Roadha Mihaaru
ސްޕެއިން އެއްވަރުވިއިރު، ފްރާންސް ފައިނަލް ބުރަށް

ސްޕެއިން އެއްވަރުވިއިރު، ފްރާންސް ފައިނަލް ބުރަށް

15 ނޮވެމްބަރ 2020

ލިޒްބަން (ނޮވެމްބަރު 15) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ސްޕެއިން ރަށުން ބޭރުގައި ސްވިޒަލެންޑާ 1-1 އިން އެއްވަރުވިއިރު، ޕޯޗުގަލްގެ މައްޗަށް 1-0 އިން ކުރިހޯދައި ފްރާންސް އިން ފައިނަލް ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ލިޒްބަން (ނޮވެމްބަރު 15) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ސްޕެއިން ރަށުން ބޭރުގައި ސްވިޒަލެންޑާ 1-1 އިން އެއްވަރުވިއިރު، ޕޯޗުގަލްގެ މައްޗަށް 1-0 އިން ކުރިހޯދައި ފްރާންސް އިން ފައިނަލް ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ފްރާންސް ފައިނަލް ބުރު (ސެމީ ފައިނަލް) އަށް ދިޔައީ ގްރޫޕް އޭ ތިނެއް އެއް ވަނަ ކަށަވަރުކޮށްގެންނެވެ. ފްރާންސަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މި މުބާރާތުގެ ފުރަތަމަ ޗެމްޕިއަން ޕޯޗުގަލް އަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ފަހު މެޗުން ފްރާންސް ބަލިވެ ޕޯޗުގަލް މޮޅުވެގެން ދެ ޓީމުގެ ޕޮއިންޓް އެއްވަރުވި ނަމަވެސް ފްރާންސް އަށް އެއް ވަނަ ނުގެއްލޭނެ އެވެ. އެއީ ހެޑް ޓު ހެޑް ގަވާއިދުން އެ ޓީމަށް ކުރި ލިބޭނެތީ އެވެ.

ޕޯޗުގަލްގެ މަޝްހޫރު ސްޓޭޑިއަމް އެސްޓަޑިއޯ ލުއީޒްގައި ރޭގެ މެޗަށް ނުކުތްއިރު ވެސް މޮޅުވާ ޓީމަކަށް އަނެއް ބުރުގެ ޖާގަ ކަށަވަރުވާނެކަން އޮތީ ޔަގީންވެފަ އެވެ. ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ފެނިގެންދިޔައިރު، އޭގެ ތެރެއިން އެއްވެސް ފުރުސަތެއްގައި އޭނާ އަށް ގޯލެއް ނުޖެހުނެވެ. ފްރާންސްގެ އެންތަނީ މާޝިއަލް ޖެހި ބޯޅައެއް ގޯލުގެ ހުރަސްދަނޑި އަށް އަމާޒުވިއިރު، ޕޯޗުގަލްގެ ހޯސޭ ފޮންޓް ފޮނުވާލި ހަމަލާއެއް ވެސް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ 53 ވަނަ މިނިޓްގައި ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ކާންޓޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ ފްރާންސަށް ކުޅެދިން 44 މެޗު ތެރޭގައި އޭނާ ޖެހި ދެ ވަނަ ގޯލެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ ނޭޝަންސް ލީގުގެ ފުރަަތަމަ މުބާރާތް ދިޔައީ ބޭނުންވި ގޮތަށް ނޫން ކަމަށާއި އެކަންކަން ރަނގަޅުކޮށްގެން މި ފަހަރުގެ މުބާރާތުގައި ރަނގަޅު ހިސާބަކަށް ދާން އަމާޒުކޮށް ގްރޫޕްގެ އެއް ވަނަ ކަށަވަރުކުރެވުމުން ފުރަތަަމަ ޓާގެޓަށް ވާސިލްވެވުނީތީ ހިތްހަމަޖެހޭ ކަމަށެވެ.

ސާޖިއޯ ރާމޯސް ސްޕެއިން ގައުމީ ޓީމަށް ކުޅެދިން 177 ވަަނަ މެޗާ އެކު އޭނާ ވެފައިވަނީ ޔޫރަޕްގެ ގައުމަކަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އަށެެވެ. މި ރެކޯޑް ރާމޯސް އަށް ލިބުނު ނަމަވެސް ރޭގެ މެޗަކީ އޭނާ އަށް ދަށްކޮށްދިޔަ މެޗެކެވެ. ރާމޯސް ފޮނުވާލި ދެ ޕެނަލްޓީއެއް ވަނީ ނާކާމިޔާބުވެފަ އެވެ. ދެ ޕެނަލްޓީ ވެސް ހުއްޓުވީ ސްވިޒަލެންޑްގެ ކީޕަރު ޔެން ސޮމާ އެވެ. ރޭގެ މެޗުގެ ކުރިން އޭނާ ފޮނުވާލި 25 ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފަ އެވެ.

ރޭގެ މެޗު ފަށައިގެން 26 ވަނަ މިނިޓްގައި ސްވިޒަލެންޑްގެ ރެމޯ ފްރެއުލާ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މެޗު ނިމެން މިނިޓަަކަށްވެފައި ހުއްޓައި ސާޖިއޯ ރެގީލޯން ނަގައިދިން ހުރަހަކުން ސްޕެއިނަށް އެއްވަރުކޮށްދިނީ ޖެރާޑް މޮރޭނޯ އެވެ.

ސްޕެއިން އެއްވަރުވުމުގެ ފައިދާނަގައި ޖަރުމަނު ވަނީ އޭ4 ގްރޫޕްގެ އެއް ވަނަ އަށް އަރައިފަ އެވެ. ޔޫކްރޭން އަތުން ޖަރުމަނު މޮޅުވީ ފަހަތުން އަރައި 3-1 އިންނެވެ. ރޯމަން ޔަރެމްޗުކްގެ ގޯލުން ޔޫކްރޭން ލީޑުނަގާފައިވަނިކޮށް ޖަރުމަނު މޮޅުވީ ޓިމޯ ވާނާގެ ދެ ގޯލާއި ލެރޯއި ސާނޭ ޖެހި ގޯލުންނެވެ.

ޖަރުމަން އެއް ވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ސްޕެއިނަށް ލިބިފައިވަނީ ފަސް މެޗުން އަށް ޕޮއިންޓެވެ. ގްރޫޕްގެ އެއް ވަނަ އަށް ފަހު ބުރުން ފުރުސަތު ލިބޭއިރު، ސްޕެއިނަށް އެއް ވަނަ ލިބެން އޮތީ އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ޖަރުމަނު ބަލިކޮށްގެންނެވެ. އެ މެޗު އެއްވަރުވެއްޖެނަމަ ފައިނަލް ބުރުގެ ފުރުސަތު ލިބޭނީ ޖަރުމަނަށެވެ.