Roadha Mihaaru
ކާޑު ގަންނަން އެސްޓީއޯ އަށް ސޮވެރިން ގެރެންޓީ ދީފި

ކާޑުގެ ބާވަތްތައް ގަންނަން ވެސް އެސްޓީއޯ އަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފި

22 މާޗް 2021

ކާޑުގެ ބާވަތްތަކާއި ބޭސް ގަތުމަށް އެސްޓީއޯ އިން ނެގި 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ގެ ލޯނަކަށް އަނެއްކާ ވެސް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކާޑުގެ ބާވަތްތަކާއި ބޭސް ގަތުމަށް އެސްޓީއޯ އިން ނެގި 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ގެ ލޯނަކަށް އަނެއްކާ ވެސް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ ޖެނުއަރީ މަހު އެ ކުންފުނިން މި ލޯނު ނަގާފައިވަނީ ހޮންކޮންގް ޝަންހާއީ ބޭންކިން ކޯޕަރޭޝަންގެ މާލޭގެ ބްރާންޗުންނެވެ.

މިދިޔަ އަހަރުގެ މެއި މަހު އެސްޓީއޯ އިން މެޑިކަލް އިކުއިޕްމެންޓާއި ބޭހާއި ކާބޯތަކެތި ގަތުމަށް ނެގި ލޯނަށް ވެސް ސަރުކާރުން ސޮވެރިން ގެރެންޓީ އޮތީ ދީފަ އެވެ. އެ ފަހަރު ސޮވެރިން ގެރެންޓީ ދިނީ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ނެގި 15 މިލިއަން ޑޮލަރު (230 މިލިއަން ރުފިޔާ) ލޯނަކަށެވެ. އަދި އެސްޓީއޯ އިން ތެޔޮ ގަތުމަށް އައިޓީއެފްސީން ނެގި 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާގެ ލޯނަށް ވެސް މިދިޔަ އަހަރު ސަރުކާރުން ގެރެންޓީ ދިނެވެ.

ކާޑުގެ ބާވަތްތައް ގަތުމަށް، ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނިން ލޯނު ނަގާފައިވާ އިރު، އެ ބާވަތްތަކަށް ސަރުކާރުން ސަބްސިޑީ ދެ އެވެ. ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކުރަން މިދިޔަ އަހަރު 338 މިލިއަން ރުފިޔާ ސަރުކާރުން ދިނެވެ. މި އަހަރުގެ ބަޖެޓުގައި ވެސް އެކަމަށް 365 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

މިސަރުކާރު ވެރިކަމަށް އައި ފަހުން މިހާތަނަށް ފަސް ލޯނަކަށް ސޮވެރިން ގެރެންޓީދީފައިވެ އެވެ. އެއީ ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9 ބިލިއަން ރުފިޔާ) އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް ކުރިމަތިވި ކޮވިޑްގެ ހާލަތުގައި ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ގިނަ އަދަދެއްގެ ލޯނު ނަގަން ޖެހުނެވެ. އެހެންވެ، ދައުލަތުގެ ދަރަނި މިހާރު ވަނީ 86 ބިލިއަން ރުފިޔާ ރުފިޔާ އަށް އަރައިފަ އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ގާތްގަނޑަކަށް 150 ޕަަސެންޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ދައުލަތުގެ ދަރަނި ހުރީ 60 ބިލިއަން ރުފިޔާގަ އެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 70 ޕަސެންޓެވެ.