Roadha Mihaaru
ކޮވިޑާ ގުޅިގެން ހަރަދުކުރާ ގޮތުގެ އޮޑިޓެއް ފަށައިފި

ކޮވިޑާ ގުޅިގެން ހަރަދުކުރާ ގޮތުގެ އޮޑިޓްކުރަން ފަށައިފި

04 ޖޫން 2020

ކޮވިޑް-19 ފެތުރޭތީ ހާލަތާ ގުޅިގެން ދައުލަތުން ހަރަދުކުރަމުން އަންނަ ގޮތުގެ އޮޑިޓެއް ކުރަމުން އަންމަ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރޭތީ ހާލަތާ ގުޅިގެން ދައުލަތުން ހަރަދުކުރަމުން އަންނަ ގޮތުގެ އޮޑިޓެއް ކުރަމުން އަންމަ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ހަރަދުކުރާ ގޮތުގެ އޮޑިޓެއް ކުރަމުން އަންނަކަން އޮޑިޓާ ޖެނެރަލްގް އޮފީހުން އެންގެވީ އެ މައުލޫމާތު ސާފުކުރަން އެދި ކޮމިޓީން ފޮނުވި ސިޓީއަށް ދިން ޖަވާބުގައި ކަމަށެވެ.

އެސްއޯއީ ކޮމިޓީ އަށް ފޮނުވި ސިޓީގައިވާ ގޮތުން އެ އޮޑިޓްގެ މަސައްކަތް ފެށީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ރައްޔިތުންގެ މަޖިލީހުން އެކަން އެގޮތަށް ކުރަން ނިންމާފައިވާތީ ކަމަށެވެ. ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައި ވަނީ ކޮވިޑާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ހޯދާފައިވާ މުދަލާއި ތަކެތި ގަތުމަށް އެސްޓީއޯ އިން ކޮށްފައިވާ ހަރަދުގެ ހާއްސަ އޮޑިޓެއް ކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުން ނިންމާފައި ވަނީ ކޮވިޑާ ގުޅިގެން ދައުލަތުން ކުރާ ހަރަދުގެ ހާއްސަ އޮޑިޓެއް ކުރުމަށެވެ. އެގޮތުން ކުރާ އޮޑިޓްގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމުމަށް ވެސް މަޖިލީހުގެ ނިންމުމުގައިވެެ އެވެ.

އޮޑިޓްގައި ބަލާނެ ކަމަކީ ކޮވިޑާ ގުޅިގެން އެސްޓީއޯ އިން މިހާތަނަށް ހޯދާފައިވާ މުދަލާއި ތަކެތި ގަތުމުގައި އަމަލުކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީއާ އެކު އެއްބަސްވެފައިވާ ގޮތަށްތޯ އާއި އެސްޓީއޯގެ އެތެރޭގެ އުސޫލުތަކާ އެއްގޮތަށްތޯ އެވެ.

އޮޑިޓްގައި ބަލާނެ ކަންތައްތައް

- ކޮވިޑާ ގުޅިގެން ހަރަދުތައް ކުރަން ހުއްދިނުމާއި އެ ހަރަދުތައް ހިނގާ ނުހިނގާ ގޮތް ބަލައި ރިޕޯޓްކުރަން ހަދާފައިވާ އުސޫލުތަކާއި އިޖުރާއަތްތަކަކީ އެކަށީގެންވާ ކޮންޓްރޯލްތަކެއްކަން ނުވަތަ ނޫންކަން.

- ފައިސާ އިސްރާފުވުމުގެ ފުރުސަތު އެ ކޮންޓްރޯލްތަކުގެ ސަބަބުން ކުޑަކުރެވިފައިވާކަން ނުވަތަ ނޫންކަން.

- ހަރަދުތައް ކުރަނީ ގާނޫނާ ގަވައިދާ އެއްގޮތަށްކަން ނުވަތަ ނޫންކަން.

- އިމަޖެންސީ ހާލަތުގައި ހިދުމަތާއި ތަކެތި ހޯދަން މާލިއްޔަތު ގަވައިދުގައި ދީފައިވާ ހުއްދައިގެ ދަށުން ކުރަމުން އަންނަ ހަރަދުތައް ކުރަނީ އިސްރާފު ނުވާނެހެން، ނުއަގުގައި ތަކެތި ނުގަނެ، ދައުލަތަށް އެންމެ ފައިސާ ހުރި ގޮތަށް ކަން ނުވަތަ ނޫންކަން.