Roadha Mihaaru

ކައުންސިލަރުންނަށް މުސާރަ ނަގައިގެން ތިބުން ނޫން އިތުރު ކަމެއް ދެން ނުކުރެވޭނެ: އެމްޑީޕީ

ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް މިހާރު ފޮނުވާފައިވާ ބިލުގެ ސަބަބުން ކައުންސިލަރުންނަށް މުސާރަ ނަގައިގެން ތިބުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

"ކައުންސިލަރުންނަށް ޖެހޭނީ މުސާރަ ނަގައިގެން ތިބެން"
އިފްރާޒް އަލީ
އިފްރާޒް އަލީ

05 އޯގަސްޓް 2025

ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް މިހާރު ފޮނުވާފައިވާ ބިލުގެ ސަބަބުން ކައުންސިލަރުންނަށް މުސާރަ ނަގައިގެން ތިބުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

އެ ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާރު (ފިއްޓެ) ވިދާޅުވީ، މި ސަރުކާރު އައި ފަހުން ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ލާމަރުކަޒީ ގާނޫނަށް މީގެ ކުރިން ވެސް އެތައް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މިހާރު ގެންނަން އުޅޭ ބަދަލާއެކު ކައުންސިލްތަކުގެ ބާރު އެއްކޮށް ކެނޑޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިއްޓެ ވިދާޅުވީ ކައުންސިލަރެއްގެ މަގާމު ހުސްވެއްޖެ ނަމަ ދެން އަންނަ ކައުންސިލް އިންތިހާބު ބާއްވަން 18 މަސްދުވަހަށް ވުރެ ކުރު މުއްދަތެއް އޮވެއްޖެ ނަމަ ބައި-އިލެކްޝަން ނުބޭއްވޭ ގޮތަށް ހަދައި، އެމްޑީޕީގެ ސަރުކާރުގައި ކައުންސިލްތަކުގެ އިހުތިސާސް ކަނޑައަޅަން ދިން ބާރު ވެސް ސީދާ ރައީސްގެ ބާރުގެ ދަށަށް ގެންގޮސް، މިހާރު އުޅެނީ ކައުންސިލްތަކުގެ މާލީ ބާރުވެރިކަމާއި މިނިވަންކަން ވެސް ކަނޑުވާލަން ކަމަށެވެ.

ކައުންސިލްތަކަށް ކުންފުނި ހެދުމުގެ ބާރު އެމްޑީޕީގެ ސަރުކާރުގައި ދިނީ ސަރުކާރުން ދޭ ގްރާންޓުގެ އެހީގައި ކައުންސިލްތަކުގެ ހުރިހާ ހަރަދެއް ހަމަނުޖެއްސޭތީ، އަމިއްލައަށް އާމްދަނީ ހޯދައިގެން ރަށުގެ މަސައްކަތްތައް ކުރެވޭނެ މަގުފަހިކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ސަރުކާރުން މިހާރު ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ސަބަބުން ކައުންސިލްތަކުން އަމިއްލައަށް އާމްދަނީ ހޯދުމަށް އޮތް މަގު ބަންދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޒިޔާރު (ފިއްޓެ) ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޒިޔާރު (ފިއްޓެ) ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

ފިއްޓެ ވިދާޅުވި ގޮތުގައި، މި އިސްލާހު ހުށަހެޅުމުގެ މަގުސަދެއް ކަމަށް ސަރުކާރުން ބުނަނީ ކައުންސިލްތަކުން އަމިއްލަ މީހުން ކުރާ ވިޔަފާރިގެ ތެރެއަށް ވަނުމުގެ ފުރުސަތު އޮތުމެވެ. އެކަމަކު، މިހާރު ގާނޫނު އޮންނަ ގޮތުން ވެސް ކައުންސިލްތަކަށް ބޭނުން ވިޔަފާރިއެއް ނުކުރެވޭނެ އެވެ.

