓެމްބަރ 2022

ބްރާގާ، ޕޯޗުގަލް (ސެޕްޓެމްބަރު 28) - އަލްވާރޯ މޮރާޓާ މެޗުގެ ފަހު ވަގުތު ޖެހި ލަނޑުން 1-0 އިން ޕޯޗުގަލް ބަލިކޮށް، ސްޕެއިން ނޭޝަންސް ލީގު ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ބްރާގާ، ޕޯޗުގަލް (ސެޕްޓެމްބަރު 28) - އަލްވާރޯ މޮރާޓާ މެޗުގެ ފަހު ވަގުތު ޖެހި ލަނޑުން 1-0 އިން ޕޯޗުގަލް ބަލިކޮށް، ސްޕެއިން ނޭޝަންސް ލީގު ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

މެޗުގެ ކުރިން ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނި ގޮތުގައި ދެ ޓީމުގެ ތެރެއިން މޮޅެތި ކުޅުންތެރިން ތިބީ ޕޯޗުގަލްގަ އެވެ. ރޭ ގެ މެޗުގައި ވެސް ޑޮމިނޭޓް ކޮށްގެން ކުޅުނީ ޕޯޗުގަލް އެވެ. އެ ޓީމަށް މެޗު އެއްވަރު ކޮށްލައިގެން ވެސް ސެމީ ފައިނަލު ބުރަށް ދެވުނީހެވެ.

ލީގު އޭ ގެ ގުރޫޕް 2 ގެ އެއްވަނަ ހޯދަން ސްޕެއިން އަށް އޮތީ މެޗުން މޮޅުވުމެވެ.، އެޓީމުގެ ޖެހި ހަމައެކަނި ލަނޑު 88 ވަނަ މިނިޓުގައި މޮރާޓާ ޖެހީ އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ، ނިކޯ ވިލިއަމްސް ބޮލުން ގޯލު ކުރިމައްޗަށް ޖައްސާލުމުންނެވެ.

މި ގުރޫޕުގައި ހިމެނޭ ޗެކް ރިޕަބްލިކް ވަނީ 2-1 އިން ސްވިޒަލެންޑް އަތުން ބަލިވެ، ލީގު ބީ އަށް ރެލިގޭޓް ވެފަ އެވެ.

ވޯލްޑް ކަޕްގެ ކުރިން މި އަހަރު ސްޕެއިން އަށް އެޓީމުގެ އެންމެ މަތީ ފޯމުގައި ޕާފޯމް ކުރެވިފައި ނުވިއަސް، ޕޯޗުގަލް ބަލިކޮށް ހޯދި މުހިއްމު މޮޅާ އެކު ޓީމަށް އިތުރު ހިތްވަރެއް ލިބޭނެ އެވެ.

ޕޯޗުގަލް އިން ވަރުގަދައަށް މެޗު ފެށި ނަމަވެސް، ސްޕެއިން މެޗު ކާމިޔާބު ކުރީ ގެނައި ބަދަލުތަކާ އެކު އެވެ. ގޯލު ޖަހަން އެހީވި ނިކޯ ވިލިއަމްސް ވެސް ކުޅެން އެރީ ފަހު ހާފުގަ އެވެ.

"އަހަރެމެން ތެދުވާން ޖެހުމުން އެކަން ކުރީ. މެޗުން ބަލިވާ ހާލަތެއްގައި ވެސް އަހަރެމެން މަސައްކަތް ކުރީ ނެތް ހިތްވަރު ނެރެގެން، އެކަން އަހަރެމެން މި ކުރީ،" މެޗަށް ފަހު މޮރާޓާ ބުންޏެވެ.

"އަހަރެން ވަރަށް ހަނދާން ހުންނާނެ މި މެޗުގައި ޓީމު ކުޅުންތެރިންގެ އެޓިޓިއުޑް. އަދި ނިކޯ ވިލިއަމްސް، އޭނާ ގައުމީ ޓީމަށް ކުޅުނު ދެވަނަ މެޗުގައި، އަހަރެން ޖެހި ގޯލުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ އޭނާ."

ސްޕެއިން އާއެކު ނޭޝަންސް ލީގު ސެމީ ފައިނަލުން ޖާގަ ހޯދާފައި ވަނީ ކްރޮއޭޝިއާ އާއި ނެދަލެންޑްސް އަދި އިޓަލީ އެވެ. މެޗްތައް ކުޅެން ތާވަލް ކޮށްފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގަ އެވެ.

ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ޕޯޗުގަލްއާ ދެކޮޅަށް ނެރުނު ފުރަތަމަ 11 އިން ޖާގަ ލިބުނީ، ސްވިޒަލެންޑް އަތުން ބަލިވި މެޗުގައި ފެށި ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިންނަށެވެ. އެއާ އެކު ވެސް ޕޯޗުގަލް އިން މެޗު ފަށައިގެން ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ.

ރުބެން ނެވެސް އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކާއި، ޑިއޯގޯ ޖޮޓާ ފޮނުވާލި ހަމަލާއެއް ސްޕެއިންގެ ކީޕަރު އުނެއި ސިމޮންސް ދިފާއު ކުރި އިރު، ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ގޯލާ ކުޑަ ތަންކޮޅެއް ދުރުންނެވެ.

ސްވިޒަލެންޑު މެޗެކޭ އެއްފަދައިން ސްޕެއިން އަށް މި މެޗުގައި ވެސް ފުރަތަމަ ހާފުގައި ގޯލާ އަމާޒުކޮށް ފުރަތަމަ ހާފުގައި ހަމަލާއެއް ފޮނުވައި ނުލެވުނެވެ. އަދި ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ކީޕަރު ސިމޮންސް ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބޯޅައެއް ދިފާއު ކޮށްފަ އެވެ. މިއާ އެކު ކޯޗު އެންރީކޭ ވަނީ ޕެޑްރީ އާއި ގަވީ އަދި ޔެރެމީ ޕީނޯ ކުޅެން އަރުވައިފަ އެވެ.

ބަދަލުތަކާ އެކު ސްޕެއިން އިން ކުރިއަށް ކުޅުނު ބޯޅަތައް ނުރައްކާވެ، ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ އަށް ގިނަ ހަމަލާތަކެއް ދިފާއު ކުރަން ޖެހުނެވެ. ޑެނީ ކާވަހާލް ފޮނުވާލި ހަމަލާއެއް ކުޅުންތެރިއެއް ގައިގައި ޖެހިފައި ގޯލު ހުރަސް ދަނޑި ކައިރިން ބޭރަށް ވެސް ދިޔަ އެވެ.

ސްޕެއިން މޮޅުވީ، ކާވަހާލް އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ނިކޯ ވިލިއަމްސް ބޮލުން ޖައްސައި ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން މޮރާޓާ، އެ ބޯޅަ ގޯލުތެރެއަށް ފޮނުވާލުމުންނެވެ. އަދި އެންމެ ފަހު މިނިޓުގައި ސިމޮންސް ވަނީ، ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ދިފާއު ކޮށްފަ އެވެ.

"މިއީ މޮޅު ކުޅިވަރެއް، މީގައި ހިތާމައަށް އަދި ޑިޕްރެޝަން އަށް އޮތް ފަރުވާއަކީ މޮޅުވުން. ޕޯޗުގަލް އަކީ ވަރަށް ވަރަށް މޮޅު ޓީމެއް. ފުރަތަމަ ހާފުގައި އަހަރެން އެދުނިން (ކުޅުންތެރިން ގާތުގައި) ބޯޅަ ހިފަހައްޓަން، ތަންކޮޅެއް ބޮޑަށް ކަންނޭނގެ ބުނެވުނީ، އެކަމަކު އެކަން ކުރި. އެއީ ވެސް އަހަރެމެން އިދިކޮޅު ހާފުގައި ޕާސް ޖަހައިގެން ކުޅެން ބޭނުންވާކަމުގެ ހެއްކެއް،" ސްޕެއިންގެ ކޯޗު އެންރީކޭ ބުންޏެވެ.

"އެކަމަކު ފުރަތަމަ ހާފުގައި މުހިއްމު، ބޯޅަ އޮތީ އަހަރެމެންގެ ކޮންޓްރޯލުގައި ކަން ދައްކަން، އަދި ދެވަނަ ހާފުގައި ބޭނުންވާ ގޯލު ފެންނާނެ ކަމުގެ އުންމީދު އޮތް. އަހަރެމެން އަނެއްކާ ވެސް ގަދަ ހަތަރަކުން ޖާގަ ހޯދީ، އެއީ ވަރަށް ބޮޑު އުފަލެއް."