Roadha Mihaaru
ޓްރަމްޕަށް ދިން ހަމަލާ ރައީސް ކުށްވެރި ކުރައްވައިފި

ޓްރަމްޕަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި

14 ޖުލައި 2024

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުށްވެރި ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުށްވެރި ކުރައްވައިފި އެވެ.

އެމެރިކާގައި އަންނަ ނޮވެމްބަރު މަހު ބާއްވާ އިންތިހާބުގެ ކެމްޕެއިނަށް ޕެންސިލްވޭނިއާގައި އިއްޔެ ބޭއްވި ރެލީއެއްގައި ވާހަކަ ދައްކަވަނިކޮށް، އެތަނާ ކައިރިން ފުރާޅެއްގެ މަތީގައި ހުރި މީހަކު ވަނީ ޓްރަމްޕަށް ބަޑިން ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ.

ބަޑީގެ އަޑުފައްގަނޑާ އެކު 78 އަހަރުގެ ޓްރަމްޕް އޭނާގެ ކަނާތްފަރާތު ކަންފަތް މަތީ އަތް އެޅުއްވި އެވެ. އެއާ އެކު މޫނުމަތީގައި ލޭ ހުއްޓާ ފެނުނެވެ. ނަމަވެސް ޓްރަމްޕަށް އިތުރު އަނިޔާއެއް ނުލިބި، ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ.

އެކަމާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ސިޔާސީ މައިދާނުގައި ހަމަނުޖެހުންތަކަށް ޖާގައެއް ނޯންނާނެ ކަމަށާއި ކޮންމެ ތަނެއްގައި ވިޔަސް، ހަމަނުޖެހުން ހިންގުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ހެޔޮއެދުންތައް ވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެ މަނިކުފާނުގެ އާއިލާ އަދި ހަމަލާގައި ޒަހަމްވި މީހުންނަށް." ޕޯސްޓުގައިވެ އެވެ.

އެމެރިކާގެ ރަސްމީ އިދާރާތަކުން ބުނީ މި ހާދިސާ ތަހުގީގު ކުރަމުން ގެންދަނީ ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މައްސަލައެއްގެ ގޮތުގައި ކަމަށެވެ.