ލޯކަލް ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ހަނިކުރާ ބިލު ތަސްދީގު ނުކުރުމަށް އެމްޑީޕީން މިރޭ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ގޮވާލައިފި އެވެ.
07 އޯގަސްޓް 2025
ލޯކަލް ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ހަނިކުރާ ބިލު ތަސްދީގު ނުކުރުމަށް އެމްޑީޕީން މިރޭ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ގޮވާލައިފި އެވެ.
އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އެފަދަ އިސްލާހެއް ގެނައީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ސަރުކާރަށް ނުކުރެވޭއިރު، އެ މަސައްކަތްތައް ކައުންސިލުން ކުރާތީ އެކަންތައް ހުއްޓުވުމަށް ކަމަށެވެ.
އެ ބިލާ ދެކޮޅަށް މިހާތަނަށް 56 ކައުންސިލަކުން ކަންބޮޑުވުން ފާޅުކޮށްފައި ބަޔާން ނެރެފައި އޮއްވައި ވެސް، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން، އެ ކަންބޮޑުވުންތައް އަޑުނާހައި، އެ ބިލު ފާސްކުރި ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހެންވެ، އޭނާ ވަނީ "ގައުމުގެ ހައްގުގައި" އެ ބިލު ތަސްދީގު ނުކުރުމަށް ރައީސް މުއިއްޒަށް ގޮވާލައްވައިފަ އެވެ.
"މިރޭ އަޅުގަނޑު ހަމަ ގައުމަށްޓަކައި ރައީސް މުއިއްޒަށް އަޅުގަނޑު ހަމަ ގޮވާލަން [ކައުންސިލްތަކާ ގުޅޭ ބިލް] ތަސްދީގުނުކުރަން. ތަސްދީގުނުކުރައްވާށޭ، އަލުން ވިސްނަވާށޭ، ތިކަން ހުއްޓާލައްވާށޭ،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އެ ބިލު ތަސްދީގު ކުރައްވައި، ގާނޫނަކަށް ހެދިޔަސް، ދެން އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައި ކައުންސިލްތަކަށް އަލުން އެ ބާރުތައް ދޭނެ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ މާލީ ކަންކަން ހިފެހެއްޓޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ކޮމެޓީން ފާސްކުރީ ވެސް ރޭގެ ވަގުތެއްގަ އެވެ. އެއަށްފަހު، މިއަދުގެ ޖަލްސާގައި އެ ބިލު ވަނީ ފާސްކޮށްފަ އެވެ.
އެ ބިލްގައިވާ ގޮތުން ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރުގައި ހަރަދު ކުރުމުގައި ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ބައެއް ކަންކަން ކުރަން ލާޒިމްވެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މެމްބަރުން.-- ފޮޓޯ: އެމްޑީޕީ
އެގޮތުން ކައުންސިލްގެ ފަހު އަހަރު ކައުންސިލް އިދާރާއަށް މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން ކަމަށް އެ ބިލުގައިވެ އެވެ.
އެކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަދި ލާމަރުކަޒީ ކޮމެޓީގެ ކުރީގެ މުގައްރިރު، އަލީ ނިޔާޒު ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުވުމަކީ އެމްޑީޕީއަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެއީ ރަނގަޅަށް ތަންފީޒުކޮށް، ނަތީޖާ ވެސް ނެރެފައިވާ ނިޒާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ މި ސަރުކާރުން މަޝްރޫއެއް ނުހިންގިއަސް ކައުންސިލްތަކުގެ ބާރު ކަނޑުވާލަން މަސައްކަތްކުރާ ކަމަށެވެ.
އެ ޖަލްސާގައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ މައި ސަރުކާރަށް ބަރޯސާނުވެ، ރަށްރަށުގެ ކައުންސިލްތަކުން ވަރަށް ގިނަ މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް، އެކަންކަމާ ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ނޫނެކޭ ބުނެ، ކައުންސިލްތަކުގެ ދިފާއުގައި ސީދާ ހަރަކާތަށް ނުކުތުމަށް ބައެއް މެމްބަރުން ވަނީ ގޮވާލައިފަ އެވެ.
އެ ގާނޫނަށް ގެނައި އިތުރު އިސްލާހުތަކުގެ ތެރޭގައި؛
- ކައުންސިލްތަކުގެ ލޯކަލް އޮތޯރިޓީ ކުންފުނިތަކުންކުރާ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުނުވުން. ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުލި ނެގުން ވެސް މަނާ.
- ކައުންސިލްތަކުގެ ބޭންކު އެކައުންޓުތައް ހިންގަންޖެހެނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިން. އެ ކައުންސިލެއްގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓް ހޯދަން ފިނޭންސް މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު އެ މިނިސްޓްރީ އަށް ދޭން ވާނެ.
އަންނަ އަހަރުގެ ބަޖެޓާ މެދު ފައްޔާޒުގެ ކަންބޮޑުވުން
ސަރުކާރުން އުޅެނީ ކައުންސިލްތަކުގެ އިތުބާރު ގެއްލުވާލަން
ނަތީޖާއާ މެދު މާޔޫސްވާންވީ ސަބަބެއް ނެތް: ފައްޔާޒު
"ދޫކޮށްލި ބާރުތައް ޖަމާކުރުމަކީ ބިރުވެރި ވާހަކައެއް"
ކައުންސިލްތައް ފެއިލްކޮށްލީ ޔާމީންގެ ސަރުކާރުން: ނަޝީދު
އެމްޑީޕީގެ 400 ޓިކެޓަށް ވާދަކުރާކަށް ނުޖެހުނު
ކައުންސިލަރުން ސަސްޕެންޑް ކުރި މައްސަލަ ހައި ކޯޓަށް
ބާރެއް ނެތް، މެޖޯރިޓީ ލިބިގެން ކަމެއް ވާނެތަ؟
"ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތައް އުވާލާނަން"
އީޕީއޭއަށް ގެނައި ބަދަލާ މެދު ފައްޔާޒުގެ ކަންބޮޑުވުން