Roadha Mihaaru
ނުގެންދެވި ތިބި ގިނަ މީހުންނަކީ ދާން ދެކޮޅުހެދި މީހުން

ފެސިލިޓީތަކަށް ނުގެންދެވި ތިބި ގިނަ މީހުންނަކީ ދާން ދެކޮޅުހެދި މީހުން: އެޗްޕީއޭ

20 އޯގަސްޓް 2020

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ފެސިލިޓީތަކަށް ނުގެންދެވި ތިބި މީހުންގެ ތެރޭގައި ގިނައީ ދާން އިންކާރުކުރާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ފެސިލިޓީތަކަށް ނުގެންދެވި ތިބި މީހުންގެ ތެރޭގައި ގިނައީ ދާން އިންކާރުކުރާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި "މިހާރު"ން ކުރި ސުވާލަކަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ފެސިލިޓީތަކަށް ގެންދަން ޖެހޭ 359 މީހެއްގެ ތެރެއިން ހަގީގަތުގައި އެޗްޕީއޭގެ ކެޕޭސިޓީއާ ހެދި ނުގެންދެވި ތިބީ އެންމެ 22 މީހުން ކަމަށެވެ. އޭނާ ވިދާޅުވީ ދެން ތިބި މީހުންގެ ތެރޭގައި ފެސިލިޓީ އަށް ދާން އިންކާރު ކުރާ 85 މީހަކާއި އާއިލާގެ މީހުންގެ ނަތީޖާ ލިބުމުން ދާން އެދިފައިވާ މީހުން ހިމެނޭ ކަމަށެވެ. އަދި ނުގުޅިގެން ނުގެންދެވި ތިބި 14 މީހެއް ވެސް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓުރޫ ޕެންޑިން ގައި ތިބީ ހަގީގަތުގައި ތިބީ 22 ފަރާތެއް،" އަފްޒަލް ވިދާޅުވި އެވެ.

ނުގެންދެވި ތިބި 359 މީހުންގެ ތެރެއިން 148 މީހަކު ނުގެންދެވުނު ސަބަބު އޭނާ ވިދާޅުވި ނަމަވެސް ދެން ބާކީ ތިބި މީހުން ނުގެންދެވުނީ ކީއްވެ ކަމެއް ވިދާޅެއް ނުވެ އެވެ.

ފެސިލިޓީތަކުގައި ޖާގަ ނެތިގެން މީހުން ނުގެންދެވި، ހޯމް ކަރަންޓީނުގައި ތިބި އިރު އެގޮތަށް ބައިތިއްބަން ރަސްމީކޮށް ނިންމަން ނުވިސްނަންތޯ ސުވާލު ކުރުމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް އެގޮތަށް އަމަލުކުރަމުން އަންނަ ކަަމަށާއި އެކަމާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ މީޑިއާ ބްރީފިންއެއްގައި ވާހަކަ ދައްކަވަނީ.

ޑރ. ނަޒްލާ މީޑިއާ ބްރީފިންއެއްގައި ވާހަކަ ދައްކަވަނީ.

"އެހެން ނަަމަވެސް އެކަހަލަ ކަމެއް ނިންމާއިރު އަދި ބައެއް އިތުުރު ކަންތައްތައް ވެސް އެބަ ފުރިހަމަވާން ޖެހޭ، ޕޮލިސީއެއްގެ ގޮތުން އެކަހަލަ ކަންތައްތައް ކަނޑައަޅާ އިރު،" ހޯމް އައިސޮލޭޝަނުގައި މި ވަގުތު ހުންނެވި ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވާ ފުދޭވަރަކަށް ގިނަ މީހުން، މިހާރުވެސް ފެސިލިޓީތަކަށް ގެންދެވެ އެވެ. ނުގެންދެވޭ ހަމަ އެކަނި ސަބަބަކީ ފެސިލިޓީތަކުގެ ޖާގައިގެ ދަތިކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ކޮވިޑަށް ފަރުވާދޭން ރާއްޖޭގައި ހުރި އެނދުގެ އަދަދާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ނަޒްލާ ވިދާޅުވީ ކޭސްތައް ގިނަވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި ކޭސްތައް އިތުރުވާ ނަމަ އެނދުތައް ފުރިދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.

"އެހެން ވެގެން އަޅުގަނޑުމެން މޫމަންޓް ރެސްޓްރިކްޝަންސް އާއި މިކަހަލަ ފިޔަވަޅުތައް އަަޅަން ހަމަ މަސައްކަތް ކުރަމުން މިގެންދަނީ އިނގޭތޯ،" އޭނާ ވިދާޅުވި އެވެެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަަދަދަކީ މިހާރު 6225 އެވެ. އޭގެ ތެރެއިން 3،788 މީހުން ރަނގަޅުވި އިރު މަރުވި މީހުންގެ އަދަދަކީ 24 އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 2،413 އެވެ.