Roadha Mihaaru
ރަށްރަށަށް 96 އެމްބިއުލާންސް ގެންނަން ސޮއިކޮށްފި

ރަށްރަށަށް 96 އެމްބިއުލާންސް ގެންނަން ސޮއިކޮށްފި

10 ޖޫން 2021

މާލެ ސަރަހައްދު ފިޔަވައި އެހެން ބައެއް ރަށްރަށަށް ބޭނުންވާ 96 އެމްބިއުލާންސް ގެންނަން ހެލްތު މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސަރަހައްދު ފިޔަވައި އެހެން ބައެއް ރަށްރަށަށް ބޭނުންވާ 96 އެމްބިއުލާންސް ގެންނަން ހެލްތު މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ 180 ދުވަހުގެ ތެރޭގައި އެ އުޅަނދުތައް ގެނެސް ހަވާލުކުރުމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއެކު މިއަދު ސޮއިކުރެއްވި ކަމަށެވެ.

ނަމަވެސް އެމްބިއުލާންސްތައް ގެންނަން ހަވާލުކުރި އަގެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ސޮއިކުރެއްވުމަށް ފަހު. މިނިސްޓަރު ނަސީމް ވިދާޅުވީ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ފުޅާވުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށެވެ.

ބައެއް ރަށްރަށުގައި އެމްބިއުލާންސް ހަލާކުވެ، އެ ހިދުމަތް މެދުކެނޑިފައި އޮތުމުން ގިނަ ދަތިތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަސީމް ވިދާޅުވިގޮތުގައި އެމްބިއުލާންސްތައް ގެނެސް، އަތޮޅުތެރޭގައި ހިދުމަތް ފުޅާކުރުމުން ކާރިސާގެ ވަގުތާއި އެކްސިޑެންޓުތަކުގައި ބަލި މީހުންނަށް ފޯރުކޮށްދޭންޖެހޭ ސިއްހީ ކުއްލީ ފަރުވާ ފަސޭހަކަމާއެކު ދެވޭނެ އެވެ.

މިދިޔަ މާޗު މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނަސީމް ވިދާޅުވެފައި ވަނީ މި މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރެވޭނެ ކަމަށެވެ.

އޭރު އޭނާ ވިދާޅުވީ، ރަށްރަށަށް އެމްބިއުލާންސް ގެންދަނީ ތިން ގޮތަކުންނެވެ. އެއީ ހެލްތު މިނިސްޓްރީގެ ބަޖެޓުންނާއި ޖަޕާނު ސަރުކާރުގެ އެހީގައި އަދި އެހެން ޕްރޮގްރާމެއްގެ ތެރެއިންނެވެ. އެކަމަކު އެ ޕްރޮގްރާމާ ބެހޭ ތަފްސީލެއް ނަސީމް ނުދެެއްވަ އެެވެ.

ގިނަ އަދަދެއްގެ އެމްބިއުލާންސް ގަންނަން ހަވާލުކުރިއިރު، ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަަމަވެއްޖެ ކަމަށް 2019 ވަނަ އަހަރު ވެސް މި ސަރުކާރުން އިއުލާނު ކުރި އެވެ. ޖަޕާން ސަރުކާރުން ހަދިޔާކުރި އެމްބިއުލާންސްތައް ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންްތަނާ ހަވާލުކުރަން އޮކްޓޯބަރު 12، 2019 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވަނީ، އެ ދުވަހު ހަވާލުކުރި އެމްބިއުލާންސްތަކާ އެކު ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވިއަސް އަދިވެސް ބައެއް ރަށްރަށުގައި އެމްބިއުލާންސްތައް ހުރީ ރަނގަޅަށް ހިދުމަތް ދެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ.