އިންތިޚާބުތަކާ ގުޅޭ ގާނޫނުތަކަށް ސަރުކާރާއި ޕީޕީއެމުން ހުށަހެޅި އިސްލާހުތަކަށް ވޯޓަށް އަހަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މިއަދު ވެސް ދެކޮޅު ހައްދަވައިފި އެވެ.
03 ޖުލައި 2018
އިންތިޚާބުތަކާ ގުޅޭ ގާނޫނުތަކަށް ސަރުކާރާއި ޕީޕީއެމުން ހުށަހެޅި އިސްލާހުތަކަށް ވޯޓަށް އަހަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މިއަދު ވެސް ދެކޮޅު ހައްދަވައިފި އެވެ.
މަޖިލީހުގެ ޖަލްސާގައި މަސީހު ވިދާޅުވީ މަޖިލީހުގައި ވޯޓަށް ނަގަން އެޖެންޑާ ކުރި ތިން ބިލަކީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ނިންމުމަށް ވޯޓަށް އަހަން ޖެހޭ ބިލުތަކެއް ކަމަށެވެ. މަސީހް ވިދާޅުވި ގޮތުގައި ވޯޓަށް އަހަން ބަލާއިރު، އެކަށީގެންވާ އަދަދަކަށް މެމްބަރުން ނެތެވެ. ނަމަވެސް ޖަލްސާ އަށް ހާޒިރުވެ ތިއްބެވީ ކިތައް މެމްބަރުން ކަމެއް މަސީހް ވިދާޅެއް ނުވެ އެވެ.
ބިލް ފާސް ކުރުމާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން މެމްބަރުން ޖަލްސާ އަށް ހާޒިރުވެވަޑައިގެން، ވޯޓުގައި ބައިވެރިވެވަޑައިގަތުމަށް މަސީހް އެދިވަޑައިގެންނެވި އެވެ.
"އެއީ ކުރި އަށް އޮތް ފަސް އަހަރާ ގުޅޭ ގޮތުން ދިވެހި ރައްޔިތުން ނިންމަވާ ނިންމެވުމަކާ ގުޅޭ ގޮތުން ވަރަށް މުހިންމު ނިންމުމެއް،" މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން މަސީހް ވިދާޅުވި އެވެ.
ދެން އޮންނަ ޖަލްސާއެއްގައި ގަވައިދުގައިވާ ގޮތުގެ މަތިން މެމްބަރުން އަމަލު ކޮށްދެއްވުމަށް މަސީހް ވަނީ އެދިވަޑައިގެންފަ އެވެ. މަޖިލިސް ނިންމަވާލެއްވިކަން އިއުލާން ކުރެއްވުމާއެކު، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ވަނީ ނިޒާމީ މައްސަލަތައް ނަންގަވަން މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު، މަޖިލީހުގެ ރައީސް ޖަލްސާ ނިންމަވާލެއްވީ އެ ފުރުސަތު ނުދެއްވަ އެވެ.
ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ ވިލިމާލެ ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުށައެޅުއްވި ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހުށަހެޅުއްވި ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ފާސް ކުރުމާ މެދު ގޮތެއް ނިންމުމެވެ.
އިއްޔެގެ ޖަލްސާގައި މެމްބަރުން މަދު ކަމަށް ވިދާޅުވެ، މަސީހް ވަނީ އެ ބިލުތަކަށް ވޯޓަށް އަހަން ދެކޮޅު ހައްދަވައި މަސީހް ވަނީ ޖަލްސާ ނިންމަވާލައްވައިފަ އެވެ.
މަސީހް އެގޮތަށް ވިދާޅުވިޔަސް، މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން އުޅުނު ތިން ބިލު ފާސް ކުރަން ވަކި ޚާއްސަ އަޣުލަބިއްޔަތެއް ގާނޫނުއަސާސީގައި ނޯވެ އެވެ. އެހެންވެ، މަދުވެގެން 21 މެމްބަރުން (މަޖިލީހުގެ ޖަލްސާގެ ގާނޫނީ އަދަދު) ބައިވެރިވާ ޖަލްސާއެއްގައި ވޯޓު ދޭ މެމްބަރުންގެ އަޣުލަބިއްޔަތުން މަޖިލީހުގެ ޖަލްސާގައި އެ ބިލުތަކަށް ވޯޓަށް އެހުމަށް އެއްވެސް ހުރަހެއް ނެތެވެ.
މަސީހް އެހެން ވިދާޅުވިއިރު، ދެވަނަ ދައުރުގެ ޖަލްސާތައް ފެށުނު ފަހުން ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ހަމައެކަނި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުންނެވެ. ޖަލްސާތަކުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިނުގަންނަވަނީ މަސީހު ރިޔާސަތުގައި އިންނަވައިގެން ޖަލްސާތައް ކުރިއަށް ގެންދަވާ ކަމަށް ބުނެ އެވެ.
މީގެއިތުރުން ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ ގިނަ މެމްބަރުންތަކެއް ވަނީ ރައީސް އަބްދުﷲ ޔާމީނާއެކު، ށ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ވަޑައިގެންފަ އެވެ.
ރިޔާސީ އިންތިޚާބުގެ ގާނޫނަށް ނިހާން ހުށަހެޅުއްވި އިސްލާހަކީ ބޭރު ގައުމަކުން ހިމާޔަތާއި ރަށްވެހިކަން ހޯދައިގެން އުޅޭ މީހުން، އެ ގައުމެއްގެ ހިމާޔަތާއި ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް ހެދުމަށެވެ.
މީގެއިތުރުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަން ޖެހޭ ފީގެ އަދަދު އެއް ލައްކަ ރުފިޔާ އަށް ބޮޑު ކުރަން ރިޔާސީ އިންތިޚާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުގައިވެ އެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ގިނައީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންގައި ހިމެނޭ ކަންކަމެވެ. އޭގެ އިތުރު އިސްލާހުތަކެއް ވެސް ހިމެނެ އެވެ.
މެމްބަރުން ޖަލްސާތަކުގައި ބައިވެރިވާން އާދޭސް ކުރަނީ!
މުހިއްމު ބިލްތަކަށް ވޯޓަށް ނާހައި މެމްބަރުން ޗުއްޓީއަށް
މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާ ހޮނިހިރު ދުވަހު
މަޖިލީހުގެ ތިން ވަނަ ދައުރު ދިގު ދަންމާލަން ނިންމައިފި
މަޖިލިހުގައި ޖޭޕީން އެމްޑީޕީއާ އަރާ ހަމަކޮށްފި!
ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ނުފެށިފައި
ގާނޫނުއަސާސީ ބުނާ އަދަދު ނެތަސް ވޯޓު ނަގަން ނިންމައިފި
އިންތިޚާބުތަކުގެ ގާނޫނުތައް އިސްލާހުކުރުން މާދަމާ
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާ ގޮތަށް ފާސްކޮށްފި