Roadha Mihaaru
ނަތީޖާއާ މެދު މާޔޫސްވާންވީ ސަބަބެއް ނެތް: ފައްޔާޒު

ވޯޓުލީ މީހުން މަދުކަމުން ނަތީޖާއާ މެދު މާޔޫސްވާންވީ ސަބަބެއް ނެތް: ފައްޔާޒު

21 ޖުލައި 2024

އިއްޔެ ބޭއްވި ބައެއް ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދު ކަމުން، ނަތީޖާ އާ މެދު މާޔޫސްވާން ނުޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ބައެއް ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދު ކަމުން، ނަތީޖާ އާ މެދު މާޔޫސްވާން ނުޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ ހަ ދާއިރާއެއްގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީން ފަސް ދާއިރާއެއް ނަގައި، ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފަ އެވެ.

އެ ދާއިރާތަކަށް އިދިކޮޅު އެމްޑީޕީން ވެސް ވާދަކުރިޔަސް މާ ބޮޑު ކެމްޕެއިނެއް ނެތުމާ އެކު، ކާމިޔާބު އެ ޕާޓީ އަށް އެންމެ ގޮނޑިއެއް ވެސް ނުލިބުނެވެ. ރ. ރަސްމާދޫ އަންހެން މެމްބަރުގެ ގޮނޑި ވެސް ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ލީޑަޝިޕަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، ފައްޔާޒް އެކްސްގައި ވަނީ ކައުންސިލް ބައި އިލެކްޝަންތަކުގައި ވާދަކުރި އެ ޕާޓީގެ ކެންޑިޑޭޓުން ކުރި ހިތްވަރާއި މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތަކާ މެދު މާޔޫސްވާންވީ ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި، ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު ކުރާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް އޮތީ ކާމިޔާބީގެ ދުވަސްތަކެކެވެ.

އިއްޔެ ޖުމްލަ ނުވަ ބައި އިލެކްޝަނެއް ބާއްވަން ނިންމާފައި އޮތެވެ. އަނެއް ތިން ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނުޖެހުނީ އިތުރު ކެންޑިޑޭޓަކު ކުރިމަތިނުލުމުންނެވެ. ވޯޓެއް ނެތި އެ ތިން ގޮނޑިއަށް އިންތިހާބުވެފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

ހަ ދާއިރާއެއްގެ ބައި-އިލެކްޝަންގައި 13،112 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އިރު، ވޯޓުލާން ނުކުތީ 3،528 މީހުންނެވެ. އެއީ 27 ޕަސެންޓު މީހުންނެވެ.

ނަމަވެސް، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ އަށް ފަހު ބޭއްވި އިންތިހާބުތަކުގައި އެމްޑީޕީ އަށް ވަނީ ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިވެފަ އެވެ. މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ސުޕަ މެޖޯރިޓީ ލިބުނީ ޕީއެންސީ އަށެވެ.

އެއާ އެކު، އެމްޑީޕީގެ ލީޑަޝިޕް އިސްތިއުފާ ދީ، އިސް ސަފުން ޕާޓީގެ އާ ބަޔަކަށް ފުރުސަތު ދިނުމުގެ އަޑު ވަނީ ޕާޓީގެ ތެރެއިން ގަދަވެފަ އެވެ.