Roadha Mihaaru
އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި

01 މާޗް 2024

ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާ އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާ އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ފަށައިފި އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރެއިން އެ މަނިކުފާނުގެ އެންމެ އިސް އެއް ވައުދެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ގޮތުގައި ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަނުގެ މަތިންދާ ބޯޓަކާއި ސީޕްލޭނެކެވެ. އެ ދެ ބޯޓު އެކީ ބަދަލުކޮށްލާފައި ވަނީ އިމަޖެންސީ ހާލަތުގައި ބަލި މީހާއަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އޭގެ ތެރެއިން ލިބޭ ގޮތަށެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނީ އެއާ އެމްބިއުލާންސްގެ ހިދުމަތް މިއަދުން ފެށިގެން ދޭން ނިންމާފައިވާ ކަމަށެވެ. އެ ހިދުމަތް ދިނުމަށް ފަށާ ބޯޓުގައި މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެން ހުރި އެންމެ ކައިރީ ޓާޝަރީ ހޮސްޕިޓަލުތަކަށް ބަލި މީހުން އުފުލާނެ ކަމަށާއި އެ ބޯޓުގައި އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް ވަސީލަތްތަކާއެކު ތަމްރީން ކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރިއަކު ވެސް އުޅޭނެ ކަމަށެވެ. އެއީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހުންގެ އިތުރުން އެމެޖެންސީ މެޑިކަލް ޓެކްނީޝަނުންނެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ބޯޓު.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ބޯޓު.

މިނިސްޓްރީން ބުނި ގޮތުގައި އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ޑޭޝް 8-200 މަރުކާގެ ބޯޓުގައި ފަށާ އެ ހިދުމަތާ އެކު ރާއްޖޭގެ ހުރިހާ ހިސާބަކަށް 24 ގަޑިއިރު އެ ހިދުމަތް ލިބޭނެ އެވެ.

މިނިސްޓްރީން ބުނީ މިހާރު މާލޭ ސަރަހައްދުގައި ގާއިމުކުރެވިފައިވާ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސް ނިޒާމުގެ ތެރެއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ހިމެނި، ޕްރީ ހޮސްޕިޓަލް ކެއާ ކޯޑިނޭޓްކުރުމުގެ އިންތިޒާމު ރާވާ، ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ފުރިހަމަ ނިޒާމެއްގެ ގޮތުގައި ގާއިމުކުރެވޭނެ ކަމަށެވެ.

މި ހިދުމަތް ދެނީ މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެންނެވެ.

ހެލްތު މިނިސްޓްރީން ބުނީ ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއި ފަސޭހަ ހިދުމަތްތަކެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އޭގެ ތެރޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ވެސް ހިމެނޭއިރު އެ މަސައްކަތުގެ އަމާޒަކީ ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ގާއިމުކުރުން ކަމަށެވެ.

އެކަމުގެ މައުލޫމާތު ދޭން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ އެއާ އެމްބިއުލާންސްގެ މަތިންދާ ބޯޓުގައި އެއް ފަހަރާ ބަލި ދެ މީހުން އުފުލޭނެ ކަމަށެވެ. އަދި ޑިމާންޑާ އެއްވަރަށް ބަލި މީހުން އުފުލޭ އަދަދު އިތުރުކުރެވޭނެ ޖާގަ ވެސް އޭގައި އެބަ އޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭނުގައި އުފުލެނީ އެންމެ ބަލި މީހެކެވެ.

އެއާ އެމްބިއުލާންސުގައި ރާއްޖެއިން ބޭރަށް ބަލި މީހުން އުފުލުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު އެކަމުގެ މަޝްވަރާތައް ވަނީ ސްރީލަންކާއާ އެކު ކޮށްފަ އެވެ. މިހާރު ވަނީ ދެ ގަޑިއިރުން ބަލި މީހުން އުފުލުމަށް ލިބެން ޖެހޭ ހުއްދަތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. ކުރިން އެކަމަށް ގާތްގަނޑަކަށް އެއް ދުވަސް ނަގަ އެވެ.

ދުރު ގައުމުތަކަށް ވެސް އެއާ އެމްބިއުލާންސްގައި ބަލި މީހުން އުފުލުމަށް ސަރުކާރުން މަސައްކަތްކުރާއިރު އެކަން ކުރަން ޖެހެނީ އެކި ތަންތަނަށް ހުއްޓައިގެން ދާށެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރެއްވުމާއި އެ ހިދުމަތް ފުޅާ ކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.