"މިހާރު ގާނޫނު އޮންނަ ގޮތުން ވެސް ކައުންސިލްތަކަށް ބޭނުން ވިޔަފާރިއެއް ނުކުރެވޭނެ. އެކަމަށް ސަރުކާރުން ހުއްދައެއް ނަގަން ޖެހޭ މިހާރު ވެސް. އެ ވިޔަފާރި ނުވޭ ރަށުގެ އާންމު މީހަކު ކުރާ ވިޔަފާރިއަކަށް ވެގެނެއް ވެސް. އެހެން މިހާރު ވެސް އޮތީ. އޮއްވާ އެއަށް ވުރެ ހަރުކަށިކުރަން މި އުޅެތީ، އެ ކަންބޮޑުވުން އަޅުގަނޑުމެންގެ އޮތީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބިރަކީ މި އަންނަ ކައުންސިލް އިންތިހާބުގައި އިންތިހާބުވާ ކައުންސިލަރުންނަށް ދެން ކީއްބާވައޭ ކުރަން ޖެހޭނީ ކައުންސިލެއްގައި. ހަމަ އައްޔަންކުރުމުގެ ބަދަލުގައި އިންތިހާބުކޮށްފައި ބަޔަކު ތިބޭނީ. އެ މީހުންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ. ފިނޭންސުން މުސާރަ ދީނިމަ، މުސާރަ ހަވާލުކޮށްލައިފައި، ހަމަ ތިބޭ ގޮތަށް މިހާރު އޮތްގޮތުން ނިމިއްޖެއްޔާ ވާނީ."

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެންނަން އުޅޭ ބަދަލުގެ ސަބަބުން ރަށްރަށުގެ ތަރައްގީ އާއި ކުރިއެރުމަށް ވަރަށް ބޮޑަށް ހުރަސްއެޅޭނެ ކަމަށް ފިއްޓެ ވިދާޅުވި އެވެ.

ބިލްގައި ބުނަނީ ކީކޭ؟

ކައުންސިލްތަކުގެ މާލީ ހަރަދުތައް ކުރުން ހަނިކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅިި އިސްލާހުތަކުގެ ތެރެއިން އެއް ކަމަކީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގާއިރު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އަމަލުކުރަން ލާޒިމް ކުރުމެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އެއް އަހަރު ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ނޫނީ ބައެއް ކަންކަން ކުރަން ކައުންސިލުން ނިންމައިގެން ނުވާނެ ކަމަށެވެ. އެއީ:

1- ކައުންސިލް އިދާރާ އަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުން.

2- ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން.

ބިލްގައި ދެން ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ކައުންސިލް ހިމެނޭ ދާއިރާތަކުގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ބާރު އެ ރަށެއްގެ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ދީފައިވީ ނަމަވެސް ވަކި ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހުމެވެ. އޭގެ ތެރޭގައި ހިމެެނެނީ ބިލްގައި ވާ ގޮތުން

1- އެ ލޯކަލް އޮތޯރިޓީ ކުންފުނިން ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިގުތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން.

2- އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީ އަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ނުވުން.

3- އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނުވުން.

ބިލްގައި ބަޔާންކޮށްފައިވާ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ވެސް ނުނެގޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުއްޔަށް ދޫކޮށްފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުއްޔާއި ކައުންސިލްގެ އިމާރާތްތަކާއި މުދަލުގެ ކުއްޔެވެ.

ކައުންސިލްތަކުގެ ބޭންކު އެކައުންޓުތައް ހިންގަންޖެހެނީ ބިލްގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އަދި އެ ކައުންސިލެއްގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓް ހޯދަން ފިނޭންސް މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު ވެސް އެ މިނިސްޓްރީ އަށް ދޭން ވާނެ ކަމަށް ބިލްގައި ވެ އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމެއް ކަމަށް ސަރުކާރުން ހުށަހެޅި ބިލްގައި ބުނެފައި ވަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ އެ ގާނޫނުގައި ކަނޑައެޅުމެވެ. އަދި ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ކައުންސިލްތަކަށް ދޭ މާލީ އެހީ މުރާޖައާ ކުރުމަކީ ވެސް އިސްލާހު ގެނައުމުގެ މަގުސަދެއް ކަމަށް ބިލްގައި ބުންޏެވެ.