Roadha Mihaaru

ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތައް އުވާލާނަން: އިބޫ

ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެންނަމުން އަންނަ އިސްލާހުތައް ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި އުވާލާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެެ އެވެ.

"ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތައް އުވާލާނަން"
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

12 ސެޕްޓެމްބަރ 2025

ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެންނަމުން އަންނަ އިސްލާހުތައް ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި އުވާލާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެެ އެވެ.

އއ. ބޮޑުފޮޅުދޫ ރައްޔިތުންނާ އިބޫ ބައްދަލު ކުރައްވަން ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށް އަބަދުވެސް ގަބޫލުފުޅު ކުރައްވާ ކަމަށާއި ސިޔާސީ ބާރުވެރިކަން ދޫކޮށްލައި މާލީ ބާރުވެރިކަން ރަށްރަށުގެ ކައުންސިލުތަކަށް ދީގެން ނޫނީ ރާއްޖެ ތަރައްގީ ނުވާނެ ކަމަށެވެ.

އެހެންވެ، ލާމަރުކަޒީ ނިޒާމާ ބެހޭ ގާނޫނުތައް ކުރީގެ ވެރިކަމުގައި ގެނައީ ބުރަ މަސައްކަތްތަކަކާ އެކު ކަމަށް އިބޫ ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމާ ބެހޭ ގާނޫނާ ބެހޭ ޑްރާފްޓް އެކުލަވައިލުމުގެ މަސައްކަތުގައި ކައުންސިލަރުންނާއި މިނިސްޓްރީތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ވެސް އޭރު މަޝްވަރާ ކުރެއްވި ކަމަށް އިބޫ ވިދާޅުވި އެވެ.

ބޮޑުފޮޅުދޫގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބޫ ބައިވެރިވެވަޑައިގަންނަވަނީ.

ބޮޑުފޮޅުދޫގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބޫ ބައިވެރިވެވަޑައިގަންނަވަނީ.

އިބޫ ވިދާޅުވީ، އެ މަނިކުފާނު އެ ޑްރާފްޓް ކެބިނެޓަށް ހުށަހެޅުއްވުމުން، ހުރަސްތަކެއް ކުރިމަތިވި ކަމަށާއި ގާނޫނަކަށް ވެއްޖެ ނަމަ ސަރުކާރު ހިންގަން ދަތިވާނެ ކަމަށް އޭރުގެ ބައެއް ވަޒީރުން ވެސް ދެކެވަޑައިގެންނެވި ކަމަށެވެ. އެކަމަކު އޭރު ވެސް އެ މަނިކުފާނު ގަބޫލުފުޅު ކުރެއްވީ އެއީ ރާއްޖެ އަށް މުހިއްމު ގާނޫނެއް ކަމަށް އިބޫ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑު ގަސްދުކުރީ އަދި އެއީ އަޅުގަނޑުގެ ހިތުގެ އަޑިން ގަބޫލުކުރާ ކަމަކަށް ވާތީ މި ރާއްޖެ ތަރައްގީ ކުރެވޭނީ އެ ނިޒާމުގެ ތެރެއިން ކަމަށް ގަބޫލުކުރާތީ އެ ނިޒާމުގެ ތެރެއިން ކުރިއަށް ދާން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި އެ ގާނޫނުގެ ނަތީޖާ ވެސް ރަނގަޅެވެ. އަދި ގާނޫނުގެ ސަބަބުން މައި ސަރުކާރު ހިންގުމަށް ކުދިކުދި ދަތިތަކެއް ހުރެދާނެ ކަމަށާއި ސަރުކާރަށް ބޭނުންވާ ހުރިހާ ކަމެއް ކުރުމުގެ ފުރުސަތު ވެސް އެ ގާނޫނުން ނުލިބިދާނެ ކަމަށް ވިދާޅުވި އެވެ. އަދި ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންގެ އަޑު އަހަން ޖެހޭކަން ފާހަގަކުރައްވައި، އިބޫ ވިދާޅުވީ ޑިމޮކްރަޓިކް ނިޒާމެއްގެ ތެރެއިން ވެރިކަމެއް ކުރަން ބޭނުންނުވާ ބަޔަކަށް އެ ނިޒާމު ކަމަކު ނުދާނެ ކަމަށެވެ.

"މިއަދު ދިމާވެގެން މިއުޅެނީ އެ މައްސަލަ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރު އަނެއްކާ ވެސް މި ރާއްޖޭގައި ވެރިކަން ކުރާނީ އެމްޑީޕީގެ ސަރުކާރެއް. އެ ސަރުކާރުގައި މިއަދު ލާމަރުކަޒީ ނިޒާމަށް މި ގެންނަ ހުރިހާ ބަދަލުތަކެއް އަނެއްކާ ވެސް އަނބުރާ ދޫކޮށްލާނަން. ކައުންސިލުތަކަށް އެ ބާރު ދޭނަން،" އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ ރައީސް ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ބާރުތައް އަނބުރާ ކައުންސިލުތަކަށް ދޭނެ ކަމަށާއި މާލީ ފުއްދުންތެރިކަން ކައުންސިލުތަކަށް ހޯދައިދޭނެ ކަމަށެވެ. އަދި ސަރުކާރުގެ ބަޖެޓުން ކައުންސިލުތަކަށް ދޫކުރާ ގްރާންޓު އިތުރުކުރާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ބަދަލަކީ ފަސް އަހަރުގެ ދައުރުގެ ތެރެއިން އެންމެ ފަހު އަހަރު ކައުންސިލުތައް "ތަޅު އެޅުވުން" ކަމަށެވެ. ސަރުކާރުގެ ހުއްދަ ނެތި ކައުންސިލުތަކަށް އެއްވެސް މަޝްރޫއުއެއް ނުކުރެވޭ ގޮތަށް ބަދަލުކޮށްފައިވާތީ އެކަމަށް އިބޫ ފާޑުވިދާޅުވި އެވެ.