Roadha Mihaaru

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން 33 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރަނީ

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ މީހުންގެ 33 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރަން އެ ޕާޓީގެ ކަމާ ގުޅޭ ކޮމިޓީގެ ރިޕޯޓެއްގައި ހިމަނައިފި އެވެ.

ލޯކަލްއިންތިހާބުގައި އެމްޑީޕީން 33ޕަސެންޓު ޒުވާނުންނަށް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ މީހުންގެ 33 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރަން އެ ޕާޓީގެ ކަމާ ގުޅޭ ކޮމިޓީގެ ރިޕޯޓެއްގައި ހިމަނައިފި އެވެ.

އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ތައްޔާރީތަކާ ގުޅޭ ރިޕޯޓު އިއްވަވަމުން ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ތައްޔާރީތަކާ ބެހޭ ހާއްސަ ކޮމިޓީގެ މުގައްރިރު އަދި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ، ޒުވާނުން ކަމަށް ބަލާނީ އުމުރުން 18-35 އަހަރު ކަމަށެވެ.

"މިސާލަކަށް ފަސް ކައުންސިލަރުން ތިބޭ ރަށެއްގައި ވެއްޖިއްުޔާ އޭގެ ތެރެއިން 33 ޕަސެންޓު އެއީ ޒުވާނުންނަށް،" ޔައުގޫބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ހޮވާ ޕްރައިމަރީ އަށް ފޯމު ހުށަހަޅާއިރު ޒުވާނުންނަށް "ހާއްސަ ޖާގަ" އަށް ކުރިމަތިލާ ނަމަ އެކަން ފާހަގަ ކުރަން ވާނެ ކަމަށެވެ. އަދި "ޒުވާނުންގެ ހާއްސަ ޖާގަ" އަށް ގިނަ ބަޔަކު ކުރިމަތިލާ ނަމަ އެ މީހުންގެ މެދުގައި ޕްރައިމަރީއެއް ބާއްވާނެ ކަމަށް ޔައުގޫބު ވިދާޅުވި އެވެ.

"މުޅި ޖުމުލަ ކައުންސިލަށް ވާދަކުރާ މެމްބަރުންގެ މެދުގައި އޮންނަ ޕްރައިމަރީއަކަށް ނޫން އެ ބޭފުޅުން، އެ ބައި ހަމައެކަނި ޒުވާނުންގެ ޖާގައިގެ ތެރޭގައި އެ ޕްރައިމަރީ ކުރިއަށް ދާ ގޮތަށް އަޅުގަނޑުމެންގެ ވިސްނުން މި ހުރީ،" އޭނާ ވިދާޅުވި އެވެ.

އިއްޔެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ޔައުގޫބު ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްޑީޕީ

އިއްޔެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ޔައުގޫބު ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ދޭއިރު ވެސް 33 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރަން އެމްޑީޕީން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީން މި ފަހަރު ކަނޑައަޅާފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެ ޕާޓީގެ ޓިކެޓު ހޯދަން ބޭނުންވާ ހުރިހާ ކެންޑިޑޭޓުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ބާއްވާށެވެ. އެއީ ބައިވެރިން މަޖުބޫރު ޕްރޮގްރާމެއް ކަމަށް ޔައުގޫބު ވިދާޅުވި އެވެ.

"އެކަމަކު އެއީ ފާސްވާ، އެ ގޮތަށް ޓެސްޓެއް ދީގެން ކުރިއަށް ގެންދާ ކަމެއް ނޫން. އޭގައި މައިގަނޑު ގޮތެއްގައި ޕާޓީގެ ފިލޯސަފީ އާއި ޕާޓީގެ މައިގަނޑު އުސޫލުތަކާއި އަސާސްތަކާއި މި ކަންކަމާ ގުޅޭ ގޮތުންނާއި ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މައުލޫމާތުތަކެއް [ދޭނީ]،" އޭނާ ވިދާޅުވި އެވެ.

އިއްޔެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުން ކުރިއަށް ގެންދަނީ.---ފޮޓޯ: އެމްޑީޕީ

އިއްޔެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުން ކުރިއަށް ގެންދަނީ.---ފޮޓޯ: އެމްޑީޕީ

މިހާރު މަގާމުގައި ތިއްބެވި ލޯކަލް ކައުންސިލަރުން އެ ޕްރޮގްރާމުގައި ބައިވެރިވުން މަޖުބޫރު ނޫން ކަމަށް ޔައުގޫބު ވިދާޅުވި އެވެ. އެކަމަކު، އެ ބޭފުޅުން ބޭނުން ނަމަ ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީން ނިންމާފައިވާ އެއްކަމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓު ދޭއިރު މާކްސް ދިނުމާ އެކު "ވެޓިން ޕްރޮސެސް" އެއް ކުރިއަށް ގެންދާށެވެ. އަދި އެ ޕްރޮސެސް ކުރިއަށް ގެންދަން ތިން މެމްބަރުންގެ ކޮމިޓީތަކެއް އެކި ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

ޓިކެޓު ދިނުމާ މެދު ގޮތެއް ނިންމާއިރު އެ ރަށެއްގައި ހަރަކާތްތެރިވާ އެމްޑީޕީގެ ހިންގާ ކޮމިޓީ އާއި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރަކު ހުންނެވި ނަމަ އެ ބޭފުޅަކާއި އެމްޑީޕީގެ ދާއިރާގެ ރައީސާއި އެ ޕާޓީގެ ކަންތައްތަކުގައި އެ ރަށެއްގައި ހަރަކާތްތެރިވާ އިސް މީހުންނާ މަޝްވަރާ ކުރާނެ ކަމަށް ޔައުގޫބު ވިދާޅުވި އެވެ.