Roadha Mihaaru
3 ދުވަސް ތެރޭ 20 ރަށަކަށް އެމްބިއުލާންސް ފޮނުވަނީ

3 ދުވަސް ތެރޭ 20 ރަށަކަށް އެމްބިއުލާންސް ފޮނުވަނީ

23 އޮކްޓޯބަރ 2021

ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި 20 ރަށަކަށް އެމްބިއުލާންސް ފޮނުވާނެ ކަމަށް ހެލްތު މިނިސްޓްރީން ރޭ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި 20 ރަށަކަށް އެމްބިއުލާންސް ފޮނުވާނެ ކަމަށް ހެލްތު މިނިސްޓްރީން ރޭ ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ރަށްރަށުގައި ބޭނުންކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގަނެފައިވާ 20 އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމެންޓް އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ނިންމުމަށް ފަހު ރަށްރަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. މި ފެށޭ ހަފުތާގައި އެމްބިއުލާންސް ފޮނުވައި ނިމޭނެ ކަމުގެ ޔަގީންކަން ދެ އެވެ.

ބައެއް ރަށްރަށުގައި އެމްބިއުލާންސް ހަލާކުވެ، އެ ހިދުމަތް މެދުކެނޑިފައި އޮތުމުން ގިނަ ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ ދޭތެރެދޭތެރެއިން ލިބެ އެވެ. ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު ވެސް، އެމްބިއުލާންސް ނެތުމުންނާއި ހަލާކުވެފައި އޮތުމުން ދަތިތަކާ ކުރިމަތިވި އެވެ. ހދ. މަކުނުދޫގެ އެމްބިއުލާންސް ހަލާކުވެވައި އޮތުމުން، މީގެ ދެ ދުވަސްކުރިން ބަލި މީހަކު ބަރޯއެއްގައި ގެންދާ މަންޒަރު އާއްމުވެ ފާޑުކިއުން ބޮޑުވި އެވެ.

މި ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 60 ރަށަކަށް އެމްބިއުލާންސް ފޮނުވުމެވެ.

ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި އިތުރު 40 އެމްބިއުލާންސްއާ އެކު، މި އަހަރު ނިމުމުގެ ކުރިން ރަށްރަށަށް 60 އެމްބިއުލާންސް ފޮނުވޭނެ ކަމަށް ރައީސް އޮފީހުން ވަނީ ކުރިން ބުނެފަ އެވެ.

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެފައި ވަނީ ރަށްރަށަށް އެމްބިއުލާންސް ގެންދަނީ ތިން ގޮތަކުން ކަމަށެވެ. އެއީ ހެލްތު މިނިސްޓްރީގެ ބަޖެޓުންނާއި ޖަޕާނު ސަރުކާރުގެ އެހީގެ އިތުރުން އެހެން ޕްރޮގްރާމެއްގެ ތެރެއިންނެވެ. އެކަމަކު އެ ޕްރޮގްރާމާ ބެހޭ ތަފްސީލެއް ނުދެއްވަ އެެވެ.

ޖަޕާނު ސަރުކާރުން ވަނީ ރާއްޖޭގައި ސީ އެމްބިއުލާންސްގެ ހިދުމަތް ފުޅާކުރަން 46.3 މިލިއަން ރުފިޔާ މި މަހުގެ ތެރޭގައި ދީފަ އެވެ. މި އެހީގެ ދަށުން ސީ އެންބިއުލާންސްތައް ގެނައުމުގެ އިތުރުން ކުއްލި ފަރުވާ ދޭން ޖެހޭ ހާލަތުތަކުގައި އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.