Roadha Mihaaru
އެއާ އެމްބިއުލާންސްގައި އެއް ފަހަރާ ދެ މީހުން އުފުލޭނެ

އެއާ އެމްބިއުލާންސްް މާދަމާ ފަށާނީ ބަލި ދެ މީހުން އެއްފަހަރާ އުފުލޭ ގޮތަށް: މިނިސްޓަރު

29 ފެބުރުއަރީ 2024

މެޑިކަލް އިމަޖެންސީ ހާލަތުގައި ރާއްޖެއިން ބޭރަށް ބަލި މީހުން ވީހާ ވެސް އަވަހަށް އުފުލުމުގެ ހިދުމަތް މާދަމާ ފަށާނީ، ބަލި ދެ މީހުން އެއްފަހަރާ އެއާ އެމްބިއުލާންސްގައި ފަރުވާއަށް ގެންދެވޭ ގޮތަށް ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މެޑިކަލް އިމަޖެންސީ ހާލަތުގައި ރާއްޖެއިން ބޭރަށް ބަލި މީހުން ވީހާ ވެސް އަވަހަށް އުފުލުމުގެ ހިދުމަތް މާދަމާ ފަށާނީ، ބަލި ދެ މީހުން އެއްފަހަރާ އެއާ އެމްބިއުލާންސްގައި ފަރުވާއަށް ގެންދެވޭ ގޮތަށް ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ 100 ދުވަހަށް ހާއްސަކުރި "ހަފްތާ 14" ގައި ހިމެނޭ އެއާ އެމްބިއުލަންސްގެ ހިދުމަތާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާނީ އައިލެންޑް އޭވިއޭޝަނުގެ ދެ ބޯޓު ކަމަށެވެ. އެއީ ޑޭޝް 8 ގެ ބޯޓަކާއި ސީޕްލޭނެކެވެ.

"މޫދަށް ޖައްސާ ބޯޓެއްގެ ފައިދާއަކީ ރާއްޖޭގައި ބައެއް ފަހަރު އެބަ ދިމާވޭ އިމަޖެންސީ ހާލަތްތައް، އެއާޕޯޓު ނެތް ނުވަތަ އެއާޕޯޓާ ދުރު ހިސާބުތަކުން ވެސް. އެހެންވީމާ މި ތައާރަފު ކުރެވިގެންދާ ހިސާބުން ރައްޔިތުންނަށް ކްރިޓިކަލް ހާލަތް ދިމާވުމުން ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބޭނެ، އެ ފަރުވާދޭ ވަގުތު ކުރުވެގެންދާނެ،" ހަލީލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ބޯޓުތައް، އެއާ އެމްބިއުލާންސްގެ ގޮތުގައި ބަދަލުކޮށްފައިވާނީ ބަލި ދެ މީހުން އެއްފަހަރާ އުފުލޭ ގޮތަށް ކަމުގައި ވިޔަސް މީގައި އިތުރު މީހުން އުފުލޭނެ ޖާގަ ވެސް އޮންނާނެ އެވެ. ކުރިއަށް އޮތް ތަނުގައި ޑިމާންޑާ އެއްވަރަށް ބަދަލުތައް ގެންނަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޑޭޝް 8 ގެ ބޯޓުގައި އަޅުގަނޑުމެން މި ވަގުތުން މި ވަގުތަށް މި ތައްޔާރު ކުރަނީ ދެ ޕޭޝަންޓުން އުފުލޭނެ ގޮތަށް. އެކަމަކު ޑިމާންޑަށް ބަލާފައި އެ ސްޓްރެޗާ އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި އެ އިތުރުކުރެވޭނެ ޖާގަ އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ސީ އެމްބިއުލާންސްގެ ޖާގައިގެ ގޮތުން އޭގައި އުފުލެނީ އެންމެ ބަލި މީހެކެވެ.

ގާތްގަނޑަކަށް 38 މީހުންގެ ޖާގައިގެ ބޯޓެއް، އެއާ އެމްބިއުލާންސަކަށް ބަދަލުކޮށް މާދަމާ އެ ހިދުމަތް ފަށަން ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް، މިނިސްޓަރު ވިދާޅުވި ގޮތުގައި، މިއަދުގެ ނިޔަލަށް ނިމޭނެ އެވެ. އޭގެ ތެރޭގައި ކުލަލުމާއި އޭގައި ހަރުކުރަން ޖެހޭ ސާމާނުތައް ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަލީލް ވިދާޅުވި ގޮތުގައި އެއާ އެމްބިއުލާންސްގައި އިމަޖެންސީ ހާލަތުގައި ބޭނުންވާނެ ހުރިހާ ސާމާނެއް ހުންނާނެ އެވެ.

"އިމަޖެންސީ ހާލަތުގައި ލިބޭނެ ހުރިހާ ހިދުމަތެއް ލިބޭނެ. އޭގެ ތެރޭގައި އޮކްސިޖަން ލިބެން ހުންނާނެ. ވެންޓިލޭޓާ ފަދަ ދެން މި އިމަޖެންސީގައި ބޭނުންކުރާނެ އިންޖެކްޝަންސް ފަދަ، އިމަޖެންސީގައި ބޭނުންވާނެ ލައިފް ސޭވިން ހުރިހާ އެއާ އެމްބިއުލާންސްގައި ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ހިދުމަތް ފަށާއިރު އޭގައި ތަމްރީނުކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރިއަކު ތިބޭނެ އެވެ. އޭގެ ތެރޭގައި ފަސް ނަރުހުންނާއި ފަސް ޑޮކްޓަރުން ހިމެނެ އެވެ.

"ކުރިއަށް އޮތް ތަނުގައި އިތުރު ނަރުހުން ހޯދުމަކީ ވެސް އެކަށީގެންވާ ކަމެއް،"

ސަރުކާރުން ނިންމާފައި ވަނީ ކުރިއަށް އޮތް ތަނުގައި ރާއްޖެ އިން ބޭރަށް ވެސް އިމަޖެންސީ ހާލަތުގައި މީހުން ގެންދަން ޖެހިއްނެ ނަމަ އެކަން ކުރާށެވެ. އެ މަޝްވަރާތައް ލަންކާ ސަރުކާރާ އެކު ވެސް ދިވެހި ސަރުކާރުން ވަނީ ކޮށްފަ އެވެ.

ރާއްޖެ އިން ލަންކާ އަށް ބަލި މީހުން އުފުލުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް 6 ގަޑިއިރާ 24 ގަޑިއިރު މިހާރު ހޭދަވިޔަސް ސަރުކާރުން އެކަމުގެ މަޝްވަރާކޮށް ދެ ގަޑިއިރުން ހުއްދަތައް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

މިނިސްޓަރު ލަންކާ އަށް ދަތުރުތައް ފެށިޔަސް އިންޑިއާއަކީ ވެސް ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ގައުމަކަށް ވާތީ އެއާ އެމްބިއުލާންސްގެ ހިދުމަތް ކައިރި މުސްތަގުބަލެއްގައި އެ ގައުމަށް ފެށުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ދުރު ހިސާބުތަކަށް ވެސް ބަލި މީހުން އުފުލޭނެ ގޮތްތައް ސަރުކާރުން ހަމަޖެއްސުމަށް މަސައްކަތް ކުރާއިރު އެ ގައުމުތަކަށް ދާ ނަމަ، ޖެހޭނީ އެކި ތަންތަނަށް ހުއްޓައިގެން ދާން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރެއްވުމާއި އެ ހިދުމަތް ފުޅާ ކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.