Roadha Mihaaru
ހޮސްޕިޓަލްތައް ޑިޒައިންކޮށްފައި ހުރީ ވަރަށް "ފެންސީ"ކޮށް

ހޮސްޕިޓަލްތައް ހަދަން ކުރިން ނިންމީ ބޭނުމަށް ބަލާފައެއް ނޫން، ޑިޒައިންކޮށްފައި ހުރީ "ފެންސީ"ކޮށް

16 މެއި 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގައި އިމާރާތްކުރަން ހަވާލުކުރި ހޮސްޕިޓަލްތައް ޑިޒައިންކޮށްފައި ހުރީ ވަރަށް އަގު ބޮޑުކޮށް ކަމަށާއި އެ ތަންތަން އަޅަން ނިންމީ ނީޑް ބޭސް އަށް ބަލާފައި ނޫން ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގައި އިމާރާތްކުރަން ހަވާލުކުރި ހޮސްޕިޓަލްތައް ޑިޒައިންކޮށްފައި ހުރީ ވަރަށް އަގު ބޮޑުކޮށް ކަމަށާއި އެ ތަންތަން އަޅަން ނިންމީ ނީޑް ބޭސް އަށް ބަލާފައި ނޫން ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ހަލީލް ވިދާޅުވީ، ކުރީގެ ސަރުކާރުން ވަރަށް ގިނަ ޕްރޮޖެކްޓްތައް އެކި ފަރާތްތަކާ ހަވާލުކޮށްފައި ހުރި ކަމަށެވެ. އޭގެ ތެރޭގައި 30 އެނދު އަދި 50 އެނދުގެ ހޮސްޕިޓަލް ހިމެނެ އެވެ.

ނަމަވެސް، ކުރީގެ ރައީސް އިބޫގެ ވެރިކަން ނިމުނުއިރު އޭގެ ގިނަ މަސައްކަތްތަކެއް ނުފެށެ އެވެ.

ހަލީލް ވިދާޅުވީ، ބޭނުމަށް ބަލައިގެން ހޮސްޕިޓަލްތައް އިމާރާތް ކުރުމުގެ ދިރާސާއެއް ހަދަމުން އަންނަ ކަމަށާއި ކުރީގެ ސަރުކާރުން މިހާތަނަށް ޑިޒައިން ކޮށްފައިވާ ކޮންމެ ހޮސްޕިޓަލަކީ ވަރަށް އަގުބޮޑު އިމާރާތްތަކެއް ކަމަށެވެ. އެހެންވެ، ވަރަށް "ފެންސީ"ކޮށް ކުރަހާފައި ހުރި ކުރެހުންތައް ރީޑިޒައިންކޮށް، ދައުލަތަށް ވެސް އަދި އާއްމުންނަށް ވެސް ފަސޭހަވާނެ ގޮތަށް ބަދަލުތައް ގެންނަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގައި ރައްޔިތުން ބޭނުންވަނީ ހިދުމަތް އެ ރަށެއްގައި ގާއިމްކުރުން. އެ ހިދުމަތް ގާއިމްކުރުމަށްޓަކައި ސްޓްރަކްޗަރަލް ބައެއް ބަދަލުތައް އެބަ ގެންނަން. އެހެން ނަމަވެސް، ހިދުމަތަކަށް ބަދަލެއް ނާންނާނެ،" ހަލީލް ވިދާޅުވި އެވެ.

"މިހާރު ހުރި އަގުތަކަށް ބަލާއިރު ގާތްގަނޑަކަށް 50 އެނދުގެ ހޮސްޕިޓަލެއް ވެއްޖިއްޔާ 185 މިލިއަނަށް ވުރެ މަތީގައި މި އުޅެނީ. ތިރީސް ބެޑުގެ ހޮސްޕިޓަލެއް ވެއްޖިއްޔާ 95-135 މިލިއަނާ ދޭތެރޭގައި މި އުޅެނީ އަގުތައް މި ހުރީ."

މިނިސްޓަރު ވިދާޅުވި ގޮތުގައި، ޑިޒައިނަށް ގެންނަ ބަދަލަކާ އެކު، އަގުތަކަށް ވެސް ވަރަށް ބޮޑު ބަދަލެއް އާދެ އެވެ. އެހެންވެ، ދައުލަތަށް ހަރަދު ކުޑަވާ ގޮތަށް އަދި އާންމުން ބޭނުންވާ ހިދުމަތްތަތަކަށް ފެތޭ ގޮތަށް މި ސަރުކާރުން އާ ހޮސްޕިޓަލްތަކުގެ ޑިޒައިން ބަދަލުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. ހަލީލް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. ހަލީލް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި އިމާރާތް ހެދުމަށް ދާ ހަރަދު ކުޑަކުރުމަށް ފަހު، ގިނަ ރަށްރަށުގައި ރައްޔިތުން ބޭނުންވާ އިންފްރަސްޓްރަކްޗާގެ ގިނަ މަސައްކަތް ގެންދެވޭނެ އެވެ.

"ޑިޒައިން ކޮށްފައި ހުރިއިރު އެބަ ހުރޭ ހޮސްޕިޓަލާ ނޫނީ ހެލްތު ސެންޓަރުގައި އެކޮމޮޑޭޝަން ލާފައި. އަޅުގަނޑުމެންނަށް މާ މުހިއްމު އެކޮމޮޑޭޝަން އެ ތަނުން އުނިކޮށްފައި، ރައްޔިތަކަށް އެ ފައިސާ ލިބުން. އެއީ އެ ރަށެއްގައި އޭރުން އިކޮނޮމީ ތެރޭގައި އެ ފައިސާ އެނބުރިގެން ދާނީ. އެހެން ނޫނީ ދައުލަތަށް އެ ފައިސާ މި ވަންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ހަރަދުތައް ކުޑަކުރަން އެކޮމޮޑޭޝަން ބައިތައް އުނިކުރިއަސް، ހަލީލް ވިދާޅުވީ، ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ކުރާ ސަރަހައްދުތަކުގައި ޑޮކްޓަރުންނަށް ހާއްސަ ކޮށްގެން އެކޮމޮޑޭޝަން ހަދާނެ ކަމަށެވެ. އެ ރަށްތަކުން ކުޑަ އަގެއްގައި ކޮޓަރި ނުވަތަ އެޕާޓްމަންޓު ހޯދުމަކީ އުނދަގޫ ކަމެއްކަން ފާހަގަކުރެވޭ ކަމަށް ހަލީލް ވިދާޅުވި އެވެ.

"ނީޑް ބޭސް އަށް ވުރެ ބޮޑަށް ކޮންމެ ވެސް އެހެން ގޮތަކަށް މިކަން ގޮސްފައި މި އޮތީ. އެހެންވީމާ، ރައްޔިތުންނަށް އާމްދަނީ ލިބިފައި، ދައުލަތަށް ވެސް ހަރަދު ކުޑަވެގެންދޭ މިގޮތަށް އަޅުގަނޑުމެން ރީޑިޒައިން ކުރާ ކަމަށް ވަންޏާ،" އޭނާ ވިދާޅުވި އެވެ.