Roadha Mihaaru
"ރޭވީ ތިނަދޫގެ އަގު ބޮޑު ހޮސްޕިޓަލް ބޭކާރުކޮށްލަން"

ކުރީގެ ސަރުކާރުން ރޭވީ ތިނަދޫގެ ބިލިއަނެއްހާ ރުފިޔާގެ ހޮސްޕިޓަލް ބޭކާރުކޮށްލަން: މިނިސްޓަރު

06 އޯގަސްޓް 2024

ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އަޅައިދޭނެ ކަަމަށް އިއުލާންކޮށް ކުރީގެ ސަރުކާރުން ނިންމާފައި އޮތީ، ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިމާރާތް ދޫކޮށްލަން ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އަޅައިދޭނެ ކަަމަށް އިއުލާންކޮށް ކުރީގެ ސަރުކާރުން ނިންމާފައި އޮތީ، ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިމާރާތް ދޫކޮށްލަން ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ނ. ފޮއްދޫ ސިއްހީ މަރުކަޒުގެ މަސައްކަތުގެ ތަފްސީލް ހޯދަން ހެލްތު މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކުގައި، ތިނަދޫގެ ޓާޝަރީ ހޮސްޕިޓަލާ ގުޅޭ މައުލޫމާތު ވެސް ސާފުކޮށްދެއްވި އެވެ.

ކުރީގެ ސަރުކާރުން ބުނެފައިވާ ގޮތަށް، ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އަޅަން އެއްބަސްވުމެއްގައި ސޮއިކުރިތޯ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެއްސެވުމުން މިނިސްޓަރު ވިދާޅުވީ "އެއީ އޮޅުވާލުމެއް" ކަމަށެވެ. އެގްރިމެންޓެއް ހެދި ކަމަށް ބުނެ ރައްޔިތުންނަށް ދެއްކުމަކީ ރިޔާސީ އިންތިހާބާ ދިމާކޮށް ހިންގި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހދ. ކުޅުދުއްފުއްޓާއި ތިނަދޫގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ގާއިމުކުރަން 38 މިލިއަން ޑޮލަަރަށް ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ ހަވާލުކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

"މިއީ ރައްޔިތުންނަށް އޮޅޭ ގޮތަށް ކޮށްފައި އޮތް ކަމެއް. އޮތީ އެމްއޯޔޫއެއްގައި ސޮއިކޮށްފައި. އެމްއޯޔޫއަކީ އޭގައި ސޮއިކޮށް ތަފްސީލީ މައުލޫމާތު ހޯދައި އޭގެ މައްޗަށް ކުރެހުން ތައްޔާރުކުރަނީ. ބަހައްޓާނީ ކޮން ހިދުމަތެއްތޯ. އަގު ކިހާވަރަކަށްދާނެތޯ. ކުރެހުން އޮންނާނީ ކިހިނެއްތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރައްވައި ސުވާލުކުރައްވަނީ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރައްވައި ސުވާލުކުރައްވަނީ.

މިނިސްޓަރުގެ ފާޅުކުރެއްވި އަނެއް ކަންބޮޑުވުމަކީ، ބިލިއަނެއްހާ ރުފިޔާގެ ހޮސްޕިޓަލް ދޫކޮށްލަން ކުރީގެ ސަރުކާރުން ރާވާފައި އޮތުމެވެ.

"އޭގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މިހާރު ހުރި ފެސިލިޓީއަކީ ބިލިއަނެއްހާ ރުފިޔާ އިންވެސްޓްކުރެވިފައި ހުރި ތަނެއް. ކުރީގެ ސަރުކާރުން ރާވާފައި އޮތީ ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ތަން މުޅިން ދޫކޮށްލުމަށް ފަހު އާ ތަނަކަށް ދާން،" ހަލީލް ވިދާޅުވި އެވެ.

"އެހެންވީމަ މީގައި އަޅުގަނޑުމެން ސުވާލު އުފައްދަންވީ ބިލިއަނެއްހާ ފައިސާ ބޭކާރުކޮށްލާއިރު މިއީ ރައްޔިތުންގެ ފައިސާ."

މިނިސްޓަރު ވިދާޅުވި ގޮތުގައި އަބްދުއްސަމަދު ހޮސްޕިޓަލުގައި ވަރަށް ފަހުން ގާއިމްކޮށްފައިވާ ހިދުމަތްތައް ވެސް އެބަ ހުއްޓެވެ. އެހެންކަމުން، ބިލިއަނެއްހާ ރުފިޔާގެ އިމާރާތް ބޭކާރުކޮށްލައި، އިތުރު ބިލިއަނެއް ހޭދަކޮށްގެން އާ އިމާރާތެއް އަޅާނީތޯ މިނިސްޓަރު ސުވާލު އުފެއްދެވި އެވެ.

ޚަލީލް ވިދާޅުވި ގޮތުގައި މި ސަރުކާރުން ގޮތެއް ނިންމާނީ ރައްޔިތުންނާ މަޝްވަރާ ކުރުމަށް ފަހު އެވެ. މިނިސްޓްރީގެ ބެލުމުގެ ދަށުން އާކިޓެކްޓުން މިހާރު މަސައްކަތް ކުރަނީ މިހާރު ހުރި ހޮސްޕިޓަލް ބޭނުންކުރެވޭ ގޮތަށް ޓާޝަރީ ހޮސްޕިޓަލް ޑިޒައިން ކުރަން ކަމަށް ވިދާޅުވި އެވެ.

އެ ހޮސްޕިޓަލަށް ފަންޑު ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މި އަހަރުގެ ފަހުކޮޅު މަސައްކަތް ފެށޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.