Roadha Mihaaru

ލާމަރުކަޒީ ގާނޫނުގެ އިސްލާހުތަކަށް އިދިކޮޅުގެ ޖަވާބު: "އަނބުރާ ގެންދެވުމަށް ދަންނަވާ"

ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް މިހާރު ފޮނުވާފައިވާ ބިލަށް އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލިހުން ރޭ ހުޅުވާލި ފުރުސަތު މިއަދުގެ މެންދުރު އެކެއް ޖެހުމާ ހަމައަށް ހަމަވިއިރު، އެ ޕާޓީގެ ޖަވާބަކީ އެ ބިލް އަނބުރާ ގެނައުން ކަމަށް ބުނެ މަޖިލިހުގެ އިދާރާ އަށް ސިޓީ ފޮނުވައިފި އެވެ.

އެމްޑީޕީގެ ޖަވާބަކީ އިސްލާހުތައް އަނބުރާ ގެންދިއުން

ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް މިހާރު ފޮނުވާފައިވާ ބިލަށް އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލިހުން ރޭ ހުޅުވާލި ފުރުސަތު މިއަދުގެ މެންދުރު އެކެއް ޖެހުމާ ހަމައަށް ހަމަވިއިރު، އެ ޕާޓީގެ ޖަވާބަކީ އެ ބިލް އަނބުރާ ގެނައުން ކަމަށް ބުނެ މަޖިލިހުގެ އިދާރާ އަށް ސިޓީ ފޮނުވައިފި އެވެ.

މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި އެންމެ ބޮޑު އިދިކޮޅު ޕާޓީން ބުނީ، ގާނޫނަށް ބަދަލެއް ގެންނަ ނަމަ އެ ކަން ކުރަން ވާނީ ފުޅާދާއިރާއެއްގައި ހިންގާ މަޝްވަރާތަކަކަށް ފަހު ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އެހެންކަމުން، މިވަގުތު ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެންދެވުމަށް، ވަރަށް އަދަބުވެރިކަމާ އެކު ސަރުކާރުގައި ދަންނަވައި ދެއްވުން އެދި ދެންނެވީމެވެ،" އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ސޮއިކުރައްވާފައިވާ ސިޓީގައި ބުންޏެވެ.

އެމްޑީޕީން ބުނީ، އެ ޕާޓީގެ ވެރިކަމުގައި 2019 ގައި ލާމަރުކަޒީ އިސްލާހުތައް ގެނައީ ވަރަށް ގިނަ ބައެއްގެ މަޝްވަރާ އާއި ހިޔާލު ހޯދުމުގެ ގިނަ ބައްދަލުވުންތައް އަދި ބައިނަލްއަގްވާމީ ޖަމިއްޔާ އާއި ޖަމާއަތްތަކުގެ ވެސް މަޝްވަރާއާ އެކު ކަމަށެވެ. އެ މަޝްވަރާތަކަށް ފަހު ގެނައި ބަދަލުގެ ނަތީޖާ ވެސް ކައުންސިލްތަކުގެ ފަރާތުން ފެންނަ ކަމަށް އެމްޑީޕީން ބުންޏެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް ހިޔާލާއި ކޮމެންޓު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ހުޅުވައިލީ އިއްޔެ ހަވީރު ހައެއް ޖެހިއިރު އެވެ. ސުންގަޑިއަކަށް ދީފައި އޮތީ މިއަދުގެ މެންދުރު އެކެއް ޖެހުމާ ހަމައަށެވެ.

ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް މިހާރު ފޮނުވާފައިވާ ބިލުގެ ސަބަބުން ކައުންސިލަރުންނަށް މުސާރަ ނަގައިގެން ތިބުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް އެމްޑީޕީން މިއަދު ބޭއްވީ ނިއުސް ކޮންފަރެންސްގައި ބުންޏެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާރު (ފިއްޓެ) ވިދާޅުވީ، ކައުންސިލަރެއްގެ މަގާމު ހުސްވެއްޖެ ނަމަ ދެން އަންނަ ކައުންސިލް އިންތިހާބު ބާއްވަން 18 މަސް ދުވަހަށް ވުރެ ކުރު މުއްދަތެއް އޮވެއްޖެ ނަމަ ބައި-އިލެކްޝަން ނުބޭއްވޭ ގޮތަށް ހަދައި، އެމްޑީޕީގެ ސަރުކާރުގައި ކައުންސިލްތަކުގެ އިހުތިސާސް ކަނޑައަޅަން ދިން ބާރު ވެސް ސީދާ ރައީސްގެ ބާރުގެ ދަށަށް ގެންގޮސް، މިހާރު އުޅެނީ ކައުންސިލްތަކުގެ މާލީ ބާރުވެރިކަމާއި މިނިވަންކަން ވެސް ކަނޑުވާލަން ކަމަށެވެ.

އެކަމަކު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރުން އެކަމާ ދެކޮޅެވެ. ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އިސްލާހުތަކުން ނުބައި ތަސައްވުރެ ދިނުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާ ކަމަށެވެ.

"މީގައި [ބިލްގައި] މި ބުނަނީ ކައުންސިލްތަކުން ވިޔަފާރި ކުރާށޭ ލޯކަލް ގަވަމަންޓް ކުންފުނިތައް މެދުވެރިކޮށް. ކުރާއިރުގައި އެ ރަށެއްގައި އާންމު ރައްޔިތަކު ކުރާ މަސައްކަތެއް ނުކުރާށޭ. ދިހަ މިލިއަނަށް ވުރެ ބޮޑު އަދަދެއްގެ ވިޔަފާރިއަކަށް ނުވާށޭ. އަދި ހަމަ އެހެންމެ ކައުންސިލުން ކުރަން ކަނޑައަޅާ މަސައްކަތަކީ ރަށުގެ އުމްރާނީ ތަރައްގީއާ ކޮންމެހެން ގުޅިފައިވާ މަސައްކަތަކަށް ވާާށޭ،" ބިލްގެ ބައެއް ތަފުސީލްތައް ތިލަކޮށްދެއްވަމުން ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ، އެއީ ލާމަރުކަޒީ ނިޒާމު ފުނޑާލުން ކަަމަށް މާނައެއް ނުކުރެވޭނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ އިސްލާހުގެ ބިލްގައި ބުނަނީ ކީކޭ؟

ކައުންސިލްތަކުގެ މާލީ ހަރަދުތައް ކުރުން ހަނިކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅިި އިސްލާހުތަކުގެ ތެރެއިން އެއް ކަމަކީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގާއިރު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އަމަލުކުރަން ލާޒިމް ކުރުމެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އެއް އަހަރު ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ނޫނީ ބައެއް ކަންކަން ކުރަން ކައުންސިލުން ނިންމައިގެން ނުވާނެ ކަމަށެވެ. އެއީ:

1- ކައުންސިލް އިދާރާ އަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުން.

2- ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން.

ބިލްގައި ދެން ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ކައުންސިލް ހިމެނޭ ދާއިރާތަކުގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ބާރު އެ ރަށެއްގެ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ދީފައިވީ ނަމަވެސް ވަކި ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހުމެވެ. އޭގެ ތެރޭގައި ހިމެެނެނީ ބިލްގައި ވާ ގޮތުން

1- އެ ލޯކަލް އޮތޯރިޓީ ކުންފުނިން ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިގުތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން.

2- އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީ އަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ނުވުން.

3- އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނުވުން.

ބިލްގައި ބަޔާންކޮށްފައިވާ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ވެސް ނުނެގޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުއްޔަށް ދޫކޮށްފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުއްޔާއި ކައުންސިލްގެ އިމާރާތްތަކާއި މުދަލުގެ ކުއްޔެވެ.

ކައުންސިލްތަކުގެ ބޭންކު އެކައުންޓުތައް ހިންގަންޖެހެނީ ބިލްގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އަދި އެ ކައުންސިލެއްގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓް ހޯދަން ފިނޭންސް މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު ވެސް އެ މިނިސްޓްރީ އަށް ދޭން ވާނެ ކަމަށް ބިލްގައި ވެ އެވެ.